ކ. މާލެ
|
13 މެއި 2018 | އާދީއްތަ 19:36
އިވަންކާ އާއި ޖެރާޑަށް އިސްރާއީލުން މަރުހަބާ ކިޔަނީ
އިވަންކާ އާއި ޖެރާޑަށް އިސްރާއީލުން މަރުހަބާ ކިޔަނީ
ބީބީސީ
އިސްރާއީލް - އެމެރިކާ
ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް އިވަންކާ އާއި ޖެރާޑް އިސްރާއީލަށް ވަޑައިގެންފި
ހޯމަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވަނީ އެމްބަސީގެ ވަގުތީ އޮފީހެއް

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީގެ އައު އޮފީސް ހުޅުވައިދެއްވުމަށް، ވައިޓްހައުސްގެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، އެކަމަނާގެ ފިރިކަލުން ޖެރާޑް ކުޝްނަރ އިސްރާއީލަށް ވަޑައިގެންފިއެވެ.

އިސްރާއީލުގެ ވެރިރަށަކީ ފަލަސްޠީނުގެ ގުދުސް ކަމަށް ނިންމައި، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި އެއްގޮތަށް، ހޯމަ ދުވަހު ގުދުސްގައި އެމެރިކާގެ އެމްބަސީގެ އައު އޮފީސް ހުޅުވާއިރު، މި ހަފްލާ ރާވާފައި މިވަނީ ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލު ޤާއިމްކުރިތާ 70 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަކީ ޒަމާނުއްސުރެ މި މައްސަލައިގައި އެމެރިކާއިން ބޭރުފުށުން ދައްކަމުން ދިޔަ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތަށް ނިމުން ގެނުވި ނިންމެވުމެކެވެ. އަދި މި ނިންމެވުމާއި ގުޅިގެން ބައިނަލްއަޤުވާމީ ދުނިޔޭގައި އެމެރިކާ އާއި ރައީސް ޓްރަމްޕަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

އެމެރިކާގެ މި ނިންމުމަކީ ފާހަގަކުރަންޖެހޭ ވަރުގެ އުފާވެރި ނިންމުމެއް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވާއިރު، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވަނީ މިއީ މި ޤަރުނުގައިވެސް ފަލަސްޠީނުގެ މޫނުމަތީޖައި ޖެހި އެންމެ ބޮޑު ތަފާލުގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހޯމަ ދުވަހު އެމްބަސީގެ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައެވެ. ނަމަވެސް ފަހުން، އެމްބަސީއަށް ވަކި ބިމެއް ޚާއްސަކޮށް، އައު އިމާރާތެއްގައި އެމްބަސީ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ މިހާރު ހުންނަނީ ތެލްއަވީވުގައެވެ.

- ކޮމެންޓް
15 މެއި 2018 | އަންގާރަ 03:12
ރަޝީދު
ކޮބާ އދ.؟ މުސްލިމުންނަށް އަނިޔާއެއް ވަންޏާ ހައްގުތަކެއް ނޯވެ. އިޒްރޭލަކީ އދ.ގެ ތިބުނާ މުއާހަދައިގައި ސޮއި ކޮށްފައިވާ ބައެއް ނޫންތަ؟ އެމީހުންނަށް އެޅިފިޔަޅެއް ކޮބައިތޯ. ކޮބާތޯ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް. ބަައެއްގެ ގައުމަށް އަރައި އެމްބަސީ ހުޅުވާ ހަދާއިރު ކޮބާތޯ. އެމެރިކާގެ ސަފީރު؟ ރާއްޖޭގެ ކަންތައް ކުރާ ގޮތާބެހޭ ގޮތުން ބަސްމުނާ ސަފީރެއް އުޅޭނެ. މުސްލިމް ގައުމެއްގައި ކަމެއް ކުރަންޏާ ތެޅިފޮޅޭނެ.