ކ. މާލެ
|
16 މެއި 2018 | ބުދަ 09:18
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ރައީސް ޔަމީނަށް މެނިފެސްޓޯއެއް ނުގެނެވޭނެ؛ އަލީ ނިޒާރު
ރައީސް ޔާމީނަކީ 5 އަހަރު ނިމުނުއިރު ލޮޑުވެ، ވަރުބަލިވެ، މާޔޫސްވެފައި ހުންނެވި ބޭފުޅެއް
ހެއްކަކީ ވެރިކަން ދަމަހައްޓަން އޮތް ހަމައެކަނި ގޮތަކީ އިދިކޮޅު ފަރާތްތައް އޮބި އަޅައިގެން، އަނދަގޮނޑި ޖަހައިގެންކަމަށް ރައީސް ޔާމީނަށް ވިސްނުން
މެނިފެސްޓޯ ނެތުން ވާނީ ސަޕްރައިޒަކަށް

މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ހަޤީޤީ މެނިފެސްޓޯއެއް ރައްޔިތުންނަށް ނުގެނެސްދެވޭނެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހުގެރޭ ނިޒާރު ވިދާޅުވީ ރައީސް ޔާމީނަކީ 5 އަހަރު ނިމުނުއިރު ލޮޑުވެ، ވަރުބަލިވެ، މާޔޫސްވެފައި ހުންނެވި ބޭފުޅެއްކަމަށެވެ. އެކަމުގެ ހެއްކަކީ ވެރިކަން ދަމަހައްޓަން އޮތް ހަމައެކަނި ގޮތަކީ އިދިކޮޅު ފަރާތްތައް އޮބި އަޅައިގެން، އަނދަގޮނޑި ޖަހައިގެންކަމަށް ރައީސް ޔާމީނަށް ވިސްނުންކަމަށެވެ. އަދި ރައްޔިތުންނާއި ކުރިމަތިލައްވަން ރައީސް ޔާމީނަށް ކެރިވަޑައިނުގަންނަވާ ސަބަބަކީވެސް އެއީކަމަށް ނިޒާރު ވިދާޅުވިއެވެ. 

"ހީވާގިކަމާއިއެކު ރައްޔިތުންނަށް ވައުދުތަކަކާއިއެކު އެވައުދުތައް ހިފައިގެން ރައްޔިތުންނާއި ހަމަޔަށް އާދެވޭ ވަރުގެ ޤާބިލްކަމެއް ހުރި ރައީސެއްގެ ގޮތުގައި ރައީސް ޔާމީން ސިފައެއް ނުކުރެވޭ،" ނިޒާރު ވިދާޅުވިއެވެ. 

"މީގައި ހީވާގިކަން ހުރި، ހިތްވަރު ހުރި މީހުން ކަންކުރާ ގޮތް ރައީސް ނަޝީދު އެކެމްޕޭން ކުރައްވަނީ"

ޕީޕީއެމްގެ މެނިފެސްޓޯވާނީ 'ސަޕްރައިޒަކަށް'ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ނިޒާރު ވިދާޅުވީ އެއީ "ނުވާ މެނިފެސްޓޯ"އެއްކަމަށާއި، މެނިފެސްޓޯ ނެތުން ވާނީ ސަޕްރައިޒަކަށް ކަމަށެވެ. 

އިދިކޮޅުން ރިޔާސީ އިންތިޚާބަށް ނިކުންނަ ކޮންމެ މީހަކު ޖަލަށްލުމަށްފަހު، އިދިކޮޅު ފަރާތްތަކުން މެނިފެސްޓޯއެއް ހުށަނާޅާތީ ޕީޕީއެމްްއިންވެސް މެނިފެސްޓޯއެއް ހުށަނާޅަން ނިންމީކަމަށްވެސް  ރައީސް ޔާމީން އިއުލާންކުރައްވަފާނެކަމަށް އޭނާ ވިދާޅުވިއެވެ. 

"މެނިފެސްޓޯއަކީ ރައްޔިތުންނަށް ދެވޭ އުއްމީދެއް. ރައީސް ޔާމީނަކީ އުއްމީދީ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ސިފަވާ ސިފަތަކެއް ހުރި ބޭފުޅެއް ނޫން. އެއްވެސް އުއްމީދެއް ނެތް. ކުރިމައްޗަށް ފެނުނަސް މާޔޫސްކަން ފެންނަކަހަލަ ގޮތެއް (ވަނީ). އަމިއްލަ ހިތްވަރެއް ނެތިއްޔާ އަޅުގަނޑުމެންނަށް ކޮން އުއްމީދެއްތޯ އޮތީ،" ނިޒާރު ވިދާޅުވިއެވެ. 

ނިޒާރު ވިދާޅުވީ 2013ވަނަ އަހަރުވެސް ގެނައި މެނިފެސްޓޯ ތަންފީޒު ނުވިކަމަށާއި، މިފަހަރު ސަޕްރައިޒަކަށް ވެގެންދާނީ އެކަށީގެންވަ މެނިފެސްޓޯއެއް ރައްޔިތުންނާއި ހަމަޔަށް ރައީސް ޔާމީން ނުގެނެސްދެއްވުންކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް