ކ. މާލެ
|
15 މެއި 2018 | އަންގާރަ 12:01
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުއްޓައި ވަޒީފާއިން ވަކިކުރި އަބްދުލް މަންނާން ޔޫސުފް (ވ)
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުއްޓައި ވަޒީފާއިން ވަކިކުރި އަބްދުލް މަންނާން ޔޫސުފް (ވ)
ޕޮލިސް
ފުލުހުންގެ ވަޒީފާ
އޭސީޕީ މަންނާނު ވަޒީފާއިން ވަކިކުރަން ފުލުހުންގެ ސުލޫކީ ބޯޑުން ނިންމައިފި
މައްސަލަ ނިންމީ ހޯމަ ދުވަހު
އިސްތިއުނާފު ބޯޑަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ
ވަޒީފާއިން ވަކިކުރިއިރު ހުރީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ސަސްޕެންޑް ކޮށްފައި

މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ސަސްޕެންޑް ކޮށްފައި ހުރި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ސުލޫކީ ބޯޑުން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ތަންފީޒު ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުޙުމަތު މަންނާނުގެ މައްޗަށް ކޮށްފައިވާއިރު، މަންނާނު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ ހޯމަ ދުވަހުއެވެ.

މިފަދައިން މަންނާނުގެ މައްޗަށް ތުޙުމަތު ކުރެވުނު ނަމަވެސް، އޭނާ ވަޒީފާއިން ވަކިކުރީ ސީދާ ކޮން މައްސަލައެއްގައިކަން އޭނާގެ ފަރާތުން ވެސް، އަދި ފުލުހުންގެ ފަރާތުން ވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ސުލޫކީ ބޯޑުން މަންނާނު ވަޒީފާއިން ވަކިކުރި ނަމަވެސް، ފުލުހުންގެ ތެރޭގައި އޮންނަ އިސްތިއުނާފު ބޯޑަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުޞަތު މަންނާނުއަށް އޮންނާނެއެވެ. އަދި އިސްތިއުނާފު ބޯދު ނިންމުމާއި މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ، ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް ވެސް އެ މައްސަލަ ހުށަހެޅުމުގެ ޙައްޤު މަންނާނަށް އޮންނާނެއެވެ. އަދި އެއަށް ފަހު އެ މައްސަލައާއިގެން ސިވިލް ކޯޓާއި، ހައިކޯޓު މަރުހަލާއަށް ފަހު ނިހާއީ ނިންމުމެއް ހޯދުމަށް ސުޕްރީމް ކޯޓާއި ހަމައަށް ދިއުމުގެ ޙައްޤު ވެސް މަންނާނަށް ލިބިގެން ވެއެވެ.

ފުލުހުންގެ ވަޒީފާއިން މަންނާނު ވަކިކުރިއިރު މީޑިއާއަށް ހާމަވެފައިވާ ގޮތުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފާއި ގާތް ގުޅުމެއް އޮންނަ މަންނާނަކީ އެކެއް ފެބްރުއަރީގެ ޙުކުމާއި ގުޅިގެން ފުލުހުން ތަންފީޒު ކުރަން ޖެހޭ ކަންކަމުގައި އިސް ރޯލެއް އަދާ ކުރުމަށް ހަވާލުކުރެވުނު ފަރާތެކެވެ.

މަންނާނުގެ އިތުރުން ވެސް ފުލުހުންގެ ސުލޫކީ ބޯޑުން ދާދިފަހުން ވަނީ ފެބްރުއަރީ އެކެއްގެ ކޯޓު އަމުރު ތަންފީޒު ކުރަން މަސައްކަތްކުރި ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށްފައެވެ. އަދި ވަޒީފާއިން ވަކިކުރި ފުލުހުން ހައްޔަރުކޮށް، އެމީހުން މިހާރު ތިބީ ޖަލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް