ވަޑާން ކުރަމުންދާ މީހެއްގެ ދަރި އިނގިރޭސިވިލާތުގެ އެންމެ މުއްސަދި މީހާއަށް ވެއްޖެއެވެ.
މިދިޔަ އަހަރު ލިސްޓުގެ އަށާރަވަނައިގައި ހުރި ޖިމް ރެޓްކިލިފް، 2018 ވަނަ އަހަރު ލިސްޓުގެ އެއްވަނައަށް އަރައިފައި ވަނީ ގާތްގަޑަކަށް 28.5 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކުއެވެ. ރެޓްކިލިފްގެ ކުންފުނި ކަމަށްވާ ކެމިކަލް ފާމް އިނިއޮސްގެ ދެ ޑިރެކްޓަރުން ވެސް ހިމެނެނީ އިނގިރޭސިވިލާތުގެ އެންމެ މުއްސަދި 1000 މީހުންގެ ތެރޭގައެވެ.
އުމުރުން 65 އަހަރުގެ ރެޓްކިލިފް ހަޔާތް ކިތަންމެ ނިކަމެތިކޮށް ފެށިގެން އައިނަމަވެސް މިހާރު ހުރި ހިސާބަށް ދެވިފައި ވަނީ ގަދަ ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާގެ ސަބަބުންނެވެ. ރެޓްކިލްފްގެ ބައްޕަ އަކީ ވަޑާން ކުރާ މީހަކަށް ވީއިރު މަންމަ އަކީ އެކައުންޓެންޓެކެވެ. ރެޓްކިލިފްގެ ޅަފަތުގައި މައިންބަފައިންނާއެކު އުޅެމުން ގޮސްފައި ވަނީ މުނިސިޕަލްޓީއިން ފެއިލްސްވޯތްގައި ބިނާ ކޮށްފައިވާ ބޯހިޔާވަހިކަމުގެ ފުލެޓެއްގައެވެ. އެތަން ދޫކޮށްލުމަށް ފަހު މައިންބަފައިންނާއި އެކު ވަނީ ޔޯކްޝަޔަރަށް ދިރިއުޅުން ބަދަލުކުރި ރެޓްކިލިފް ވަނީ ބެވަލޭ ގްރެމަރ އިން ސުކޫލުން ކިޔަވާ ބާމިންގްހަމް ޔުނިވާސިޓީއިން ވަނީ ކެމިކަލް އިންޖިނިއަރިންގް ހަދާފައެވެ. އަދި ލަންޑަނުގެ ބިޒްނަސް ސުކޫލުން އެމްބީއޭ ވަނީ ހާސިލް ކޮށްފައެވެ.
ކެމިކަލް ފާމް އިނިއޮސްގެ މައިގަނޑު މަސައްކަތަކީ ތެޔޮ ސާފް ކުރުމާއި ޕެޓްރޯކެމިކަލް އުފެއްދުމެވެ. އަދި އެ ކުންފުނިން ދަނީ ސްކޮޓިޝް ސަރުކާރު ތެޔޮނަގަން ބޭނުން ކުރާ އުކުޅުތަކަށް ހިންހަމަނުޖެހުން ފާޅުކޮށް އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކޯޓުގައި ދައުވާ ކުރަމުންނެވެ.
ރެޓްކިލިފްގެ މިލްކިއްޔާތު ބޮޑު ބައެއް ލިބިފައިވަނީ ފާއިތުވި އަހަރުތެރޭ ގައެވެ. އިނގިރޭސިވިލާތައް އުފަން ބޭފުޅަކަށް މުއްސަދިންގެ ލިސްޓުގެ އެއްވަނަ މީގެ ކުރިން ލިބިފައި ވަނީ 2003 ވަނަ އަހަރުއެވެ.