އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ އާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާލައި އެމެރިކާއާއެކު ރޭވިފައޮތް ބައްދަލުވުން ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފިއެވެ.
އުތުރު ކޮރެއާ އިން ބުނީ ދެކުނު ކޮރެއާއި އެކު ބުދަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ކެންސަލް ކޮށްފައި ވަނީ އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން އަސްކަރީ ތަމްރީނުތައް ވަރަށް ގަދަޔަށް ހިންގަމުން ދާތީކަމަށާއި މި ތަމްރީނުތަކަކީ ކޮރެއަން ޕެނުންސިއުލާ އަމާން ތަނަކަށް ހަދަން ބަލާއިރު އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
އުތުރު ކޮރެއާގެ ރަސްމީ ނޫސް އިދާރާ، ކޭސީއެންއޭ އިން އަންނަ މަހު އެމެރިކާގެ ރައީސްއާ އެ ގައުމުގެ ލީޑަރު ބައްދަލު ކުރާނެ ކަމާމެދު ސުވާލް އުފައްދާފައިވާ ކަމަށް ދެކުނު ކޮރެއާގެ ޔޮން ހަޕް ނޫސް އިދާރާއިން ވަނީ ބުނެފައެވެ.
"މި ތަމްރީނު އަމާޒު ކުރަނީ އަހަރުމެންނަށް، ތަމްރީނުތައް ދަނީ ދެކުނު ކޮރެއާގެ ހުރިހާ ހިސާބެއްގަ ހިންގަމުން، މިއީ ޕަންމުންޖޮމް ޑިކްލަރޭޝަން އަށް ޖެހިގެންދާ ހަޖޫއެއްގެ އިތުރުން ކޮރެއަން ޕެނިންސިއުލާ އަމާން ތަނަކަށް ވާން މިސްރާބް ޖަހައިފައި ވަނިކޮށް މިލިޓްރީގެ ސަބަބުން އެކަން ހާސިލް ކުރުމަށް އެޅޭ ހުރަހެއް"
"އެމެރިކާއާއި އުތުރު ކޮރެއާގެ ބައްދަލުވުން ކާމިޔާބުކުރުމަށް އެގައުމުން (އެމެރިކާއިން) ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ. އަދި މިލިޓަރީ ހަރަކާތްތައް ދެކުނު ކޮރެއާއި ގުޅިގެން ހިންގުމަކީ އެކަން ކުރަން އެންމެ ބުއްދިވެރި ގޮތް ނޫން."
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެފައިވަނީ އުތުރު ކޮރެއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާނެކަމަށާއި ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރާނެ ކަމަށެވެ. އަދި އުތުރު ކޮރެއާއިން އެއްވެސް ކަހަލަ ބަދަލެއް ގެންނަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.