ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހް ކޮށްފިއެވެ.
ރޯދަ މަހަށް މަރުހަބާ ކިޔުމަށް ހޮނިހިރުދުވަހުގެ ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި، ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފެވެ.
ކްރިމިނަލް ކޯޓުން ބުނީ މި ވެބްސައިޓަކީ ފަސޭހަކަމާއެކު ބަލައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ، އާންމު ރައްޔިތުންނާއި ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ލިބޭނެ ވެބްސައިޓެއް ކަމަށެވެ. މީގެއިތުރުން ކޯޓުން ނިންމާ ނިންމުންތަކާއި، ގަޒިއްޔާތަކާއި، ކޯޓުގެ ތަފާސްހިސާބާއި، ކޯޓުން ހިންގާ މައްސަލަތަކުގެ ތާވަލާއި، ކޯޓުގައި މިވަގުތު ބޭނުން ކުރަމުން އަންނަ ފޯމުތަކާއި ވަކީލުންނާއި ގުޅުން ހުރި ގިނަ މައުލޫމާތެއް ލިބެން ހުންނާނެކަމަށް ވެސް ކުރިމިނަލް ކޯޓުން ބުންޏެވެ.
މި ހަފްލާގައި ކުރިމިނަލް ކޯޓުގެ އިޖްތިމާއީ ކޮމެޓީގެ ހަރަކާތްތައް ފުރިހަމައަށް ފެނިގެން ދާނެ ފަދަ ގޮތަކަށް އިޖްތިމާއީ ހަރަކާތުގެ ނަމުގައިވަނީ އާ ވެބްސައިޓްގައި އާ ޕޭޖެއް ވެސް ތައާރަފް ކޮށްފައެވެ.