ކ. މާލެ
|
16 މެއި 2018 | ބުދަ 18:06
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
މުހައްމަދު ޝަރުހާން
ފަނޑިޔާރުންގެ ޝަރީއަތް
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ކޮށްފައިވާ ހުކުމްތައް އިސްތިއުނާފަށް ހުށަހަޅައިފި
އުއްތަމަ ފަނޑިޔާރަށް ދެ ހުކުމެއް އައިސްފައިވޭ
އަލީ ހަމީދަށް އެއް ހުކުމް މިހާރު އައިސްފައިވޭ
އަލީ ހަމީދާއި އަބްދުﷲ ސައީދަށް އިތުރު ދައުވާތަކެއް ކޮށްފައި ވޭ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތައް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފިއެވެ. 

އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލު ނޫރުއް ސަލާމް އަބޫބަކުރު ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ކޮށްފައިވާ ދެ ހުކުމް އިސްތިއުނާފުކުރުމަށް ކްރިމިނަލް ކޯޓަށް އަންގާރަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް އަންގާރަ ދުވަހު ވަނީ އިސްތިއުނާފު ކޮށްފައެވެ.  

އިސްތިއުނާފުކޮށްފައިވާ އެއް ހުކުމަކީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހެ އެވެ.  

ދެން އިސްތިއުނާފަށް ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމެވެ. އެ ހުކުމް އެމަނިކުފާނުގެ މައްޗަށް އައީ ދައުލަތުން އުފުލި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

އުއްތަމަ ފަނޑިޔާރު މިހާރު ޖުމްލަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އިތުރު އެހެން ދައުވާތަކެއްވެސް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވެ އެވެ. އެ ގޮތުން ރިޝްވަތު ހިފުމާއި ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާއިރު ރިޝްވަތު ހިފުމުގެ ދައުވާ ފިޔަވާ އެހެން މައްސަލަތަކުގެ އަޑުއެހުންތައް އެބަ ކުރިއަށްދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް