ގއ. ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރިއާއި، މިސްކިތު ފަންޑު ފޮށި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކައުންސިލް އިދާރާގެ މުއައްޒަފަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގެ ތުހުމަތުގައި ރޭ 10:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ކޮލަމާފުށި ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރު އިއްޒަތު އަބްދުﷲ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީގެ ކައުންސިލް ރައީސް އަބްރާހިމް އަލީމް ވިދާޅުވީ، އިއްޒަތު މިވަގުތު ހުރީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ކަމަށާއި، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ. އަލީމް ވިދާޅުވީ އިއްޒަތަކީ އަހުލާގީ ގޮތުން ރަނގަޅު، ވައްކަމުގެ ކުށެއްގެ ރިކޯޑެއް ނެތް މުއައްޒަފެއް ކަމަށެވެ. އޭނާ ވިދާޅުވީ، ބޮޑަށް ލަފާކުރެވޭގޮތުގައި އިއްޒަތު ހައްޔަރުކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތުގައި އިހުމާލުވުމުގެ ތުހުމަތުގައި ކަމަށެވެ.
ކައުންސިލްގެ ތިޖޫރިއާ ހަވާލުވެ ހުންނަ މުވައްޒަފަކީ އިއްޒަތު ކަމަށާއި، ތިޖޫރީގެ ތަޅުދަނޑި އޮންނަނީ އިއްޒަތުގެ ބެލުމުގެ ދަށުގައިކަން ފާހަގަކުރައްވާ އަލީމް ވިދާޅުވީ، ފައިސާ ވަގަށް ނަގާފައިވަނީ ކައުންސިލްގެ ތިޖޫރީއާއި ފަންޑު ފޮށި ހަލާކުކޮށްލައިގެން ކަމަށެވެ.
އަލީމް ވިދާޅުވީ ކައުންސިލް ތިޖޫރީއާ، މިސްކިތު ފަންޑު ފޮށީގެ ފައިސާ އެއްކޮށް ގާތްގަނޑަކަށް 142000 ރުފިޔާ ހުންނާނެ ކަމަށެވެ. ނަމަވެސް ތިޖޫރީއާ، މިސްކިތުގެ ފަންޑުގައި ހުރި ފައިސާގެ އަދަދު ސިދާ ހުރިވަރު ބުނަން ނޭނގޭ ކަމަށް އަލީމް ވިދާޅުވި އެވެ.
ކައުންސިލްގެ ތިޖޫރީގައި ހުރި ފައިސާއަކީ މުއައްޒަފުންގެ ރޯދަ އެލަވަންސާއި، ބައެއް ބިލްތަކަށް ދައްކަންޖެހޭ ފައިސާއެވެ. ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ފައިސާ ވަގަށް ނަގާފައި ހުރި ކަން އެނގުނީ ހޯމަ ދުވަހު ހެނދުނު އޮފީސް ހުޅުވުމުންނެވެ.