ކ. މާލެ
|
14 މެއި 2018 | ހޯމަ 19:35
ޣައްޒާ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން
ޣައްޒާ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން
އޭއެފްޕީ
ފަލަސްތީނު - އިޒްރާއިލް
ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފި
ފަލަސްތީނުގެ 35000 ރައްޔިތުން ޣައްޒާގެ ބޯޑަރުގައި އަންނަނީ ނުރުހުން ފާޅުކުރަމުން
އޭގެ ތެރެއިން 41 މީހުން ޝަހީދުކޮށްލާފައިވޭ
1800 މީހުންނަށް ވަނީ އަނިޔާވެފައި

އިޒްރާއިލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމާއި ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސްރާއީލުން ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފިއެވެ.


އެމެރިކާގެ އެމްބަސީ ހޯމަ ދުވަހު ޤުދުސްގައި ހުޅުވާފައިވާއިރު މިކަމާއި ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ފަލަސްތީނުގެ 35000 ރައްޔިތުން ޣައްޒާގެ ބޯޑަރުގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން އަލިފާން ބޯޅައާއި އޮށްގައު އިޒްރާއިލްގެ ސިފައިންނާ ދެކޮޅަށް ބޭނުންކޮށްފައިވާއިރު އިޒްރާއިލް ސިފައިން ރައްދުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 41 ރައްޔިތަކު ޝަހީދުވެފައިވެއެވެ އަދި 1800 މީހުންނަށް ވަނީ އަނިޔާވެފައެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. 


އިޒްރާއިލް ސިފައިންގެ މި ހަމަލާތަކުގެ ތެރޭގައި އަނިޔާވި މީހުންގެ ތެރޭގައި 8 ނޫސްވެރިޔަކު ވެސް ހިމެނެއެވެ.


އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ޣައްޒާގެ ބޯޑަރު ކައިރީގައި ހުންނަ ހަމާސްގެ އަސްކަރީ މަރުކަޒަކަށް ވެސް އެ ގައުމުން ހަމަލާދީފައިވެއެވެ. އެގައުމުގެ އަސްކަރިއްޔާއިން ވަނީ ހަމާސް ޖަމާއަތުން މި ވަގުތުގެ ބޭނުން ހިފައި އިޒްރާއިލަށް ހަމަލާ ދޭން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ބޯޑަރުގެ ފެންސް ފަޅާލައި ޤުދުސްއަށް ވަނުމަށް ހަމާސްގެ ލީޑަރު ވަނީ ގޮވާލައްވާފައެވެ. 

ހޯމަ ދުވަހު ޤުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވާފައިވާއިރު އެމެރިކާގެ ރައީސް ވަނީ މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕްއަށް ޝުކުރު އަދާކޮށްފައެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާ ސަރުކާރުގެ ބޮޑު ވަފުދެއް ބައިވެރިވިއިރު އޭގެ ތެރޭގައި ވައިޓްހައުސްގެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، އެކަމަނާގެ ފިރިކަލުން ޖެރާޑް ކުޝްނަރ ހިމެނިވަޑައިގަންނަވައެވެ. 


އެމެރިކާގެ އެމްބަސީ ހުޅުވާފައިވަނީ މިހާރުވެސް ޤުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައެވެ. ނަމަވެސް ފަހުން، އެމްބަސީއަށް ވަކި ބިމެއް ޚާއްސަކޮށް، އައު އިމާރާތެއްގައި އެމްބަސީ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މި ނިންމުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އަންނަނީ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ބޯޑަރުގައި އަޑު އުފަލުމުންނެވެ. ޤުދުސްގެ މައްސަލަ ފެންމަތިވިފަހުން މިހާތަނަށް ފަލަސްތީނުގެ ޖުމްލަ 91 ރައްޔިތަކު އިޒްރާއިލުގެ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް