ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިނިވަންކުރުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލުމުން، ކެނެޑާގެ މޮންޓްރިއާލް އިންސްޓިޓިއުޓް ފޮރ ޖެނޮސައިޑް އެންޑް ހިއުމަންރައިޓްސް ސްޓަޑީސްއިން އެގޮވާލުން ތަކުރާރުކޮށްފިއެވެ.
އެ އިންސްޓްޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ކައިލް މެތިއުސް ވިދާޅުވީ އެއިންސްޓިޓިއުޓް އޮތީ އެމްނެސްޓީ އިންޓަރނޭޝަނަލް އާއިއެކު ކަމަށާއި، މަހުލޫފު މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލާކަމަށެވެ.
.@MIGSinstitute stands with @amnesty and calls for @AhmedMahloof 's release https://t.co/oistswJB2g
— Kyle Matthews (@kylecmatthews) May 13, 2018
މަހުލޫފަކީ ޟަމީރުގެ ޤައިދީއެއް ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ކަނޑައަޅާފައެވެ. އެމްނެސްޓީ އިންޓަރނޭޝަނަލް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަހުލޫފާއި ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި، ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން ޤާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި އުފުލާފައިވާ ހަޤީޤަތެއް ނެތް ދައުވާތަކެއް ކަމަށެވެ.
އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ޚިޔާލު ފާޅުކުރުމާއި، ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އަދި މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ހިންގި ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އެ ޙައްޤުތައް އިތުރަށް ހަނިވެގެން ގޮސްފައިވާ ކަމަށެވެ.
އަދި އެއްވެސް ޝަރުތެއް ނެތި ވަގުތުން މަހުލޫފް މިނިވަން ކުރުމަށާއި، ޖިނާއީ އަދުލުގެ ނިޒާމަކީ ސިޔާސީ ވާދަވެރިންނާއި ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރަކަށް ނުހެދޭނެކަން ކަށަވަރުކުރުމަށާއި، ބިރުވެރިކަމެއް ނެތި ޚިޔާލު ފާޅުކުރެވޭނެ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގޮވާލައި، މި ޖޫން މަހުގެ 22 ވަނަ ދުވަހުގެ ކުރިން ބަންޑާރަ ނައިބު މުޙައްމަދު އަނިލް އާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު ޝިހާންއަށް ސިޓީ ލިއުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.
އަދި މި ސިޓީތަކުގެ ކޮޕީ ރާއްޖެއަށް އެކި ޤައުމުތަކުން ކަނޑައަޅާފައިވާ ޑިޕްލޮމޭޓުންނަށް ފޮނުވުމަށްވެސް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.
މަހުލޫފު މިނިވަންކުރުމަށް އެމްނެސްޓީ އިންޓަރނޭޝަލް އިން ގޮވާލުމުން އެކަމަށް ކެނެޑާގެ މޮންޓްރިއާލް އިންސްޓިޓިއުޓް ފޮރ ޖެނޮސައިޑް އެންޑް ހިއުމަންރައިޓްސް ސްޓަޑީސްއިން ތާޢީދުކުރުމާއި ގުޅިގެން މަހުލޫފު ވަނީ އެއިންސްޓިޓިއުޓަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ޕާލަމެންޓޭރިއަންސް ފޮރ ގްލޯބަލް އެކްޝަން އިންވެސް ވަނީ އެމްނެސްޓީ އިންޓަރނޭޝަނަލް އިން މަހުލޫފު މިނިވަންކުރުމަށް ގޮވާލިކަން ފާހަގަކޮށް، މަހުލޫފާއި ދެކޮޅަށް އުފުލިފައިވާ ދައުވާ ތަކަކީ ސިޔާސީ ދައުވާތަކެއްކަން ފާހަގަކޮށްފައެވެ. މަހުލޫފަކީ ޕާލަމެންޓޭރިއަންސް ފޮރ ގްލޯބަލް އެކްޝަންގެ ޙަރަކާތްތެރި މެމްބަރެކެވެ.