ފްރާންސްގެ ވެރިރަށް ޕެރިހުގައި ވަޅި ބޭނުންކޮށްގެން ދިން ޓެރަރިސްޓް ހަމަލާ ދިން މީހާ އަކީ ޗެޗްނިއާ އަށް އުފަން މީހެއް ކަމަށް އޮފިޝަލުން ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ހަމަލާ ދިން މީހާގެ މައިންބަފައިން، ފުލުހުން ވަނީ ސުވާލު ކުރުމަށްޓަކައި ހައްޔަރަށް ގެންގޮސްފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ހިނގި މިހާދިސާގައި ހަމަލާ ދިން މީހާ "ﷲ އަކްބަރު" އޭ ގޮވަމުން ދިޔައިރު, ފުލުހުން ވަނީ އޭނާ މަރާލާފައެވެ. ހަމަލާ ދިން މީހާ ހަމަލާދެމުން ދިޔަ ހިސާބަކީ މުނިފޫހިފިލުވުމުގެ ގިނަ ޚިދުމަތްތަކެއް ލިބޭ ސަރަހައްދެކެވެ. ފުލުހުން ބުނީ ހަމަލާ ދިން މީހާ ފުރަތަމަ ހަމަލާ ދޭން ފަށާފައިވަނީ މަގުމަތީގައި ހުރެގެން މަގުންދާ އެކިއެކި މީހުންނަށް އަމާޒުކޮށް ކަމަށާއި، ފަހުން އެ ސަރަޙައްދުގައި ތިބި މީހުން ބިރުން އެ ސަރަޙައްދުގައި ހުރި ކެފޭ ރެސްޓޯރަންޓްތަކަށް ވަދެ ފިލުމުން، އޭނާ އެތަންތަނަށްވެސް ވަނުމަށް މަސައްކަތް ކުރި ކަމަށެވެ.
ފްރާންސްގެ ފުލުހުން މިހާރު ދަނީ މި ހަމަލާ، ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން.
ފްރާންސްގައި ވޭތުވެދިޔަ ތިންއަހަރުތެރޭގައި ދިން އެކި ޓެރަރިސްޓް ހަމަލާތަކުގައި 245 މީހުން މަރުވެފައިވެއެވެ.
ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގާފައިވާ އިރު ހޮނިހިރު ދުވަހުގެ ހަމަލާގައި ހަތަރު މީހަކު ޒަޚަމްވެފައިވެއެވެ.