ކ. މާލެ
|
15 މެއި 2018 | އަންގާރަ 18:01
ނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅި ކަމަށްބުނެ ދައުލަތުން ދައުވާ ކުރާ މެމްބަރުން
ނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅި ކަމަށްބުނެ ދައުލަތުން ދައުވާ ކުރާ މެމްބަރުން
ރާއްޖެ އެމްވީ
މެމްބަރުންގެ ޝަރީއަތް
12 މެމްބަރުނަށް ކުރާ ދައުވާ: މެމްބަރުނަށް ދީފައި އޮތީ ޝަރީއަތައް ހުށަހެޅި ލިޔުންތަކެެއް ނޫން
ދައުވާ ލިބޭ މީހާއަށް ދޭ ލިޔުންތަކާއި ޝަރީއަތައް ހުށަހަޅާ ލިޔުންތައް އެއްގޮތްވާން ޖެހޭނެ
އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެންވެސް ދައުވާ ބާތިލްކޮށްދޭން އެދުނު
މި މައްސަލައިގައި ދައުވާ ކުރަނީ 12 މެމްބަރުނަށް އެކަނި

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މައްސަލައާ ގުޅޭ ލިޔުންތައް ކަމަށް ބުނެ މެމްބަރުނަށް ދޫކޮށްފައިވާ ލިޔުންތަކާއި ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކާ ތަފާތުތަކެއް ހުރިކަން ހާމަވެއްޖެއެވެ.

ޖިނާޢީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން މީހެއްގެ މައްޗަށް ދައުވާ ކުރުމަށްފަހު ދައުވާއާ ގުޅޭ ލިޔުންތައް ފަސް ދުވަސް ތެރޭގައި ދައުވާ ލިބޭ މީހާއަށް ދޫކުރަން ޖެހޭނެ އެވެ. އަދި ލިޔުންތަކަކީ ކޯޓަށް ހުށަހަޅާފައިވާ ފޯމް ސެޓްގެ ކޮޕީ ކަމުގައިވާން ޖެހޭނެ އެވެ.

ނަމަވެސް މި މައްސަލައިގައި ކޯޓު މެދުވެރިކޮށް މެމްބަރުންނަށް ދޫކޮށްފައިވާ ލިޔުންތަކަކީ ޝަރީއަތައް ހުށަހަޅާފައިވާ ފޯމް ސެޓްގެ އަސްލު ލިޔުންތަކުގެ ކޮޕީ ނޫންކަން ހާމަވީ އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ.  ދައުވާ ލިބޭ މެމްބަރުންގެ ތެރޭގައި ހިމެނޭ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ ދިފާއީ ވަކީލު ވާހަކަ ދައްކަވަމުން، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ދެ މީހަކު ހުށަހަޅާފައިވާކަން ފާހަގަ ކުރެއްވުމުން، ޝަރީއަތުން ވަނީ ދެ ހެކިންނޭ ވިދާޅުވަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. ސަބަބަކީ ގާޒީ އަތްޕުޅުގައި އޮތް އަލީ ހުސެއިންގެ ދައުވާ ފޯމުން އެނގޭ ގޮތުގައި އަލީ ހުސެއިންނާ ދެކޮޅަށް އިތުރު މީހުންވެސް ހެކީގެ ގޮތުގައި ހުށަހަޅާފައި އޮތެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އާއްމު، އަހްމަދު މުހައްމަދު، އަލީ ހުސެއިންނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅު ވިއިރު، އަލީ ހުސެއިންގެ ދިފާއީ ވަކީލު ވިދާޅުވީ އެ ބޭފުޅުނަށް ލިބިފައިވާ ފޯމް ސެޓްގައި އެ ހެކި ހުށަހަޅާފައިވާކަން އެނގޭކަށް ނެތް ކަމަށެވެ.

އެ ހިސާބުން އަލީ ހުސެއިންނަށް ދޫކޮށްގެން އުޅޭ ލިޔުންތަކާއި އޭގެ އަސްލު ކަމަށް ބުނާ ގާޒީ އަތްޕުޅުގައި ހުރި ލިޔުންތަކަކީ އެކައްޗެއްތޯ ސާފު ކުރިއެވެ. އަދި އަލީ ހުސެއިންނަށް ދޫކޮށްފައިވާ ލިޔުމަކީ ޝަރީއަތަށް ހުށަހަޅާފައިވާ ފޯމް ސެޓްގެ ކޮޕީ ނޫން ކަމަށް ޝަރީއަތުން ބުނިއިރު އެކަމަށް އިއުތިރާފުވެ ދައުލަތުގެ ވަކީލުން ވަނީ އެކަމަށް މަޢާފަށް އެދިވަޑައިގެންފަ އެވެ.

މި މައްސަލަ ފެންމަތިވުމުން އަހްމަދު މުހައްމަދު ހެކީގެ ގޮތުގައި އެހެން މެމްބަރުންނާ ދެކޮޅަށް ވެސް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ޝަރީއަތައް ހުށަހެޅުއްވި ލިޔުންތަކުގައި ބުނެފައިވާތީ އެ ބޭފުޅުންގެ އަތުގައި ހުރި ލިޔުންތަކަކީ ދައުލަތުން ޝަރީއަތަށް ހުށަހެޅީ އެއް ލިޔުންތަކެއްތޯ ސާފު ކުރެވުނެވެ. އަދި އެ ހެކި ހުށަހަޅާފައިވާކަން ދައުވާ ލިބޭ އެއްވެސް މެމްބަރަަކަށް ދޫކޮށްފައިވާ ލިޔުމުން އެނގެން ނެތް އިރު ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކާއި މެމްބަރުންނަށް ދޫކޮށްފައިވާ ލިޔުންތައް ދިމާނުވުމުގެ މައްސަލަ އެހެން މެމްބަރުންނަށް ވެސް ދިމާވެފައިވާކަން ހާމަވިއެވެ. މެމްބަރުނަށް ދޫކޮށްފައިވާ ދައުވާގައި ހިމެނޭ ބައިތަކާއި ޝަރީތަށް ހުށަހަޅާފައިވާ ބައިތަކުގައި ތަފާތުތަކެއް ހުރި ކަމަށް އިއުތިރާފުވެ، އެކަން ފަހުން ހާމަ ކުރެއްވީ ވެސް ދައުލަތުގެ ވަކީލުންނެވެ.

އެހާ ހިސާބުން ދައުވާ ލިބޭ ފަރާތުން ވަނީ އެ ދައުވާ ފޯމު ބާތިލް ކުރަން ޖެހޭނެ ކަމަށާއި ދައުވާ ލިބޭ ފަރާތަށް ލިބިފައިވާ ދައުވާގެ ފޯމުގައިވާ ހެކިންގެ އިތުރުން އެހެން ހެއްކެއް ވެސް ހުށަ ނޭޅޭނެ ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސެއިން ވިދާޅުވީ ދައުވާ ހުށަހެޅުމަށް ފަހު ފަސް ދުވަސް ތެރޭގައި ދައުވާއާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ދައުވާ ލިބޭ ފަރާތައް ދޫކުރަން ޖެހޭނެ ކަމަށާއި އެ ފޯމުގައި އެމީހަކާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ހިމެނިފައި ހުންނަން ޖެހޭނެކަން ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަަށެވެ.

މީގެ އިތުރުން އަލީ ހުސެއިން ވެސް އަދި ހިސާންވެސް ވަނީ ދައުވާ ކުރުމުގެ އިޖްރާއަތްތަކާ ހިލާފަށް ދައުވާ ފޯމް ހުށަހަޅައިގެން ކުރިއަށްދާތީ މުޅި ދައުވާ އެއްކޮށް ބާތިލް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ އިބްތިދާއީ މަރުހަލާއަކީ ލިޔުންތައް ހަމަތޯ ބަލައި، ނުލިބޭ ލިޔުމެއްވާނަމަ އެ ލިޔުމެއް ދިނުމަށް އޮންނަ މަރުހަލާއެއް ކަމަށްވާތީ ދައުވާ ފޯމު އިސްލާހުކުރަން ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ ދައުވާގެ ފޯމުގައި ހިމަނާފައި ނެތް ހެކިތައް، ހެކި ހުށަހެޅުމުގެ މަރުހަލާގައި ހުށަހެޅިދާނެ ކަމަށާއި އަދި ފަހުން ހާމަވާ ކަމަކުން ހެކި ހުށަހެޅިދާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. 

ނަމަވެސް މީގެ ކުރިންވެސް ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި ފޯމުގައި ހެކީގެ ގޮތުގައި ހުށަހަޅާފައިނުވާ ކަންކަން ހުށަހެޅުމަށް ފަހުން ފުރުސަތަށް އެދުމުން އެ ހެކިތަކަކީ ދައުވާގެ ފޯމުގައި ހިމެނިފައިވާ ހެކިތަކަށް ނުވާތީ ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.  

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ހިސާން ވިދާޅުވީ އާ ހެއްކެއް ހުށަހެޅުމަށް ފުރުސަތު ދެވޭނީ އެ ހެއްކަކީ ދައުވާ ކުރި ފަހުން އަލަށް ފާޅުވި ހެއްކެއް ކަމަށްވާނަމަ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގައި ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ހުށަހަޅައި، ދައުވާ ލިބޭ ފަރާތައް ލިޔުންތައް ހަވާލުކުރިއިރު އަންގާފައިނުވާ ހެކިންނަކީ އެ މައުލޫމާތު ކުރިންވެސް ދައުލަތައް އެނގޭ ކަމަކަށްވާތީ އެ ފުރުސަތު ނުލިބޭނެ ކަމަށެވެ.  

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ދައުވާއާ ގުޅޭ އެންމެހައި ލިޔުންތައް ދައުވާ ލިބޭ ފަރާތައް ލިބުމަށްފަހު 30 ދުވަހުގެ ކުރިން ޝަރީއަތް ފަށައިގެން ނުވާނެ ކަމަށް ބުނެފައިވާއިރު މިހާރު ދައުލަތުން ނުދީ ހުރި ލިޔުންތައް ދީފިނަމަ ލިޔުންތައް ލިބުނު ތާރީހުން ފެށިގެން 30 ދުވަސް ދިނުމަށް ދުވަސް ގުނާނީ ކޮން އިރަކުން ފެށިގެންތޯ ގާޒީ އާދަމް އާރިފު ދައުލަތާ ސުވާލު ކުރެއްވި އެވެ. 

މީގެ އިތުރުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ހުރަސްއެޅުމަކީ ކުށެއް ކަމަށް ބުނެފައިވާތީ އެކަންކޮށް މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލް ކޮށްދޭން ވެސް ދައުވާ ލިބޭ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހެޅުއްވި އެވެ. އެކަމާ ގުޅޭ ގޮތުން ރައްދު ދިނުމަށް ދައުލަތުން އިތުރު ފުރުސަތަކަށް އެދުނުއިރު ޝަރީއަތުން ނިންމީ އެ ދެ ކަންތަކާ ގުޅޭ ގޮތުން އިތުރު އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ބޭއްވުމަށެވެ.  

ދައުލަތުން މި ދައުވާ 12 މެމްބަރުންގެ މައްޗަށް އުފުލީ މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ސަރަހައްދު ބަންދު ކޮށްފައި ވަނިކޮށް އެ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ އެވެ. އަދި އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީއަށް 24 ޖުލައިގައި ފޮނުވާފައިވާ ސިޓީއެއް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އެ ސިޓީ ފޮނުވާފައިވާ ގަޑި ސާފުކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދުމުން ދައުލަތުން ވަނީ ޑިފެންސް މިނިސްޓްރީއަށް އެ ސިޓީ ލިބުނު ކަމަށް ބުނެފައިވާ ގަޑި ހާމަކޮށް ފޮނުވާފައިވާ ސިޓީއެއް ޝަރީއަތައް ހުށަހަޅާފަ އެވެ.  ނަމަވެސް ދިފާއީ ވަކީލުން ވިދާޅުވީ ސިޓީ ފަދަ ތަކެތި ބަލައިގެންފައި ގަޑި ޖަހާފައިވާ ލިޔުމެއް ޝަރީއަތައް ހުށަހެޅުމަށް އެދޭ ކަމަށާއި އެ ސިޓީ ޑިފެންސް މިނިސްޓްރީއަށް ލިބިފައިވާ ގަޑި ޔަގީން ކުރުމަށް އެ ލިޔުން ހުށަހެޅުމުގެ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ. އަދި ކޯޓުން ވަނީ އެ އަމުރު ނެރެދެއްވާފަ އެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފު ގުޅައި ރައްޔިތުންގެ މަޖިލީހުގެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަންދޭން އެދުނު ކަމަށް ދައުލަތުން ބުނާތީ އެ ކޯލްގެ ރެކޯޑިންއެއް އޮތްތޯ ސާފުކުރުމަށް ދައުލަތަށް ޝަރީއަތުން ވަނީ އަންގާފަ އެވެ.

މި ދައުވާ ލިބެނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ޞާލިޙް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާޙިމް (ވައްޑެ)، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާޙިމް މުޙައްމަދު ދީދީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ)، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާހް، ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ މައްޗަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް