ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ގަޔަށް 3 ވަނަ ފަހަރަށް ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އެޑްމިޓްކޮށްފިއެވެ.
މި އިންޖެކްޝަނަކީ މުހުތާޒްގެ މައިބަދައަށް ދިމާވެފައިވާ މައްސަލައަށް ފަރުވާ ހޯދުމަށް ޖަހާ އިންޖެކްޝަނެކެވެ. ބާރުގަދަ އިންޖެކްޝަނެއް 3 ފަހަރަށް މުހުތާޒްގެ ގަޔަށް ޖަހަން ޖެހުނީ އޭނާގެ ސިއްހީ ފަރުވާގެ މައްސަލައިގައި ސަރުކާރުން ފަރުވާ ކުޑަކުރުމުންކަމަށް އާއިލާއިން ވަނީ ކުރިން ބުނެފައެވެ. އެގޮތުން މުހުތާޒް ރާއްޖެއިން ބޭރުން ބޭސް ފަރުވާކުރަން ޑޮކްޓަރު އަންގާފައިވީނަމަވެސް، ސަރުކާރުން އެފުރުސަތު ފަހިކޮށްދީފައި ނުވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން މުހުތާޒް ފިޒިއޮތެރަޕީ ހައްދަން ޑޮކްޓަރުން ލަފާ ދިން ނަމަވެސް، އެކަން ކުރުމުގައިވެސް ކަރެކްޝަނަލް ސަރވިސަސްއިން ފަރުވާ ކުޑަކޮށްފައިވާކަމަށް އާއިލާއިން ބުނެއެވެ.
މި އިންޖެކްޝަން ޖެހުމަށްފަހު މުހުތާޒް 10 ވަރަކަށް ދުވަހު ހޮސްޕިޓަލުގައި އޮންނަވަން ޖެހިވަޑައިގަންނަވާނެއެވެ.
މުހުތާޒު ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންނެވެ. އޭނާގެ މައްޗަށް 2016ވަނަ އަހަރުގެ ޖޫން މަހު ޖަލު ހުކުމް އިއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުއްވިކަމަށް ބުނާ މައްސަލައިގައެވެ.