ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 09:14
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު
އަހުމަދު މުހުސިނު
ރާއްޖެޓީވީގެ ފަލަ ސުރުހީ
އެމްޑީޕީގެ ފަލްސަފާއަކީ ރައްޔިތުން ކައިރިއަށް ގޮސް ރުހުން ހޯދައިގެން ކާމިޔާބު ކުރުން: ހަސަން ލަތީފު
އެމްޑީޕީން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާނެ
އެރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަ ތަކަށް ހައްލު ހޯދާނެ
ރައްޔިތުންގެ ހާލަތު ދެނެގަތުމަށް އެމްޑީޕީން ނުދާ ރަށެއް މަދުވާނެ

އެމްޑީޕީގެ ފަލްސަފާއަކީ ރައްޔިތުން ކައިރިއަށް ގޮސް އެރައްޔިތުންގެ ރުހުން ހޯދައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާނެ ކަމަށާއި، އެރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަ ތަކަށް ހައްލު ހޯދާނެ ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެޕާޓީން ނުކުންނަނީ ރައްޔިތުންގެ ރުހުމާއެކު އިންތިހާބު ކާމިޔާބު ކުރުމަށްށެވެ.

ހަސަން ލަތީފު ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތުން ރައްޔިތުންގެ ހާލުބެލުމަށް އެމްޑީޕީން ނުދާ ރަށެއް މަދުވާނެ ކަމަށެވެ.

"ދަތުރުތައް ކުރަންޖެހޭ ސަބަބަކީ ރައްޔިތުންގެ ކަރިއަށް ގޮސް އެމީހުންނާ ސުވާލުކޮށް، އެމީހުންނާ ވާހަކަ ދައްކާ އެމީހުންގެ އެނދުގައި އިށީންދެ ޖޯލީގައި އޮށޯވެ މިހުރިހާ ކަމެއްކޮށް އެމީހުންނާއެކު ކައިބޮއެ ހެދީމަ އެނގެނީ އެމީހުންގެ އަސްލު ވިސްނުމަކީ ކޮބައިކަން. އެމީހުންނަށް ދަތިވާ ކަންކަމަކީ ކޮބައިކަން" ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ ހާލަތު ދެނެނުގަނެ މެނިފެސްޓޯއެއް އެކުލަވައި ނުލެވޭނެ ކަމަށާއި، މެނިފެސްޓޯ އަކީ ކުރަހާލެވޭ މަންޒެއް ކަމަށެވެ. އެގޮތުން ރައީސް ނަޝީދު އެވިދާޅުވާ އަނެއް ދިވެހިރާއްޖޭގެ މާނައަކީ ރައްޔިތުން ސަލާންޖަހަން ނުޖެހޭ އެތަކެއް ކަމަކަށް ހައްލު ހޯދައިދޭނެ މެނިފެސްޓޯގެ ތަސައްވުރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ޕްރިންޓް ކުރުމާއި ހަމައަށް ބަދަލުތައް ގެންނާނެ ކަމަށާއި، މެނިފެސްޓޯ އެކުލަވާލަމުން ދަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ރައީސް ޔާމިންގެ ރިޔާސީ މެނިފެސްޓޯއަކީ ސަޕްރައިޒެއް ކަމަށް ވިދާޅުވެފައިވަތީ އެކަމަށް އިޝާރާތް ކުރައްވާ ހަސަން ލަތީފު ވިދާޅުވީ މިއީ މެނިފެސްޓޯ އެކުލަވާލާ ގޮތް ނޫން ކަމަށެވެ. ރައްޔިތުންނަށް ސިއްރުން ކަންކަން ކުރުމުން އެރައްޔިތުން ހާލަތާއި، ރައްޔިތުން ބޭނުންވާ ކަންކަން ދެނެނުގަނެވޭނެ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

"އެއީ ޖާދޫގަރު ރައްޔިތުން އެއްކޮށްފަ އޭނަ ތޮފިން މިފަހަރު ނަގާނީ ކޮންއެއްޗެއްތޯ މިއަހަނީ. ރައްޔިތުން ވިސްނާނީ ރުމާލެއްތޯ؟ މުސަޅެއްތޯ؟ ނޭނގޭ ހިސާބުގައި އޮންނަ ކަމެއް ނޫން މިއީ. ރައްޔިތުން މުސަޅު ބޭނުންވާ ކަމަށްވަންޏާ އަޅުގަނޑުމެން މުސަޅު ދޭނެ. އެއީ ހަގީގަތުގައި އެކަންކުރާ ގޮތަކީ. ރައްޔިތުންނަށް ފައިދާވާނީ އެހެން ކަންތައްކުރީމަ. ސާފުކޮށް ސިޔާސަތުތައް ކިޔާދެނީ އެހެންވެ." މިސާލު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމިން ދޭތެރެ ދޭތެރެއިން ޖަލްސާއެއް ބާއްވާ، އެޖަލްސާތަކަށް މަޖުބޫރުން މީހުން ގެންދިޔަ ނަމަވެސް ރައްޔިތުންގެ ލޮއެއްބާއި ތާއީދު ނުލިބޭނެ ކަމަށެވެ. އެޖަލްސާގެ ބޮޑު މަންޒަރެއް ފޮޓޯއަކުން ފެނުނު ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް