އަނެއްކާވެސް މާލޭ ސިޓީ ޕާކު ތަރައްގީ ކޮށް ބަލަހައްޓާނެ ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި މަހުގެ 21 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު މެއި 27 ކުރިން އެކަމަށް އެދި ލިޔުންތައް ހުށަހަޅަންޖެހޭ ކަމަށެވެ.
މީގެ ކުރިން މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ވެސް ހައުސިންގ މިނިސްޓްރީން ވަނީ މާލޭ ސިޓީ ޕާކު ތަރައްގީ ކުރުމަށް ހުޅުވާލާފަ އެވެ. އެހެން ނަމަވެސް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމުގެ ސަބަބުން އެ އިއުލާނު ވަނީ ބާތިލްކޮށްފަ އެވެ.
މިފާއިތުވެދިޔަ އަހަރުތަކުގައި އެކި ގޮތްގޮތަށް ސިޓީ ޕާކު ތަރައްގީ ކުރެވުނު އިރު އެންމެ ފަހުން އެތަން ވަނީ ހުޅުދާން ބަގީޗާ ނުވަތަ ލެޑް ލައިޓް ގާޑެންގެ ގޮތުގައި ތަރައްގީ ކޮށްފައެވެ.
މިނިވަން 50 އަށް ސަރުކާރުން މާލޭތެރެ ޒީނަތްތެރި ކުރުމަށް ކުރި ބޮޑު ހަރަދުގެ ތެރެއިން ސަލްޓަން ޕާކުގައި ލެޑް ލައިޓް ބަގީޗާ ތަރައްގީ ކުރުމަށް ހަވާލު ކުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާއެވެ. އެ ޕާކުގައި ގާތްގަނޑަށް 72 ލެޑް ލައިޓް ގަސް ބެހެއްޓިއެވެ. އެހެން ނަމަވެސް އެހެން ކޮންސެޕްޓަކަށް ސަލްޓަން ޕާކު ތަރައްގީ ކުރުމަށްޓަކައި ލެޑް ލައިޓް ގަސްތައް އަލިކިލޭގެފާނު މަގުގައި ހުންނަ ސިޓީ ޕާކަށް ބަދަލު ކުރިއެވެ. އެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ.
އެގޮތުން ސިޓީ ޕާކު ތަރައްގީކޮށް އާންމު ރައްޔިތުންނަށް ހިތް ފަސޭހަ މާހައުލަކަށް ހަދައި، އެތަން ހުޅުވާނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން ތަފާތު އެކި ތާރީހުތައް ވެސް އޭރު ދީފައިވެއެވެ. އަދި ބޮޑު ހޭދައެއް ކޮށްގެން މިނިވަން ދުވަހަށް ބަނދެފައިވާ "ކަޅުއޮށްފުންމި" އާއި ލެޑް ލައިޓް ބަގީޗާއާ އެކު މާލޭ ސިޓީ ޕާކު 2016 އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެ އަހަރުވުމާ ގާތްވެފައި ވާއިރު ސިޓީ ޕާކުގައި ބެހެއްޓިފައި ހުރި ލެޑް ލައިޓް ގަސްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ސިޓީ ޕާކުގައި ޖަހާފައި ހުރި ލެޑް ލައިޓް ގަސްތަކާއި ޕްލާސްޓިކް ޖަނަވާރުތައް ހަލާކުވެ، އެތަން ވަނީ ތަރުތީބު ގެއްލިފައެވެ. މުޅި ސަރަހައްދުގައި ވަނީ ތަފާތު އެކި ބާވަތްތަކުގެ ކުންޏެވެ.