ކޮންމެ އަހަރަކު ވެސް ސައުދީ އަރަބިއްޔާއިން ދެމުން ގެންދާ ކަދުރު މިއަހަރު އަދި ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރޯދަ މަސް ފެށެން ހަތަރު ވަރަކަށް ދުވަހަށް ވެފައިވާ އިރު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކަދުރު އަދި ނުލިބޭ ކަމަށެވެ.
މީގެކުރިން ސައުދީން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރާ ކަދުރު ރޯދަ މަސް ފެށެންވާއިރަށް ލިބެއެވެ. އަދި ކަދުރު އައުމާއެކު އެ ދިވެހި ރައްޔިތުންނަށް ބަހަށްފަށަ އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ބަހާ ނިންމާލެވޭވަރުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެހެންކަމުން މިއަހަރު ކަދުރު ލިބުން ލަސްވެގެން އުޅެނީ ކީއްވެތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ ކަދުރު ނުލިބިގެން އުޅޭ ސަބަބެއް އޭނާއަށް އެނގި ނުލައްވާ ކަމަށެވެ. އަދި މި ފެށޭ ރޯދަ މަހަށް ސައުދީން ކަދުރު ރާއްޖެއަށް ފޮނުވާނެކަން ނުވަތަ ނޫންކަން ވެސް އޭނާއަށް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ތަނުގައި ކޮންމެ އަހަރަކުހެން ސައުދީ އަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ބެހުމަށް 50 ޓަނެއްހާ ކަދުރު ކޮންމެ އަހަރަކު ހެން ހަދިޔާ ކުރެއެވެ.
ސައުދީ އަރަބިއްޔާއިން 2016 ވަނަ އަހަރު ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ތެރެއިން 10 ޓަނު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ ސަދަގާތު ފައުންޑޭޝަނަށް ނަގައި އެ ކަދުރު ބަހަމުން ދިޔަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް އެމައްސަހަލަ ބެލުމަށް ފަހު ބުނެފައިވަނީ އެ ފައުންޑޭޝަނުން ކަދުރު ބެހުމަކީ މައްސަލައެއް ނޫން ކަމަށެވެ.