ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލްތައް ހުއްޓުވުނީ އޮޅުމަކުން ކަމަށް ބުނެ ބައްދަލުވުންތަކަށް ފުލުހުން އަލުން ހުއްދަ ދީފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން ހޯމަދުވަހު ބުނެފި އެވެ.
މައުމޫންގެ ވަކީލް، މައުމޫން ހަމީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މައުމޫންގެ އާއިލީ ބައްދަލުވުންތައް މި މަހުގެ 28 އާ ހަމައަށް މެދުކަނޑާލި ކަން އާއިލާ އަށް ފުލުހުން އެންގި އެވެ. ނަމަވެސް އޭގެ އިރުގަނޑެއް ފަހުން، އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލްތަކަށް ހުއްދަ ދިން ކަން ފުލުހުން އަންގާފައިވާ ކަމަށް މައުމޫންގެ އާއިލާ އިން ބުނެ އެވެ.
މައުމޫންގެ އާއިލާއިން ބުނިގޮތުގައި، އެމަނިކުފާނުގެ އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލްތައް ހުއްޓުވި ސަބަބު އޮޅުންފިލުއްވުމަށް، އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަރަށް ގިނަ މުއައްސަސާތަކަށް ގުޅުއްވިއެވެ. އާއިލީ ބައްދަލުވުންތައް މެދުކަނޑާލި ކަމަށް ބުނެވުނީ، ފުލުހުންގެ ކަސްޓޯޑިއަލް އަށް އޮޅުމަކުން ކަމަށް ބުނެ ބައްދަލުވުން ތަކަށް އަލުން ފޯމުލާން ފުލުހުން އެދިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރައީސް މައުމޫނަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެ ވަޑައިގެންފައެވެ. ބައްދަލުވުންތައް މެދުކަނޑާލުމުން، އާއިލާ އާއި ވަކީލުން ކަންބޮޑުވުން ފާޅުކުރީ، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވެދާނެ ކަމަށް ބުނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް ފަރުވާ ހޯއްދަވަމުން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މައުމޫން ޖަލަށް ލީ ފަހުން، އެ މައްސަލަ ބޮޑުވެ، އެމަނިކުފާނާ އެކު އަރިހުގައި އަބަދުވެސް މީހަކު ބެހެއްޓުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ. އެއީ، ވާޓިގޯ އެޓޭކެއްގެ ސަބަބުން މައުމޫންގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވައި، ވަކީލް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.