ކ. މާލެ
|
15 މެއި 2018 | އަންގާރަ 16:58
ކުރީގެ ޕީޖީ މުހުތާޒް އޭޑީކޭގައި
ކުރީގެ ޕީޖީ މުހުތާޒް އޭޑީކޭގައި
ރާއްޖެއެމްވީ
މުހުތާޒްގެ ބޭސްފަރުވާ
ކުރީގެ ޕީޖީ މުހުތާޒްގެ ގަޔަށް 3 ވަނަ އިންޖެކްޝަން ޖަހައިފި
ބޭސްފަރުވާގެ ކަންކަން ފެށުނީއްސުރެ ކަރެކްޝަންސްއިން ކަންކަން ކުރަމުން ގެންދަނީ ޒިންމާދާރުކަން ކުޑަކޮށް: އާއިލާ
ހާލަތު ގޯސްވެފައިވަނީ ކަރެކްޝަންސްއިން ޑޮކްޓަރުންގެ އިރުޝާދުތަކާއި ކަނޑައެޅިގެން ހިލާފަށް މުހުތާޒާއި މެދު އަމަލުކޮށްފައިވާތީ
ބުރަމަސައްކަތާއި ގުދުވެ ކުރަންޖެހޭ މަސައްކަތް ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވޭ

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ގަޔަށް ބާރުގަދަ 3 ވަނަ އިންޖެކްޝަން މިއަދު ޖަހައިފިއެވެ.

އޭޑީކޭގައި މުހުތާޒް އެޑްމިޓްކޮށްގެން މިއަދު 3 ވަނަ އިންޖެކްޝަން ޖަހާފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށްޓަކައި އަދި ހޮސްޕިޓަލުގައި ބާއްވާނެއެވެ.

މުހުތާޒްއަށް ދޭން ޖެހޭ އެކަށީގެންވާ ބޭސްފަރުވާ ސަރުކާރުން ފޯރުކޮށްނުދިނުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވަމުން އަންނަކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. މުހުތާޒް ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި ގުޅިގެން އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ މުހްތާޒްގެ ބޭސްފަރުވާގެ ކަންކަން ފެށުނީއްސުރެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ސިޔާސީ ކުލަ އޭގައި ވަރަށް ބޮޑަށް ޖައްސައިގެންކަމަށެވެ. އަދި ކަރެކްޝަނަލް ސަރވިސްއިން އަބަދުބެސް ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރާކަމުގައި ބުނިނަމަވެސް، މުހުތާޒްގެ ސިއްހީ ހާލަތު ގޯސްވެފައިވަނީ ކަރެކްޝަންސްއިން ޑޮކްޓަރުންގެ އިރުޝާދުތަކާއި ކަނޑައެޅިގެން ހިލާފަށް މުހުތާޒާއި މެދު އަމަލުކޮށްފައިވާތީ ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.

އެގޮތުން، ތަކުރާރުކޮށް 3 ޑޮކްޓަރުންނަށް ވުރެ ގިނަ ޑޮކްޓަރުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ފެތުމަށާއި ކޮންމެ ދުވަހަކު ހިނގުމަށް ފުރުސަތު ދިނުމަށް އިރުޝާދުދެއްވި ނަމަވެސް، އެކަންކަން ކުރުމުގެ މަގު ކަރެކްޝަންސްއިން ފަހިކޮށްދީފައިނުވާކަން އާއިލާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައިދީފައިވާކަމަށް ބުނިނަމަވެސް އަދި ބުރަމަސައްކަތާއި ގުދުވެ ކުރަންޖެހޭ މަސައްކަތް ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވީ ނަމަވެސް މުހްތާޒް ބޭއްވިފައިވަނީ ވައި ދައުރުކުރާނެ ގޮތެއް ނެތް، ކަރަންޓު އަދި ފަންކާއެއް ނެތް، ގޮޅިއެއްގައި އެކަހެރިކޮށް ރާއްޖޭގައި ތިބި އެންމެ ނުރައްކާތެރި ކުއްވެރިން ތިބޭ ޔުނިޓްގައިކަމަށް އާއިލާއިން ބުނެއެވެ. އަދި މިގޮޅިއަކީ ގިނަ އަދަދަކަށް ހިކަނދި، ކުރަފި، ރަތް ހިނި އަދި ތަފާތު ސޫފި ވަންނަތަނަކަށްވާތީ މުހުތާޒް އަމިއްލައަށް މަދުވެގެން ހަފްތާއަކު އެއްފަހަރު މުޅި ގޮޅި ދޮވެ ސާފުކުރަންޖެހޭކަމަށާއި އަދި ނިދުމަށް ބޭނުންކުރާ ބެޑްޝީޓް އަދި ބާލިސް އުރަ މަދުވެގެން ހަފްތާއަކު 1 ފަހަރު އަތުން ދޮންނަންޖެހޭކަމަށް އާއިލާއިން ފާހަގަކުރެއެވެ. އެހެންނަމަވެސް ކަރެކްޝަންސްއިން މިއީ ބުރަ އަދި ގުދުވެގެން ކުރަންޖެހޭ މަސައްކަތެއްކަމަށް އެއްވެސް ވަރަކަށް ޤަބޫލު ނުކުރާކަމަށް އާއިލާއިން އަންގާރަ ދުވަހު ނެރުނު ބަޔާނުގައިވެއެވެ.

 

މިއަދު މުހުތާޒްގެ ގަޔަށް ޖެހި އިންޖެކްޝަންއަށް އިޝާރާތްކޮށް އާއިލާއިން ބުނީ މުހްތާޒް 3 ވަނަ ފަހަރަށް އެޑްމިޓްކުރުމަށްފަހު އެޖެހި އިންޖެކްޝަނަކީ މުހްތާޒްގެ ބޭސްފަރުވާ ސިޔާސީ ކުރުމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި މުހުތާޒް މައިބަދައަށް އެންމެ ފުރަތަމަ މިމައްސަލަ ދިމާވި ދުވަހުން ފެށިގެން ޑޮކްޓަރުންގެ ލަފާއާއި އެއްގޮތަށް ކަރެކްޝަނަލް ސަރވިސް އިން އަމަލުކުރިނަމަ 2 ވަނަ އިންޖެކްޝަން އަދި 3 ވަނަ އިންޖެކްޝަނެއްވެސް މުހުތާޒްގެ ގަޔަށް ޖަހަން ނުޖެހުނީސްކަމަށް އާއިލާއިން ދެކޭކަމަށްވެސް އާއިލާގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން މުހުތާޒްއަށް ފާޅުގައި ދެމުންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލުމަށްފަހު މިވަގުތުން ފެށިގެންވެސް ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް މުހުތާޒް ބަލަހައްޓަވާ ދެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އާއިލާއިން ގޮވާލާކަމަށް ބަޔާނުގައިވެއެވެ. އަދި ސްޕެޝަލް ޕްރޮޓެކްޝަން ޤައިދީންނަށް ލިބިދޭ ހުރިހާ ފަސޭހަތަކެއް ތަފާތު ކުރުމެއް ނެތި މުހުތާޒްއަށް ހަމަޖައްސައިދިނުމަށް ވެސް އާއިލާއިން ވަނީ ގޮވާލާފައެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުކަމަށް ކަނޑައަޅައި ކުރީގެ ޕީޖީ މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނު ކަމަށް ބުނެ، އެމައްސަލައިގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް