މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
މެންބަރު އަމީތު ކުރައްވާފައިވާ ޓްވީޓެއްފައި ވިދާޅުވީ އެމްއޭސީއެލް އިން 75 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް މިހާރު ނޯޓިސް ހަވާލު ކުރަމުންދާ ކަމަށާއި، މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ސަރުކާރުގެ ކުންފުންޏަކުން ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކުރަން ނިންމާފައިވާ ނިންމުމާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އެ ނިންމުން އަނބުރާ ގެންގޮސް މުވައްޒިފުންގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭ ކަމަށް އަމީތު ވިދާޅުވިއެވެ. އަމީތު ވިދާޅުވީ ހަލާލު ގޮތުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒިފުންގެ ހައްގުތައް މިގޮތަށް ނަގާލެވިގެން ނުވާނެ ކަމަށެވެ.
އެމްއޭސީއެލްގައި ވަޒީފާ އަދާ ކުރަމުން އަންނަ މުވައްޒަފަކު ބުނީ ކުންފުނިން ގިނަ މުއައްޒަފުންތަކެއް ވަކިކުރަން ނިންމާފައިވާ ކަމުގެ އަޑު އަހާފައިވާ ކަމަށާއި، ބައެއް މުވައްޒަފުންނަށް ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަމުގެ ލިޔުން ވެސް ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި މިނިންމުމަކީ ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުމެއް ކަމަށް ބައެއް މުއައްޒަފުން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަން ނިންމާ ނޯޓިސް ދެމުންދާ ވާހަކަ ދެކެވުނު ނަމަވެސް އެކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންކަމުން މުވައްޒަފުން ވަކި ކުރަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވަނީ ސާފުވާ ގޮތެއް ނުވެއެވެ.