ބެންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް އެ ބެންކްއިން ނިންމައިފިއެވެ.
ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 118.4 މިލިއަން ރުފިޔާ ބަހަން ހޮޓެލް ޖެންގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ. އެހެންކަމުން ކޮންމެ ހިއްސާއަކަށް ހިއްސާދާރަކަށް 22 ރުފިޔާ ލިބިގެންދާނެއެވެ.
ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރަކީ ދިވެހި ދައުލަތް ކަމަށްވާއިރު މިދިޔަ އަހަރުގެ ފައިދާއި ދައުލަތަށް ޓެކްސް އާއި ހިއްސާގެ ގޮތުގައި ޖުމްލަ 378 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބީއެމްއެލްއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 1.416 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ޖުމްލަކަށް 2016 ވަނަ އަހަރާއި އަޅާބަލާއިރު ހަތަރު އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އުފެއްދުންތެރި ނޫން ލޯންތަކުގެ ނިސްބަތް ބެންކުން 20.3 އިންސައްތަ އިން 4.1 އިންސައްތައަށް ދަށްކޮށްފައިވާއިރު އަލަށް ދޫކުރި ލޯންގެ އަދަދު ވަނީ 4.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި މި ލޯންތައް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ ޑިޕޮސިޓްތައް 15 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށާއި މިއީ މާކެޓަށް ބަލާއިރު ޑިޕޮސިޓް އިތުރުވާ މިންވަރަށްވުރެ މަތީ ނިސްބަތެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މީގެއިތުރުން ބޭންގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ހިފެހެއްޓިފައިހުރީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ވެސް ބެންކްއިން ބުނެފައިވެއެވެ.
ބީއެމްއެލްގެ ހިއްސާގެ އަގަށް ވަނީ 240 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ.