ކ. މާލެ
|
15 މެއި 2018 | އަންގާރަ 19:37
އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ވާހަކަ ދައްކަނީ ޔާމީން ގަންނަ ބިރަކުން: އަސްލަމް
މިހާތަނަށް 2565 މީހުންނާ ސްކައިޕުން ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
ހަފްތާ ބަންދުގައި ތިނަދޫއާއި ތުޅާދޫގައި ޖަލްސާ އޮންނާނެ
އަންނަ ހަފުތާގައި މާލެއާއި އުކުޅަހުގައި ޖަލްސާ އޮންނާނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ސަރުކާރުން ވާހަކަ ދައްކަނީ ރައީސް ނަޝީދު ދެކެ ރައީސް ޔާމީން ގަންނަވާ ބިރެއްގެ ސަބަބުން ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުގައި ބޭއްވި ފުރަތަމަ ޕްރެސްކޮންފަރެންސްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވަން ނިންމައި ތާއީދު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މިހާތަނަށް ބޮޑު ދެޖަލްސާ ބާއްވައި 12 ރަށެއްގައި 29 ސްކައިޕް ސެޝަން ބާއްވައިގެން ސީދާ ރައީސް ނަޝީދު 2565 މީހުންނާ މުއާމަލާތު ކޮށްފައިވާ ކަމަށެވެ. އަދި "ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ޑޯޓުޑޯ" ހިންގަވަން ފައްޓަވާފައިވާ ކަމަށާއި މިހަފްތާގެ ހަފްތާ ބަންދުގައި ގދ ތިނަދޫއާއި ބ ތުޅާދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އަންނަ ހަފުތާގައި އއ އުކުޅަހާއި މާލޭގައިވެސް ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މާލޭގައި ބާއްވާ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް މާލޭގައި ޖަލްސާ ބާއްވާނެތަނެއް ލިބޭތޯ ސަރުކާރަށް ފޮނުވާފައިވާ ސިޓީތަކަށް އަދިވެސް ޖަވާބެއް ނުލިބޭކަމަށް އަސްލަމް ވިދާޅުވިއެވެ.

"ހަތަުރު އިވެންޓަކަށް އަލިމަސް ކާނިވަލާ ދަރުބާރުގެ ހޯދަން މިމަހުގެ 9 ގައި ސިޓީ ފޮނުވިން. އަދިވެސް ޖަވާބެއް ނުދޭ." އަސްލަމް ވިދާޅުވިއެވެ

އަސްލަމް ވިދާޅުވީ ޕްރައިމަރީގައި ތާއީދު ކުރުމުގެ ފޯމު މިހާރު ހުށަހަޅަމުންދާކަމަށާއި ވީހާވެސް ގިނަބަޔަކު އެފޯމު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، ޕާޓީގެ ދަފްތަރުގައި ނެތް ބޭފުޅުންވެސް އަވަހަށް ޕާޓީއާ ގުޅި ޕްރައިމަރީގައި ވޯޓުލުމަށް އެދޭކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ "ކުއްލި ކަޅި"ގެ ނަމުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ހަރަކާތެއް ބާއްވާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ޒުވާނުންގެ 3 ހަރަކާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ޒުވާނެއްގެ ހުނަރު ދައްކާލުމާއި ޒުވާނުން ސީދާ ރައީސް ނަޝީދާ ބައްދަލުކޮށްލުން އޮންނާނެ" އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ސަރުކާރުން ބުނަމުންދާ ބުނުމަށް އިޝާރާތްކޮށް ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މިނުކުންނަނީ ވަރަށް މުހިއްމު މަސައްކަތެއް ކުރަން ކަމަށައި ހިފެހެއްޓޭނީ ވަކިވަރަކަށް ކަމަށެވެ. އަދި ރައީސް ނަޝީދަށް ކުރިމަތިލެއްވޭނެކަމަށް ވިދާޅުވާ ވިދާޅުވުން އަސްލަމް ތަކުރާރު ކުރެއްވިއެވެ.

" އަސްލު ވެގެން އުޅޭ ގޮތަކީ ރައީސް ނަޝީދާ ވާދަ ކުރައްވަން ޖެހިލުންވަނީ. ޚާއްޞަކޮށް ރައީސް ޔާމީން" އަސްލަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް