ކ. މާލެ
|
13 މެއި 2018 | އާދީއްތަ 17:53
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު:-އެމަނިކުފާނު ގެންދަވަނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު:-އެމަނިކުފާނު ގެންދަވަނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓް
އުއްތަމަ ފަނޑިޔާރަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައި، ޝަރީއަތް ފަށަން ތައްޔާރުވެއްޖެ
ޝަރީއަތުގެ ކުރިން ދައުލަތުން ތިން ކަމެއް ހުށަހެޅުއްވި
އުއްތަމަ ފަނޑިޔާރުގެ ފަރާތުން އެއްވެސް ކަމެއް ހުށަނާޅުއްވައި
ޝަރީއަތްފެށޭނެ ވަކި ދުވަހެއް އަދި ނޭނގެ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ނިންމާލައި ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.  

އަބްދުﷲ ސައީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރިޝްވަތު ހިފައި ކޯޓުން އަމުރެއް ނެރެ، ރައްޔިތުންނާއި ގައުމުގެ ހަމަޖެހުން ނަގާލައި ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހްމަތުގަ އެވެ. މި ދައުވާއާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހަޅައިފައިވާ ކަންކަމާމެދު ވަނީ ވާހަކަ ދައްކައި ގާޒީ ގޮތެއް ނިންމަވާފަ އެެވެ.

އެހެން ނަމަވެސް ދައުވާ ލިބޭ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ވަކިން ހުށަހަޅާފައެއްނުވެ އެވެ. ސަބަބެއްގެ ގޮތުގައި ދިފާއީ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ކަންމަކީ މި މައްސަލައިގައި ވެސް ހުށަހަޅަން ހުރި ނުކުތާތަކަށް ވުމެވެ. އަދި އެ ކަންކަމާމެދު ޝަރީއަތުން ނިންމާ ގޮތްތަކަކީ ހަމަ މި މައްސަލައިގައި ވެސް ނިމިގެންދާނެ ގޮތްތަކަށް ވާނެތީ ވަކިން މި މައްސަލައިގައި އެކަންކަން ހުށަނޭޅުއްވީ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވިއެވެ.

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ފަނޑިޔާރު އަލީ ހަމީދަށްވެސް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކި ވަކިންނެވެ. އަދި އަލީ ހަމީދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލިޔުމުން ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އެ ކަންކަމާމެދު ގޮތެއް ނިންމުމަށް އަދި އަޑުއެހުމެއް ނުބާއްވަ އެވެ. މި މައްސަލަ ބައްލަވާ ގާޒީ ހައިލަމް ނިންމެވީ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅުމެއް ނާޅުއްވާ ކަމަށެވެ.

ދައުލަތުން ވަނީ ޝަރީއަތުގެ ކުރިން ތިން ކަމެއް ކޮށްދެއްވުމަށް ގާޒީއަށް ހުށަހަޅުއްވާފައެވެ. އެއީ ސިއްރު ހެކިވެރިންނަށް ހިމާޔަތް ލިބޭނެ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ހެކިންގެ ހުރިހާ މައުލޫމާތެއް ސިއްރުކޮށްދިނުމުގެ ދާއިމީ އަމުރެއް ނެރެދިނުމަށާއި ޝަރީއަތް ހިނގަމުންދަނިކޮށް މައްސަލައާ ގުޅޭ ގޮތުން އާ ހެއްކެތް ލިބިއްޖެ ނަމަ އެކަމެއް ހުށަހެޅުމުގެ ހުއްދަ ދެއްވުމެވެ.

ދައުލަތުން ހުށަހެޅި ކަންކަމަށް ދައުވާ ލިބޭ ފަރާތުން އިންކާރުކޮށް ވާހަކަ ދެއްކެވި ނަމަވެސް ދެ ފަރާތުން ދެއްކެވި ވާހަކަތަކަށްބަލައި ގާޒީ ނިންމެވީ އެ ހުރިހާ ކަމެއް ބަލައިގަތުމަށެވެ. އެހެން ނަމަވެސް ދައުލަތުން ސިއްރު ލިޔުންތައް ގޮތުގައި ހުށަހަޅާފައިވާ އެއް ލިޔުމެއް ޝަރީއަތުގައި ދައުވާ ލިބޭ ފަރާތަށް ދައްކާލުމަށް ދައުލަތުން އިންކާރުކޮށްފައިނުވާތީ އެ ފުރުސަތު ދެއްވުމަށް ނިންމެވިއެވެ.  

އޭގެ އިތުރުން އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އަބްދުﷲ ސައީދާ ދެކޮޅަށް ތަފާތު އެކި ދައުވާތައް ކުރެވިފައިވާއިރު އޭގެ ތެރެއިން ދެ މައްސަލައެއްގައި މިހާރު ހުކުމް ކޮށްފައިވާކަން ފާހަގަކޮށް އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޓެރަރިޒަމްގެ ދައުވާ މިހާރު ބާތިލްވާނެ ކަމަށެވެ. ގާނޫނުލް އުގޫބާތާ ހަވާލާދީ އޭނާ ވިދާޅުވީ އެއް ހާދިސާއަކާ ގުޅިގެން އެކި ދައުވާތައް ކުރެވިފައިވާއިރު ފުރަތަމަ ހުކުމް ކުރަން ޖެހޭނީ އެންމެ ބޮޑު ކުށުގެ ދައުވާގައި ކަމަށާއި އަދަބު ކަނޑައެޅުމުގައި ލިބޭ ލުއިތައް ލިބިގެންދާނީ އޭރުން ކަމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ އެއީ މައްސަލައިގައި ޝަރީއަތް ނިމި އަދަބު ކަނޑައެޅުމަށް ވާހަކަ ދައްކާއިރު ދައްކަން ޖެހޭ ވާހަކައެއް ކަމަށެވެ.

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ވެސް ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.  އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށާއި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް މިހާރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު މި ދެ މައްސަލައިގައި ޖުމްލަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް