ކ. މާލެ
|
14 މެއި 2018 | ހޯމަ 19:43
ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ފަހު އަލީ ހަމީދު ލޯންޗަށް އަރުވަނީ
ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ފަހު އަލީ ހަމީދު ލޯންޗަށް އަރުވަނީ
މުހައްމަދު ޝަރުހާން
ފަނޑިޔާރު އަލީ ހަމީދު
އަލީ ހަމީދާ ދެކޮޅަށް ހުށަހެޅި ހެކިތަކާ އެކު، ވީޑިއޯއެއް ވެސް ސިއްރުކޮށްފި
ވީޑިއޯއިން ފެންނަ މަންޒަރު ދައުލަތުން ކިޔައިދިން
އިބްތިދާއީ އަޑުއެހުންތައް ވަނީ ނިންމާލާފައި
ޝަރީއަތް ފަށާނީ ދައުވާ ލިބޭ ހަ މީހުން ހާޒިރުކޮށްގެން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއެކު، ވީޑީއޯއެއް ވެސް ސިއްރު ކުރަން ކްރިމިނަލް ކޯޓުން އަމަރުކޮށްފި އެވެ.

އަލީ ހަމީދާ ދެކޮޅަށް ހުށަހެޅި އެ ހެކިތައް ސިއްރު ކުރަން ހޯމަ ދުވަހު އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމެވެ. ފެބްރުއަރީ 1 އަމުރާ ގުޅިގެން، ޓެރަރިޒަމްގެ ދައުވާ ލިބޭ ބޭފުޅުންނަށް ޝަރީއަތް ހިންގަވަނީ ގާޒީ ހައިލަމެވެ.

އަލީ ހަމީދާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނޭ ވީޑިއޯއަކީ މާލޭގެ މަގެއް އަރާ ގޮތަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއެއްގެ ފުޓޭޖެކެވެ. ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެ ވީޑިއޯއާ ގުޅޭ ގޮތުން ދައުލަތުން ވަނީ ވާހަކަ ދައްކާފައެވެ.

ޕަބްލިކް ޕްރޮސެކިއުޓަރ، އަހުމަދު ނައުޝާދު ވިދާޅުވީ އެ ވީޑިއޯއިން ފެންނާނީ ނަސަންދުރާ ކައިރީގެ މަންޒަރެއް ކަމަށެވެ. އެގޮތުން އެއް ކާރުން އަނެއް ކާރަށް އެއްޗެހިތަކެއް ބަދަލު ކުރާ މަންޒަރު ވީޑިއޯއިން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވީޑިއޯގެ ތަފްސީލަށް ނައުޝާދު ވަޑައިގެންނެވީ، ވީޑިއޯ ސިއްރު ކުރަން ދައުލަތުން އެދިފައި ވަނިކޮށެވެ. އެކަމާ ގުޅޭ ގޮތުން ގާޒީ ހައިލަމް ވިދާޅުވީ ވީޑިއޯއާ ގުޅޭ ގޮތޭ ތަފްސީލުތަކެއް، ދައުލަތުން ވިދާޅުވުމުން، ވީޑީއޯ ސިއްރު ކުރުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. ޖަވާބުގައި ދައަލަތުގެ ވަކީލު ނައުޝާދު ވިދާޅުވީ އެ ވާހަކަތައް ކިޔައިދިނުމަކުން ވީޑިއޯގެ ސިއްރުތައް ހާމަވެގެން ނުދާނެ ކަމަށާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ވެސް ނުލިބޭނެ ކަމަށެވެ.

ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ އެ ޝަރީއަތުގައި ގާޒީ ހައިލަމް އަމުރު ކުރައްވާފައި ވަނީ އަލީ ހަމިދާ ދެކޮޅަށް ހުށަހެޅި އިންޓަލިޖެންސް ރިޕޯޓަކާއި ސީން އޮފް ކްރައިމްގެ އޮފިސަރުންގެ ރިޕޯޓާއި ވީޑިއޯ ސިއްރު ކުރުމަށެވެ.

އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ ދައުވާ އިބްތިދާއީ އަޑުއެހުންތައް ނިންމާލުމުން، ދެން އޮންނާނީ އެ މައްސަލައިގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ބޭއްވުމެވެ. އެ ޝަރީއަތްތައް ކުރިއަށް ގެންދާނީ އެ ދައުވާ ލިބޭ ހަ ބޭފުޅަކު، އެއް އަޑުއެހުމަކަށް ހާޒިރުކޮށްގެންނެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ ލިބޭ ބޭފުޅުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ދިއްގަރު ދާޢިރާގެ މެމްބަރު ފާރިސް މައުމޫނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.

އެ ހަ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގާނީ އެއް އަޑުއެހުމަކަށް ހާޒިރުކޮށްގެންނެވެ. އަޑު ފެތުރިފައިވާ ގޮތުގައި އެ ޝަރީއަތް ކުރިއަށް ގެންދާނީ ދަރުބާރުގޭގައެވެ.

ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އަލީ ހަމީދުގެ ދިފާއީ ވަކީލުން ހުށަހެޅުއްވި ކަންކަން ގާޒީ ބަލައިގެންފައެއް ނުވެއެވެ.

އެގޮތުން ދިފާއީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަނީ ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމެއްގެ ސައްހަކަމާމެދު ބަހުސް ކުރެވޭ ގޮތަށް ކްރިމިނަލް ކޯޓުގައި އެ ޝަރިއަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުން ބުނީ އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ނޫން ކަމަށެވެ. ދައުވާ އުފުލީ އެ އަމުރު ނެރުމުގައި އަލީ ހަމީދު ނުބައި ނިޔަތެއް އޮތުމުން ކަމަށާއި ޝަރީއަތުގެ މަރުހަލާގައި އަލީ ހަމީދުގެ ގެންގުޅުއްވި ނިޔަތް ސާފުކޮށްދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ނުބައި ނިޔަތެއް އޮވެގެން، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކޮށް، ރައްޔިތުންގެ ސަލާމަތަށް ނުރައްކާ ކުރުވަފާނެ ހާލަތެއް މެދުވެރި ކުރުވަން 2013 ވަނަ އަހަރުން ފެށިގެން އަލީ ހަމީދު މަސައްކަތް ކުރެއްވި ކަމަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވާތީ، ގާޒީ ހައިލަމް ވަނީ އެކަމާ ސުވާލު އުފައްދަވާފައެވެ. އެކަމާ ގުޅޭ ގޮތުން ގާޒީ ހައިލަމް ވަނީ ދައުލަތާ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ.

އަލީ ހަމީދާއި އޭނާގެ ބައިވެރިން 1 ފެބްރުއަރީގެ އަމުރު ނެރެން ޕްލޭން ކުރީ 2013 ވަނަ އަހަރުން ފެށިގެންތޯ ގާޒީ ސުވާލު ކުރެއްވިއެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ ޝަރީއަތުގެ މަރުހަލާގައި އެކަމުގެ ތަފްސީލަށް ވަޑައިގަންނަވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް