މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގުޅުންހުރި އެޕާޓްމަންޓްއެއް ފާސް ނުކުރާކަމަށް މެލޭޝިއާގެ ފުލުހުން ބުނެފިއެވެ.
މެލޭޝިއާގެ ފުލުހުން ބުނެފައިވަނީ ފުލުހުން ދިޔައީ އެޕާޓްމަންޓް ފާސްކުރަން ނޫން ކަމަށާއި ޕޮލިސް ރިޕޯޓަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދަން ކަމަށެވެ.
ޕެވިލިއަން ރެސިޑެންސް އެޕާޓްޕަންޓްގައި އުޅޭ ގިނަ ފަރާތްތަކުން ބުނެފައިވަނީ ފުލުހުން އެ ހިސާބަށް ދިޔައީ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށާއި ފުލުހުން ދިޔައީ ކީއްކުރަން ކަމެއް އެ މީހުންނަށް ނޭނގޭ ކަމަށެވެ.
ވިއްސަކަށް ފުލުހުން އެ އެޕާޓްމަންޓަށް ވަންނަނިކޮށް ފެނިފައިވާއިރު ފުލުހުން ބުނެފައިވަނީ ގާނޫނާ ޙިލާފަށް ނަގާފައިވާ ސަރުކާރުގެ ލިޔެކިޔުންތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަން ވެރިކަން 61 އަހަރަށް ފަހު ނިމުމަކަށް އައިސްފައިވާއިރު، ނަޖީބާމެދު ކުރެވޭ ތުހްމަތުތައް ބަލާނެ ކަމަށް މެލޭޝިއާގެ އާ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. އަދި ނަޖީބާއި އޭނާގެ އަނބިކަނބަލުން މެލޭޝިއާއިން ފުރާވަޑައިގަތުން ވަނީ މަނާކޮށްފަ އެވެ.