އިއްޒުއްދީން މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު މިއަދު އާންމުކޮށް ހުޅުވާލައިފި ކަމަށް ހައުސިންގ މިނިސްޓްރީން ހާމަ ކޮށްފިއެވެ.
އިއްޒުއްދީން މަގު ތާރުއަޅައިގެން އަލުން ހަދައި އަންގާރަ ދުވަހު ހުޅުވި އިރު މި މަގު ފުޅާކޮށް ދެކޮޅަށް ދުއްވޭ މަގަކަށް ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް ކުރިން އެމަގަކީ އެއްކޮޅަށް ދުއްވާ މަގެކެވެ.
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކުރިއްވި ޓްވީޓެއްގައި ވިދާޅުވީ އެ ސަރަހައްދު ހުޅުވާފައިވާ ކަމަށާއި އެ ސަރަހައްދު އާންމުންނަށް މިހާރު ބޭނުންކުރެވޭނެ ކަމަށެވެ. މަގު ހެދެމަށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާއިރު އެ ސަރަހައްދު ބަންދުކުރުމުން އާންމުންނަށް ދަތި އުނދަގޫތައް ކުރިމަތިވެ އެތައް ބައެއްގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ.
އަމީނީމަގު ގުޅުނު ހިސާބުން މާލޭ ސިނާއީ ސަރަހައްދާ ހަމައަށް އޮންނަ އިއްޒުއްދީން މަގުގައިގައި ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ.
މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖު ހުޅުވުމަށް ތައްޔާރުވަމުންދާތީ މާލޭކޮޅުން ބްރިޖާ ގުޅިފައިވާ މަގުތައް ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއެވެ.