ކ. މާލެ
|
16 މެއި 2018 | ބުދަ 13:14
އަންވަރު އިބްރާހިމް
އަންވަރު އިބްރާހިމް
ރޮއިޓަރސް
އަންވަރު މެލޭޝިއާ
އަންވަރު އިބްރާހިމް މެލޭޝިއާގެ ޖަލުން ފުރިހަމަ މިނިވަނެއްގެ ގޮތުގައި ނިކުމެއްޖެ
ހޮސްޕިޓަލުން ދިޔައީ ސީދާ ގަނޑުވަރަށް
ރަސްގެފާނު މަރުހަބާ ކިޔާ ފޮޓޯ ވަނީ އާންމު ވެފައި

މެލޭޝިއާގެ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފައުންޑަރ އަދި ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމަށް ރަސްގެފާނު ބުދަ ދުވަހު ދެއްވި މައާފާއެކު ފުރިހަމަ މިނިވަނެއްގެ ގޮތުގައި ޖަލުން ނިކުމެވަޑައިގެންފިއެވެ.

ރަސްމީކޮށް އަންގާރަ ދުވަހު ދޫކޮށްލަން ހަމަޖެހިފައިވާ އަންވަރު، ޗެރަސް ރިހިބިލިޓޭޝަން ހޮސްޕިޓަލްގައި އޮޕަރޭޝަނެއް ކޮށްގެން ވަގުތީ ގޮތުން މީހުން ނޫޅޭ ސަރަހައްދުން ވަނީ ރަސްގެފާނު ސުލްތާން މުހައްމަދު ފަސްވަނަ ގަނޑުވަރަށް ވަޑައިގެންފައި ކަމަށް މެލޭޝިއާގެ ސްޓާރ ނޫހުން ވަނީ ހާމަކޮށްފައެވެ.

މެލޭޝިއާގެ ނޫހެއް ކަމަށްވާ ބާނަމާ އިން އާންމު ކޮށްފައިވާ ފޮޓޯއަކުން އަލަށް އިންތިޚާބް ވެ ވަޑައިގެންފައި ވާ ބޮޑުވަޒީރު މަހާތިރް އާއި އަންވަރު ސަލާމް ކުރައްވާ ތަން ފެނިވަޑައި ގަންނަވައެވެ. އެހެން ފޮޓޯއަކުން އަންވަރުއާއި އަނބިކަބަލުން ވަން އަޒީޒާ ވަން އިސްމާއިލަށް ރަސްގެފާނު މަރުހަބާ ވިދާޅުވާތަން ފެނެއެވެ.

މަހާތިރް ވަނީ ރަސްގެފާނު ގަޑުވަރަށް ވަޑައިގެން އަންވަރަށް މައާފް ދިނުމާއި ބެހޭ ގޮތުން ބޭއްވި މަޝްވަރާގައި ބައިވެރިވެ ވަޑައިގެން ފައެވެ. މަހާތިރް ކެމްޕޭނުގައި ވެވަޑައިގެންނެވި އެއް ވައުދަކީ އަންވަރަށް ރަސްގެފާނުގެ މައާފް ހޯދައިދެއްވުމުގެ ވައުދެވެ.

މަޖިލީހުގެ އިންތިޚާބް ކާމިޔާބު ކުރި ކޯލިޝަންގެ 113 ގޮޑީގެ ތެރެއިން 48 ގޮނޑި ތަމްސީލު ކުރަނީ އަންވަރުގެ ޕާޓީއިންނެވެ. މަހާތިރް މަގާމުން ދުރުވާއިރު ބޮޑުވަޒީރަކަށް އައްޔަން ކުރެވޭނީ އަންވަރު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އަންވަރް ޖަލުގައި ވޭތުވިޔަ ދުވަސްތައް ހޭދަ ކުރައްވަން ޖެހިވަޑައިގެންފައި ވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަދުއަޚްލާގީ އަމަލު ހިންގެވިކަމަށް ސާބިތުވާ ކަމަށް ނިންމާ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުންނެވެ. އެހެންނަމަވެސް އަންވަރު ވަނީ އެއީ ސިޔާސީ ގޮތުން ކުރި ދައުވާ އެއްކަމަށާއި އެއީ އެބޭފުޅާގެ ދުވަސް ދުއްވާލަން ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ. .

ބަދުއަޚްލާގީ އަމަލު ހިންގުމަކީ މެލޭޝިއާގައި މަނާކަމެއް ކަމަށްވެފައި ކުށް ސާބިތުވާ މީހާގެ މައްޗަށް ގިނަވެގެން 20 އަހަރު ދުވަހާ ހަމައަށް ޖަލު ހުކުމެއް އިއްވުމުގެ ފުރުޝަތު އޮވެއެވެ.

މެލޭޝިއާގެ ގާނޫނު ބުނާ ގޮތުން އަންވަރަށް އެއްވެސް ސިޔާސީ މަގާމަކަށް ކުރިއަށް އޮތް ފަސްއަހަރު ދުވަހު ރަސްގެފާނުގެ މައާފު ނުލިބޭނަމަ ވާދަ ނުކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް