ކ. މާލެ
|
13 މެއި 2018 | އާދީއްތަ 12:31
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ގެކޮޅުގެ ސަރަހައްދު ފުލުހުން ބަންދު ކޮށްފައި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ގެކޮޅުގެ ސަރަހައްދު ފުލުހުން ބަންދު ކޮށްފައި
އަރިފިން ޖަމަރް
ނަޖީބް ރައްޒާގު
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ގެކޮޅުގެ ސަރަހައްދު ފުލުހުން ބަންދު ކޮށްފި
ނަޖީބް އާއި އަނބިކަނބަލުން ގައުމުން ބޭރަށް ވަޑައިގަތުން ވެސް ވަނީ މަނާ ކޮށްފައި

ކަރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވިފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ގެކޮޅަށް ވަދެ ނުކުންނަ އޮންނަ މަގު މެލޭޝިއާގެ ފުލުހުން ކޯޑްން ކޮށްފިއެވެ.

ސެންޓުލް ޕޮލިސް ސްޓޭޝަންގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް މުހައްމަދު ރާފިގް މުހައްމަދު މުސްތަފާ މެލޭޝިއާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރީގެ ބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގެ ކައިރީގައި ފުލުހުން ސްޓޭޝަން ކޮށް ކޯޑްން ކުރީ ސެކިއުރިޓީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެއީ ނުރައްކަލެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށާއި އެ ގެކޮޅުގެ ކައިރީގައި އިންތިޚާބުގެ ކުރިންވެސް ފުލުސް ޕޯސްޓެއް ގާއިމް ކޮށްފައި ހުންނާނެ ކަމަށެވެ.

މެލޭޝިއާގެ ނޫހެއްގައި ބުނެފައި ވަނީ ނަޖީބުގެ ގެކޮޅަށް ވަންނަ ދޮރުމަތީގައި ގިނަ ފުލުހުން ސްޓޭޝަން ވެގެން ތިބި ތަން އެމީހުންނަށް ފެނިފައިވާ ކަމަށެވެ.

ކޯޑްން ކޮށްފައިވާ ސަރަހައްދަށް ނޫސްވެރިން ވަނުން ވަނީ މަނާ ކޮށްފައި ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އިންތިޚާބު ނިމުމާއެކު ކުރީގެ ބޮޑުވަޒީރު ނަޖީބް އާ ގުޅުން ހުރި އެޕާޓްމަންޓެއް ފުލުހުން ބަލާ ފާސް ކޮށްފައިވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާ އާއި އަގުބޮޑު ތަކެތި ފުލުހުންނަށް ވަނީ ފެނިފައެވެ.

ކުރީގެ ބޮޑުވަޒީރުގެ ގެކޮޅު ހުންނަ ސަރަހައްދު ފުލުހުން ކޯޑްން ކޮށްފައި ވާއިރު އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ގައުމުން ބޭރަށް ފުރާ ވަޑައިގަތުން މެލޭޝިއާގެ އިމިގްރޭޝަނުން ވަނީ މަނާ ކޮށްފައެވެ.

ނަޖީބު ވިދާޅުވީ ކުރު ޗުއްޓީއަކަށް އަނބިކަނބަލުންނާ އެކު މި ދިޔަ ހޮނިހިރު ދުވަހު ގައުމުން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް މެލޭޝިއާގެ އިމިގްރޭޝަނުން އެންގުމުން ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ނަޖީބު އާއި އަނބިކަނބަލުން ޕްރައިވެޓް ޖެޓެއްގައި ވަޑައިގަތުމަށް އުޅުއްވީ އިންޑޮނީޝިއާ އަށެވެ.

ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތު ތަކުގެ ތެރޭގައި މެލޭޝިއާ އިންވެސްޓްމަންޓް ފަންޑުން ހަތް ސަތޭކަ މިލިއަން ޑޮލަރު ވަގަށް ނެންގެވިކަން ފާހަގަ ކުރެވެއެވެ.

ނިމިދިޔަ މެލޭޝިއާގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި މަހާތީރު މުހައްމަދު ވިދާޅުވީ، ނަޖީބުގެ ކުށެއް ނެތް ކަމަށް ނަޖީބުގެ ވެރިކަމުގައި ނިންމާފައި އޮތް ކަމަށް ވިޔަސް އެކަށީގެންވާ ހެކި ލިބިއްޖެ ނަމަ އަލުން މައްސަލަ އައު ސަރުކާރުން ތަހުގީގު ކުރައްވާނެ ކަމަށެވެ.

އިންތިޚާބު ނާކާމިޔާބު ވުމާއެކު ނަޖީބު ވަނީ ބަރިސަން ނޭސަނަލް ކޯލިޝަން ގެ ޗެއަރމަން ކަމުންނާއި ޔުނައިޓެޑް މެލޭ ނޭޝަނަލް އޯގަނައިޒޭޝަން ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ.

- ކޮމެންޓް