ކ. މާލެ
|
14 މެއި 2018 | ހޯމަ 03:48
ފަނޑިޔާރު އަލީ ހަމީދު - އޭނާގެ މައްޗަށް މިހާރުވެސް ޖަލު ހުކުމެއް އިއްވާފައިވޭ
ފަނޑިޔާރު އަލީ ހަމީދު - އޭނާގެ މައްޗަށް މިހާރުވެސް ޖަލު ހުކުމެއް އިއްވާފައިވޭ
މުހައްމަދު ޝަރުހާން
ސިޔާސީ ދައުވާތައް
އަލީ ހަމީދު، ފާރިސް އަދި އިލްހާމްގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު
އަލީ ހަމީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު 11:00 އަށް
ފާރިސް މައުމޫންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު 01:00 އަށް
އިލްހާމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ ހެނދުނު 11:00 އަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން މިއަދު 11:00 އަށް ތާވަލްކޮށްފައިވާއިރު، ފާރިސް މައުމޫންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު 01:00 އަށެވެ. އަދި އިލްހާމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ ހެނދުނު 11:00 އަށެވެ. 

ފަނޑިޔާރު އަލީ ހަމީދު - އޭނާގެ މައްޗަށް މިހާރުވެސް ޖަލު ހުކުމެއް އިއްވާފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

އެންމެފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން އަލީ ހަމީދު ރިޝްވަތުގެ ފައިސާގައި ހިއްޕަވައި ވަކި ބަޔަކަށް މަންފާވާ ގޮތަށް ހުކުމްތައް ކުރައްވާފައިވާ ކަމަށެވެ. އަދި މުއައްސަސާތަކުގެ މަސައްކަތަށް ބުރޫ އަރުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

އަހުމަދު ފާރިސް މައުމޫން - އޭނާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފައި -- ފޮޓޯ: ރާއްޖެ.އެމްވީ

ފާރިސްގެ މައްޗަށް ކުރާ ޓެރަރިމަޒްގެ ދައުވާގައިވާ ގޮތުން 2013 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން އުޅުމާއި، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ އިތުރުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ވެސް ފާރިސް ބައިވެރިވި ކަމަށް ދައުވާގައިވެ އެވެ. އަދި އެ އަމުރު ނެރުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ލައްވައި، ބައެއް ފުލުހުން މަގުމައްޗަށް ނެރެގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.

އެ ދައުވާ ސާފުނުވާ ކަމަށާއި ރިޝްވަތު ދިން ގާޒީންގެ ނަމުގެ އިތުރުން ރިޝްވަތު ދިނީ ކިތައް ގާޒީންނަށް ކަމެއްވެސް ދައުވާއިން ސާފުނުވާ ކަމަށް ފާރިސްގެ އިތުރުން ފާރިސްގެ ގާނޫނީ ވަކީލުން ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް ފާރިސް ވިދާޅުވީ ޖިނާއި ކުށެއް ކޮށްފައިވާނުވާނެތީވެ، ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. 

އެ ދައުވާއަށް ފާރިސް އިންކާރު ކުރެއްވުމުން އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ވަނީ 32 ހެއްކާއި ގަރީނާ ހުށަހަޅާފަ އެވެ. ހެކީގެ ތެރޭގައި ސިއްރު 17 ހެކިވެރިއަކާއި ހަތް ފުލުހަކާއި ހަތަރު ސިއްރު ލިޔުމެއްގެ އިތުރުން އިތުރު ބައެއް ހެކިތަކެއް ވެސް ހިމެނެ އެވެ.

އިލްހާމް އަހުމަދު - އޭނާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފައި -- ފޮޓޯ: ރާއްޖެ.އެމްވީ

އިލްހާމްގެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައިވަނީ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން އޭނާ އެދުނު އެއްވެސް ކަމެއް ކޮށްދެއްވެން ނެތް ކަމަށް ނިންމައި، ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. އެގޮތުން ގާނޫނުލް އުގޫބާތުގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ކުށް ފުރިހަމަވާނެ ކަމަށް ބުނެފައިވާ އަމަލުތައް އިލްހާމް ހިންގެވިކަން ދައުވާއިން ސާފުވާން ނެތުމުން އެ ދައުވާއަކީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅައިދޭން އިލްހާމްގެ ފަރާތުން އެދުނެވެ. ނަމަވެސް އެކަންވެސް ގަޒީ ބަލައިގެންފައެއް ނުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް