ގުދުސްއަކީ އިސްރޭލުގެ ވެރިރަށް ކަމަށް ނިންމާ އެބިމަށް އެގައުމާއި އެމެރިކާ ވެރިވެގަނެފައި އޮތުން ކުށްވެރިކޮށް، ތުރުކީއިން އެދެގައުމަށް ކަނޑައަޅައިފައިވާ މަންދޫބުން އަނބުރާ ގެންނަން ނިންމައިފި އެވެ.
ތުރުކީގެ ބޮޑު ވަޒީރުގެ ނައިބު ބެކިރް ބޮޒްޑެކް ދައުލަތުގެ މީޑިއާ އަންދަލު އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެގައުމުން އެމެރިކާއާއި އިޒްރޭލަށް ކަނޑައަޅާފައިވާ އެމްބެސެޑަރުންނާއި އެކި ވުޒާރާތަކުގެ މަންދޫބުން އަނބުރާ ގެންނަން ނިންމާފައިވާކަމަށެވެ.
ބޮޒްޑެކް އިތުރަށް ވިދާޅުވީ އިޒްރޭލުން ގުދުސްއަށް ވެރިވެގަތުމާމެދު މަޝްވަރާ ކުރުމަށް އދ. ގެ އާންމު ބައްދަލު ވުމެއް ބޭއްވުމަށް ތުރުކީގެ ހާރިޖީ ވުޒާރާއިން އެދިފައިވާކަމަށެވެ.
ސީއެންއެންއިން ބުނީ އެމެރިކާގައި ހުންނަ ތުރުކީ އެމްބަސީއިންވެސް މިކަން ކަށަވަރުކޮށްދީފައިވާކަމަށެވެ. ގައުމުތަކުގެ ދޭތެރޭގައި ޖެހޭ މައްސަލަތަކުގައި މިފަދައިން މަންދޫބުން އަނބުރާ ގެނައުން އެއީ އާންމުކޮށް ކުރާ ކަމެކެވެ.
ހޯމަ ދުވަހު އެމެރިކާއިން އިޒްރޭލުގައި ޤާއިމްކޮށްފައިވާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމުން އެމެރިކާ ސަރުކާރަށް ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ބަހުގެ ހަމަލާތައްވެސް ރައްދުވެފައެވެ.
ރައީސް އުރުދުޣާން ވިދާޅުވީ އެމެރިކާއިން މިނިންމުމުން ދޭހަވަނީ އެގައުމަކީ މެދު އިރުމަތީގެ ހަމަނުޖެހުންތަކައް ހައްލެއް ގެންނަން މަސައްކަތް ކުރުގެ ބަދަލުގައި ހަމަނުޖެހުން އިތުރަށް ގޯސްކޮށް މައްސަލަ އުފައްދަން އުޅޭ ފަރާތެއްކަމަށެވެ. ހޯމަ ދުވަހެ ވާހަކަފުޅުގައި ރައީސް އުރުދުޣާންވަނީ އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ގޮތުގައި ސިފަކުރައްވާފެއެވެ.
އެމްބަސީ ބަދަލު ކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރުމަށް ޣައްޒާ ބޯޑަރަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފަ އެވެ. ޖަމާވި މީހުންގެ ތެރެއިން 55 މީހުންވަނީ އިޒްރޭލް ސިފައިންގެ އަތުން ޝަހީދުވެފައެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ މިއިހްތިޖާޖުގައި މިހާތަނަށް 2700 މީހުންނަށް އަނިޔާ ވެފައިވާކަމަށެވެ.