ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 09:29
ވަކީލު ނިޝާން އިބްރާހިމް
ވަކީލު ނިޝާން އިބްރާހިމް
މުރުޝިދް އަބްދުލް ހަކީީމް
ފަލަސުރުހީ
ހައްގެއް ހޯދުމަށް އެއްވެސް ބަޔެއްގެ ހުއްދައެއް ހޯދަން ނުޖެހޭ: ނިޝާން
ޖިނާއީ އިޖުރާއަތުތަކުގެ ތެރެއިންވެސް އެފަދަ ހުއްދައެއް ހޯދުމަށް އަންގާފައެއް ނެތް
އަސާސީ ހައްގެއް ހިފެހެއްޓޭނީ ގާނޫނަކުން ކަނޑައަޅާފައިވާ މިންވަރަކަށް
މިކަންކަމަށް ހައްލުތައް އައުން ހުރީ ވަރަށް ކައިރީގައި

ހައްގެއް ހޯދުމަށްޓަކާއި ހުއްދައެއް ހޯދަން ނުޖެހޭ ކަމަށާއި ހައްގު ހޯދުމަށް ދިވެހިރާއްޖެ ގާނޫނުއަސާސީގައިވެސް އެއްވެސް ހުއްދައެއް ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށް ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

 ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ، ޖިނާއީ އިޖުރާއަތުތަކުގެ ތެރެއިންވެސް އެފަދަ ހުއްދައެއް ހޯދުމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ. ހައްގުތައް ހޯދުމަށް ހުއްދަ ހޯދަން ނުޖެހޭ އިރު ގާނޫނު އަސާސީގައި ހައްގުތައް ހިފެހެއްޓިގެންދާ ގޮތްވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވެވި އެވެ. 

"އަސާސީ ހައްގެއް ހިފެހެއްޓޭނީ، ގާނޫނަކުން ކަނޑައަޅާފައިވާ މިންވަރަކަށް.ގާނޫނުން ކަނޑައަޅާފައިވާ ގޮތުގެ މަތިން. އަދި އިސްލާމްދީނުގެ އަސްލެއް ހިމާޔަތް ކުރުމަށް. މި ނޫން ގޮތަކަށް އަސާސީ ހައްގުތަކެއް ނުހިފެހެއްޓޭނެ. މިގޮތަށްވެސް ހިފެހެއްޓޭނީ މިނިވަން ޑިމޮކްރާތީ މުޖުތަމައުތަކުގައި ހިފެހެއްޓޭ މިންވަރަށް." ނިޝާން ވިދާޅުވި އެވެ.

 ނިޝާން ވިދާޅުވީ މީހުން ހައްޔަރުކޮށްގެން އެކަހެރި ކުރުމަށް ވަކި އުސޫލުތަކެއް އޮންނަ އިރު ނަފްސާނީ މައްސަލައެއް ހުންނަ ހާލަތެއްގައި އެމީހާ އެކަހެރިކޮށް ބެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޖިނާއީ ދައުވާ ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ ކޮންމެ ގާނޫނެއްގައިވެސް ހައްގާއި ވާޖިބު ބަޔާންކޮށްފައިވާ އިރު ފުލުހުންގެ ގާނޫނުގައި ފުލުހުން އަދާކުރަންޖެހޭ ހައްގުތައްވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހައްގުތައް ނުލިބިގެން އިހްތިޖާޖުކުރަން ޖެހިފައި ހުރީ. ހައްގުތައް ނުލިބިގެން އެ ހައްގުތައް ހޯދަން ޖެހިފައި ހުރީ. އެފްރިކާގެ ގައުމުތަކާއި އިންޑިއާއަށް ބެލިޔަސް މިކަން އެނގިގެންދާނެ." ނިޝާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް