ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 17:46
ވެމްކޯގެ ކުރީގެ އެމްޑީ ފުއާދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ވެމްކޯގެ ކުރީގެ އެމްޑީ ފުއާދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
އާމިނަތު ނުޒުހާ
ވެމްކޯގެ ކޮރަޕްޝަން މައްސަލަ
އޭސީސީގެ ތުހުމަތުތަކަށް ރައްދު ދެއްވައި، ވެމްކޯގެ ލޭންޑިންގ ކްރާފްޓް މައްސަލައިގައި ފުއާދު އިތުރު މައްސަލަތަކެއް ފެންމަތިކުރައްވައިފި
ކުރެވުނު 8 ތުހުމަތަށް ތަފްޞީލްކޮށް ޖަވާބުދެއްވި
އޭނާ މަޤާމުން ވަކިކުރެވުނުފަހުން ލޭންޑިންގ ކްރާފްޓްގެ މައްސަލައިގައި ވެމްކޯއިން ކަންތައްކުރި ގޮތުން ވެމްކޯއަށް ގެއްލުންތަކެއް ލިބި، ބަޔަކަށް ފައިދާތަކެއް ލިބިފައިވާކަން ފާހަގަކުރެއްވި
އަލުން މައްސަލަ ބައްލަވައިދެއްވަށް އެދިވަޑައިގަތް

ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް އުފެއްދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލޭންޑިންގ ކްރާފްޓެއް ގަތުމުގައި އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި، ކުރެވިފައިވާ ތުހުމަތުތަކަށް ފުއާދު ރައްދު ދެއްވައިފިއެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީއަށް އެޑްރެސް ކުރައްވައި ފުއާދު ފޮނުއްވާފައިވާ 11 ސަފްހާގެ ސިޓީގައި އޭސީސީއިން އޭނާގެ މައްޗަށް ކޮށްފައިވާ 8 ތުހުމަތަކަށް ތަފްޞީލީ ޖަވާބު ދެއްވާފައިވެއެވެ. 

އެގޮތުން 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުއާދު ވެމްކޯގެ އެމްޑީކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެކުންފުންޏަކީ ހަރު މުދަލެއް ނެތް، ހަމައެކަނި ކަރުދާހުގައި އޮތް ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އަވަހަށް ޚިދުމަތް ދޭން ފެށުމަށްޓަކައި ބޭނުންވާ އުޅަނދުފަހަރު ކުއްޔަށް ނަގައިގެން މަސައްކަތް ފެށިނަމަވެސް، އެއީ ވިޔަފާރީގެ ގޮތުން އެންމެ އެކަށީގެންވާ ގޮތައް ނުވާތީ ޚަރަދު ކުޑަކުރުމުގެ ގޮތުންނާއި، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމުގެ ބޭނުމުގައި ވެމްކޯއަށް ލޭންޑިންގ ކްރާފްޓް ގަތްކަމަށް ފުއާދު ވިދާޅުވިއެވެ. 

އޭސީސީއިން ބަލާފައިވަނީ މިދެންނެވި ލޭންޑިންގ ކްރާފްޓްގެ މައްސަލައެވެ. 

މި ލޭންޑިންގ ކްރާފްޓް ވެމްކޯއަށް ވިއްކުމަށް ޝައުޤުވެރިކަން ފާޅުކޮށް ވެމްކޯގެ އެމްޑީއަށް އެޑްރެސްކޮށް ޕްރޮޕޯސަލްއެއް ހުށަހެޅީ ފުއާދުގެ އެދުމުގެ މަތިންކަމަށް އޭސީސީއިން ތުހުމަތުކުރެއެވެ. މިމައްސަލައިގައި ފުއާދު ވިދާޅުވީ ވެމްކޯއަކީ އަލަށް އުފެދިގެން އައި ކުންފުންޏެއްކަމުންނާއި، ކުންފުނީގެ މަސައްކަތުގެ ބާވަތުގެ ސަބަބުން ގިނަ އަދަދެއްގެ ފަރާތްތަކުން ކުންފުންޏަށް ޒިޔާރަތްކޮށް، އެމްޑީގެ އިތުރުން އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ބައްދަލުކުރަމުން ދިޔަކަމަށެވެ. އަދި އެފަދައިން ބައްދަލުކުރާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށާއި، ގޮތެއް ނިންމާނީ މެނޭޖްމަންޓާއި ބޯޑުންކަމަށް ދަންނަވަމުން ދިޔަކަމަށް ފުއާދު ފާހަގަކުރެއްވިއެވެ. މިފަދައިން އައި ޕްރޮޕޯސަލްތަކުގެ އިތުރުން ކުންފުނީގެ މަސައްކަތާއި ގުޅުން ހުރި ސަރުކާރުގެ އެކި އިދާރާތަކާއި މިނިސްޓްރީއަށް ލިބިފައިވާ ޕްރޮޕޯސަލްތައްވެސް ވެމްކޯއަށް ފޮނުވާފައިވާކަން ފުއާދު ފާހަގަކުރެއްވިއެވެ. އަދި ލޭންޑިންގ ކްރާފްޓް ވިއްކަން ޝައުޤުވެރިކަން އައި ފަރާތަށްވެސް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވިކަމަށާއި، އެހެން ކަންކަމުގައި އައި ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވިކަމަށް ފުއާދު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޖޮއިންޓް ވެންޗަރ ހެދުމަށް އައިސްފައި ހުރި ޕްރޮޕޯސަލްތަކަކާއި، ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެކި އާލާތާއި ޓެކްނޮލޮޖީ ވިއްކުމަށް އައިސްފައި ހުރި ޕްރޮޕޯސަލްތައްވެސް ހުރިކަން ފުއާދު ފާހަގަކުރެއްވިއެވެ.

ލޭންޑިގ ކްރާފްޓްގެ ޕްރޮޕޯސަލްއާއިއެކު އައި ސިޓީގައި އެންޓްރީ ތަތްގަނޑު ޖަހާފައިނުވާކަމަށް އޭސީސީއިން ފާހަގަކޮށްފައިވެއެވެ. އެމައްސަލައިގައި ފުއާދު ވިދާޅުވީ މެނޭޖިންގ ޑިރެކްޓަރަށް އަންނަ ސިޓީތައް ގެންނަނީ އެންޓްރީ ނުކޮށް ކަމަށާއި، އެސިޓީވެސް ލިބުމުން ކަމާއި ބެހޭ ޑިޕާޓްމަންޓަށް ފޮނުވައި، އެއާއިމެދު މަޝްވަރާކުރަން މެނޭޖްމަންޓަށް ހުށަހަޅަން ދެންނެވިކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ކަމާއި ގުޅުން ހުރި ޑިޕާޓްމަންޓްކަމަށްވާ ލޮޖިސްޓިކްސް ޑިޕާޓްމަންޓަށް ސިޓީ ފޮނުވިކަމަށާއި، ކުންފުނީގެ ބޯޑަށް ހުށަހެޅުމަށް އިޝޫ ޕޭޕަރ ތައްޔާރުކޮށް، ހުށަހަޅާފައިވަނީވެސް އެޑިޕާޓްމަންޓުންކަން ފުއާާދު ފާހަގަކުރެއްވިއެވެ.

 އޭސީސީއިން ކޮށްފައިވާ ތުހުމަތުތަކުގައިވާ ގޮތުން ލޭންޑިންގ ކްރާފްޓް ސަޕްލައިކޮށްދިނުމުގެ ޕްރޮޕޯސަލް ހޯދާފައިވަނީ ޕްރޮކިއުމަންޓް ޕޮލިސީއާއި ޚިލާފަށެވެ. އަދި ވެމްކޯގެ އެއްވެސް ޑިޕާޓްމަންޓެއްގެ ރިކުއެސްޓެއް ނެތި، އެއީ ކުންފުންޏަށް ބޭނުންވާ އެއްޗެއްކަމަށް ރަސްމީކޮށް ނިންމައިގެނެއް ނޫނެވެ. އެހެން ނަމަވެސް ފުއާދު އެކަން ދޮގުކުރައްވައެވެ. ފުއާދު ވިދާޅުވީ 2017ވަނަ އަހަރު ވެމްކޯގެ ބަޖެޓް އެކުލަވާލިއިރު، ޚަރަދު ކުޑަކުރުމުގެ ގޮތުން އެކުންފުންޏަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ވަނީ ކުންފުނީގެ ބޯޑުން ފާސްކޮށްފައެވެ. އަދި ޕްރޮޕޯސަލްގައިވާ ގޮތަށް 2 މަހާއި 15 ދުވަހުން ލޭންޑިންގ ކްރާފްޓް ސަޕްލައިކޮށްދެވޭނަމަ ކުންފުންޏަށް މަހަކު 1.3 މިލިއަން ރުފިޔާ ކުއްޔަށް ދައްކާ ފައިސާގެ ތެރެއިން ސަލާމަތްވާނެކަން ފުއާދު ފާހަގަކުރެއްވިއެވެ. 

ލޭންޑިންގ ކްރާފްޓް ގަތުމުގެ މައްސަލައިގެ އިޝޫ ޕޭޕަރ ވެމްކޯގެ ބޯޑަށް ހުށަހެޅީ މެނޭޖިންގ ޑިރެކްޓަރ ފުއާދުކަން އޭސީސީއިން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް ވެމްކޯގެ ހިންގާ ޤަވާއިދުގެ ދަށުން ކުންފުނީގެ ބޯޑަށް ހުށަހަޅާ އެޖެންޑާ އައިޓަމްތައް ހުށަހަޅާނީ އެމްޑީ ކަން ފުއާދު ފާހަގަކުރެއްވިއެވެ. އެގޮތުން ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން ހުށަހަޅާ ކަންކަން އެޑިޕާޓްމަންޓަކާއިއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ބޯޑަށް ހުށަހަޅަމުން ދިޔައީ ކުންފުނީގެ ހިންގާ ޤަވާޢިދުން އެމްޑީއަށް ލިބިދޭ ބާރުގެ ދަށުން އަދި އުފުލަން ޖެހޭ ޒިންމާތަކުގެ ދަށުން އެމްޑީކަން ފުއާދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ބޯޑަށް ހުށަހެޅޭ ކަންކަން އެމްޑީ ހުށަހެޅުމަކީ ކުށަކަށް ވެގެންދާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވަނީ ލޭންޑިންގ ކްރާފްޓް ގަތުމުގެ ނިންމުމަކީ ވެމްކޯގެ ބޯޑުން ނިންމާފައިވާ ނިންމުމެއްކަމާއި، ފުއާދުގެ އަމިއްލަ ނިންމެވުމެއް ނޫންކަން އޭސީސީގެ ތަހުޤީޤަށް އެނގިފައިވާކަން އޭސީސީއިން އަމިއްލައަށް ރިޕޯޓުގައި ބުނެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ވެމްކޯގެ ބޯޑަށް ހުށަހެޅިގެން ބޯޑުން އެކަން ފާސްކުރި ކުރުމަކީ ކުންފުންޏަށް ފައިދާހުރި ނިންމެވުމެއްކަން ފުއާދު ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރޮޕޯސަލްގައި ހުށަހަޅާފައިވާ ގޮތަށް 2 މަހާއި 15 ދުވަހުން 350 ޓަނުގެ ލޭންޑިންގ ކްރާފްޓެއް 13.1 މިލިއަން ރުފިޔާއަށް ސަޕްލައިކޮށްދީފިނަމަ 12 މަހުގެ ކުލިން 15.6 މިލިއަން ރުފިޔާ ސަލާމަތްވެ، ލޭންޑިންގ ކްރާފްޓް ގަތުމުގެ އަގު ރިކަވަރ ކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ލޭންޑިންގ ކްރާފްޓްގެ އިވެލުއޭޝަން އެއް ފަހަރަށްވުރެ ގިނަ ފަހަރު ހަދާފައިވާކަންވެސް ފުއާދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ލޭންޑިންގ ކްރާފްޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އަގުގެ 30 އިންސައްތަ އެޕްރޫވްކުރުމަށް އަތުލިޔުމުން ލިޔެ ސޮއެކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރކަމަށް އޭސީސީއިން ބަޔާންކޮށްފައިވާތީ ފުއާދު ވިދާޅުވީ، 30 އިންސައްތަ އެޑްވާންސް ޕޭމަންޓަކީ ވެމްކޯގެ ފައިނޭންޝަލް އަދި ޕްރޮކިއުމަންޓް ޕޮލިސީއަށް އެއްގޮތަށް ދޫކޮށްފައިވާ ފައިސާކަމަށާއި، ވެމްކޯއިން އިންޓަރނޭޝަނަލް ޕްރޮކިއުމަންޓްތަކަށް 30 އިންސައްތަ އެޑްވާންސް ދައްކާކަމަށެވެ. އަދި އަތުލިޔުމުން 30 އިންސައްތަ ލިޔެފައިވާނީ އޭނާގެ އަތަށް ގެނެސްދިން އިންވޮއިސްގައި ލޭންޑިންގ ކްރާފްޓްގެ ފުރިހަމަ އަގު ޖަހާފައިވާތީ، އެ ބަދަލުކުރުމަށް އިރުޝާދު ދިނުމުގެ ގޮތުން ލިޔުނު އެއްޗެއްކަމަށާއި، އެއީ ޕޭމަންޓް އެޕްރޫވަލްއެއް ނޫންކަމަށެވެ. އެދި ޕޭމަންޓް އެޕްރޫވަލް ސޮއެކޮށްފައިވާނީ ޕޭމަންޓް ވައުޗަރގައިކަމަށް އޭނާ ފާހަގަކުރިއެވެ. 

މީގެ އިތުރުން ލޭންޑިންގ ކްރާފްޓް ގަންނަން ވެމްކޯގެ ލިޔެކިޔުން ފޯޖްކުރިކަމަށް އޭސީސީއިން ކޮށްފައިވާ ތުހުމަތަށް ރައްދު ދެއްވައި ފުއާދު ވިދާޅުވީ އޭސީސީގެ ރިޕޯޓްގައި ބަޔާންކުރާ ލިޔުމަކީ ފޯޖްކޮށްފައިވާ ލިޔުމެއް ނޫންކަމަށާއި، އެއީ ސައްހަ ލިޔުމެއް ކަމަށެވެ. އަދި ލޭންޑިންގ ކްރާފްޓް ގަންނަން ނިންމި ނިންމުމަކީ އޮޕަރޭޝަނަލް ޑިސިޝަނަކަށްވުރެ ބޮޑަށް، ފައިނޭންޝަލް ސަސްޓެނަބިލިޓީ ޕޮލިސީ ނިންމުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭސީސީއިން ކުރި ތުހުމަތުތަކަށް ރައްދު ދެއްވުމުގެ އިތުރުން ފުއާދު ވަނީ ވެމްކޯގެ ލޭންޑިންގ ކްރާފްޓްގެ މައްސަލައިގައި އިތުރު ކަންބޮޑުވުންތަކެއް އޭސީސީއާއި ހިއްސާކުރައްވާފައެވެ. އެގޮތުން ވެމްކޯގެ އައު މެނޭޖްމަންޓުން ލޭންޑިންގ ކްރާފްޓް ޑެލިވަރ ކުރުމުގެ ސުންގަޑި އެއްބަސްވި މުއްދަތަކަށްވުރެ 200 ގުނަ އިތުރުކޮށް، 12 މަސްދުވަހަށް ލަސްކޮށްދިންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އޭގެ ސަބަބުން ވެމްކޯއަށް 48 މަސްދުވަހު ކުއްޔަށް ހިފާފައިވާ ލޭންޑިންގ ކްރާފްޓްކަށް ކުލީގެ ގޮތުގައި 48 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުނުކަމާއި، އެނިންމުމަކީ ވެމްކޯއަށް ގެއްލުން ބޮޑު، އިންޑިއާ ކުންފުންޏަށް ފައިދާ ބޮޑު ނިންމުމެއްކަން ފުއާދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެއްބަސްވުމުގައި ޔަންމާ އިންޖީނު އެޅުމަށް އެއްބަސްވިނަމަވެސް، ވެމްކޯއަށް ސަޕްލައިކޮށްދިން ލޭންޑިންގ ކްރާފްޓްތަކުގައި ކަމިންސް އިންޖީނު އަޅާފައި ހުރުމުން، ޖުމްލަ 6 އިންޖީނުގެ އަގުން 180،000 އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވެމްކޯއަށް ވެފައިވާކަންވެސް ފުއާދު ފާހަގަކުރެއްވިއެވެ.

މިމައްސަލަތަކުގެ އިތުރުން ފުއާދުގެ ޕާސްޕޯޓް އޭސީސީގެ އެދުމުގެ މަތިން ހިފެހެއްޓުމުން، އޭސީސީގެ މެމްބަރަކާއި އެކަމާއި ބެހޭ ގޮތުން ސުވާލުކުރުމުން، އެއީ އެދުވަސްވަރު ސިޔާސީ ބޭބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓަމުން ދިޔުމުން އޭގެ ތެރެއިން ހިފެހެއްޓުނު ހިފެހެއްޓުމެށްކަމަށް ބުނުމުން، އޭސީސީއަކީ ސިޔާސީ ބޭބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާތަނެއްތޯ ފުއާދު ވަނީ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން މަޖުބޫރުން ބަޔާނެއްގައި ސޮއެކުރުވާފައިވާކަމާއި، އޭސީސީގެ ތަހުޤީޤުތައް އެއްވެސް ވަރަކަށް ޕްރޮފެޝަނަލް ނޫންކަމާއި، އަދި ސްޓޭންޑަރޑް ހިފެހެއްޓިފައިނުވާކަން ފާހަގަކުރެއްވިއެވެ. އޭނާއާއި ދެކޮޅަށް އޭސީސީއިން މައްސަލަ ނިންމިގޮތުގެ ރިޕޯޓާއި، ރިޕޯޓް ނުލިބިގެން ފޮނުވި ސިޓީގެ ޖަވާބުވެސް ލިިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭސީސީއަށް ފޮނުއްވި ސިޓީގައި ފުއާދުވަނީ އޭނާ ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައި، މައްސަލަ އަލުން ބައްވަލަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މި ސިޓީގެ ކޮޕީއެއް ފުއާދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
17 މެއި 2018 | ބުރާސްފަތި 14:12
Hawa
Acc aki siyasee baigadei. Rayyithun balai nuganna muassassaaei
17 މެއި 2018 | ބުރާސްފަތި 13:57
ޢަހްމަދު
ޢޭސީސީގެ ތަހްްްޤީޤް ތަކުގެ ފެންވަރު ތިޔައީ