އއ. ތޮއްޑޫގެ އުތުރުން 3 މޭލު ބޭރުން "މަސް ނަނު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގައި ހުރި މުދާތައް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާރޑްއިން އިލްތިމާސްކޮށްފި އެވެ.
އެމްޑީއެފްއިން ބުނީ، މާލެއިން ފުރައިގެން ބ.ސޮނެވާފުއްޓަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ 95 ފޫޓްގެ އެ ދޯންޏަށް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ 19:12 ހާއިރު ކަމަށެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެ ސަރަޙައްދަށް ދަތުރުކުރަމުން ދިޔަ ޕޮލިސް ލޯންޗަކަށް ދޯނީގައި ތިބި 5 މީހުން ވަނީ ނަގާފައިކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެ އިދާރާއިން ބުނެއެވެ.
އެނގިފައިވާގޮތުގައި އެ ދޯނީގައި ތިބި 4 ބިދޭސީންނާއި ދިވެއްސެކެވެ. އެ ދޯނި ބަންޑުންޖަހާލީ މަޑުމަޑުން އެއްފަރާތަށް އަރިވަމުންއަރިވަމުން ގޮހެވެ.