ކ. މާލެ
|
16 މެއި 2018 | ބުދަ 05:20
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރައީސް އޮފީސް ޓްވިޓާ
ރަމަޟާން 1439
އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިބުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
ރޯދަ ހިފުމާއިއެކު ޤުރްއާން ކިޔެވުން ގިނަކުރުމާއި، ނަމާދަށް ފަރުވާތެރިވުމަށް ރައީސް ޔާމީން އިލްތިމާސް ކުރެއްވި
ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވި
އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ ރައްޔިތުންނަށްވެސް ތަހުނިޔާ ފޮނުއްވި

ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މިމައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެން ވާކަމަށާއި، އެހެންކަމުން، މި މައްސަރުގައި ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާއެކު، ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި، ފަރުޟު  ފަސްނަމާދަށް ފަރުވާތެރިވުމަށް ދިވެހި އެންމެހައި މުސްލިމް ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. 

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް ޔާމީން ނެރުއްވި ޚިޠާބުގައި ވިދާޅުވީ މި މަތިވެރި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިއްބެވުމަށްވެސް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް  ނަސޭހަަތްތެރިވެވަޑައިގަންނަވާކަމަށެވެ. 

އަދި މިމަަތިވެރި މައްސަރުގެ ރަޙްމަތާއި ފުއްސެވުމާއި ރުއްސެވުން އަޅުގަނޑުމެންނަށް މާތްﷲ މިންވަރު ކުރެއްވުމަށާއި، ހިފާ ރޯދައިގެ މަތިވެރި ދަރުމައާއި ސަވާބު އެކަލާނގެ އިތުރު ކުރެއްވުމަށް ދުޢާކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމީން ވަނީ ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި އެންމެހާ ރައްޔިތުންގެ އިތުރުން އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ފޮނުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް