ކ. މާލެ
|
14 މެއި 2018 | ހޯމަ 15:36
އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް
އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް
ރާއްޖެ އެމްވީ
އިޔާދަކުރަނިވި ހަކަތަ
ސާފު ހަކަތައިގެ މަގު ޗާޓު އެކުލަވާލައި ކުރިއަށް އޮތް ދެމަސް ދުވަހުން ނިންމާލެވޭނެ: އެންވަޔަރަންމަންޓް މިނިސްޓަރު
ހަކަތައިގެ މަގުޗާޓް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްގެންދަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެން
ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ 70 އިންސައްތަ ސާފު ހަކަތައަށް ބަދަލު ކުރަނީ

ސާފު ހަކަތައިގެ މަގު ޗާޓު އެކުލަވާލައި ކުރިއަށް އޮތް ދެމަސް ދުވަހުން ނިންމާލެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހަކަތައިގެ މަގުޗާޓް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެންވަޔަރަމެންޓް މިނިސްޓްރީއާ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެންނެވެ.

ސާފު ހަކަތައިގެ މަގުޗާޓު 2018 - 2025 ގެ އެންމެ ފަހުގެ ދެލި ކޮޕީ ސަރުކާރުގެ މުއައްސަސާތަކާއި ހަކަތައިގެ ދާއިރާއާ ގުޅުންހުރި އަމިއްލަ ފަރާތްތަކާ ހިއްސާކޮށް މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ މިމަގު ޗާޓު އެކުލަވާލުމަށްޓަކައި ރާއްޖޭގެ ހަކަތައިގެ ދާއިރާ ހިންގައި ތަރައްގީ ކުރުމަށް މިހާތަނަށް ހެދިފައިވާ ސިޔާސަތުތަކާއި ރޭވުންތަކާއި އަދި މަގުޗާޓުތައް މުރާޖާ ކުރެވިފައިވާ ކަމަށެވެ. ހަމަ އެއާއެކު މި ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ހާސިލްވެފައިވާ މިންވަރު ވަނީ ދެނެގަނެވިފައިވާ ކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ އެއްދުވަހަށް ކުރިއަށް ގެންދާ މިބައްދަލުވުމުގައި މަގު ޗާޓުގައިވާ މައުލޫމާތު މަޝްވަރާކޮށް އިތުރު ހިޔާލުތައް ހިމެނުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ސާފު ހަކަތައިގެ މަގުޗާޓު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ 70 އިންސައްތަ ސާފު ހަކަތައަށް ބަދަލު ކުރުމަށް ގެންނަންޖެހޭ ކަންކަމަށް މަގު ދައްކައިދިނުން ކަމެށެވެ. އެގޮތުން ރާއްޖޭގެ މާހައުލުން އެންމެ އެކަށޭނަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ސާފު ހަކަތަ މުޅި ރާއްޖެއަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

" ރާއްޖޭގައި މިހާރު މަސައްކަތް ކުރެވެމުންދާ ސާފު ހަލަތައިގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން މިދަނީ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 30 އިންސައްތައާ ހަމައަށް ސާފު ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުން. މިމަސައްކަތުގައި ޕްރައިވެޓް ސެކްޓާރ ބައިވެރިކޮށް ރިސޯޓުތަކާއި އާންމު ފަރުދުން ބައިވެރިކުރެވޭނެ" މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރާއްޖޭގައި ހަކަތަ އުފައްދާ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުގެ އިތުރުން ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި މިމަގު ޗާޓުގައިވާ މައުލޫމާތު މަޝްވަރާކޮށް އިތުރު ހިޔާލުތައް ހިމެނުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާ ކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް