މެލޭޝިއާގެ ބޮޑުވަޒީރުގެ މަގާމާއި ހަވާލުވެވަޑައިގަތް ޑރ. މަހާތީރު މުހައްމަދު އެމަނިކުފާނުގެ ކެބިނެޓަށް މިނިސްޓަރުން އައްޔަނުކުރައްވަން ފައްޓަވައިފިއެވެ.
ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޑރ. މަހާތީރު ވަނީ އެމަނިކުފާނުގެ ކެބިނެޓަށް ތިން ވަޒީރަކު ވަނީ އައްޔަނުކުރައްވާފައެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ނައިބެއްގެ ގޮތުގައި ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްގެ އަނބިކަނބަލުން ޑރ. ވަން އަޒީޒާ ވަން ވެސް ރަސްމީކޮށް ހަމަޖައްސަވާފައެވެ.
އެގޮތުން އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރަކަށް ހަމަޖައްސާފައިވަނީ ކޯލިޝަނުގައި ހިމެނޭ ޑިމޮކްރެޓިކް އެކްޝަން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ލިމް ގުއާން އެންގްއެވެ. އަމާނާ ނެގްރާ ޕާޓީގެ ރައީސް މުހައްމަދު ސާބޫއަށް މިނިސްޓްރީ އޮފް ޑިފެންސް ހަވާލުކޮށްފައިވާއިރު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މަގާމަށް އައްޔަނުކޮށްފައިވަނީ ޕިރްބުމީ ބެރަސަޓޫ މެލޭޝިއާގެ ލީޑަރު ސްރީ މުހައްޔަދިން ޔާސީންއެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. މަހާތީރު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު ތިން ވުޒާރާގެ ވަޒީރުކަން ކުރައްވާނީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ލީޑާޝިޕްގެ އިސްވެރިން ކަމަށެވެ. ފިނޭންސް މިނިސްޓަރަކަށް އައްޔަނުކުރެވުނު ލިމް ވިދާޅުވީ އެމަނިކުފާނު ކުރައްވާނެ އެންމެ މުހިންމު ކަމަކީ ވަޒީފާ އުފައްދާ މެލޭޝިއާގެ ވިޔަފާރިތައް ހިމާޔަތްކުރުން ކަމަށެވެ.
ޑރ. މަހާތީރު ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ވަޒީރުން އައްޔަނުކުރާނީ މައިގަނޑު 10 ދާއިރާއަށް ވިސްނެވުމަށްފަހު ކަމަށެވެ. އެގޮތުން އެއީ ފިނޭންސް، ހޯމް އެފެއާޒް، ޑިފެންސް، އެޑިއުކޭޝަން، ރޫރަލް ޑެވެލޮޕްމެންޓް، އިކޮނޮމީ، ވޯކްސް، ޓްރާންސްޕޯޓް، ފޮރިން އެފެއާޒް އަދި މަލްޓިމީޑިއާގެ އިތުރުން ސައިންސް އެންޑް ޓެކްނޮލޮޖީ ކަމަށެވެ.
އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބާކީ ހަތް ވަޒީރުން ހޮނިހިރު ދުވަހު އިއުލާނުކުރައްވާފައިނުވާއިރު ބެލެވޭ ގޮތުގައި އަންނަ ހަފްތާގެ ތެރޭގައި އެ ވަޒީރުންގެ ނަންތައް އިއުލާންކުރެވިގެންދާނެއެވެ. ޑރ. މަހާތީރު ވިދާޅުވީ ކެބިނެޓް ފުރިހަމަވެގެންދާއިރު 25 ވަޒީރުން ތިއްބަވާނެ ކަމަށާއި އެހެންކަމުން ކެބިނެޓްގެ ހުރިހާ މަގާމެއް ފުރުމަށް ތިންވަރަކަށް ހަފްތާ ވޭތުވާނެ ކަމަށެވެ.
ޑރ. މަހާތީރުގެ ކެބިނެޓަށް ވަޒީރުން އައްޔަނުކުރަމުންދާއިރު އެމަނިކުފާނު ވަނީ މެލޭޝިއާގެ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފައުންޑަރ އަދި ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްއަށް އެ ގައުމުގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަސްވަނަ މައާފް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. މެލޭޝިއާގެ އާއްމު އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ މައްޗަށް މަހާތީރު ލީޑު ކުރައްވާ އިދިކޮޅު ކޯލިޝަން ކަމަށްވާ ޕަކަޓަން ހަރަޕަން ކުރިހޯދީ އިންތިހާބުވެވަޑައިގެންފިނަމަ އަންވަރު މިނިވަން ކުރައްވާނެ ކަމުގެ ވައުދާއެކުއެވެ.
ކެބިނެޓަށް ވަޒީރުން އައްޔަނުކުރައްވަނަ ޑރ. މަހާތީރު ފައްޓަވާފައިވާއިރު އެމަނިކުފާނު ވިދާޅުވީ ސަރުކާރުގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންނަކީ ސަރުކާރެއް ހިންގުމުގެ ތަޖުރިބާ ލިބިލައްވާފައި ނެތް ބޭފުޅުން ކަމަށާއި އެހެން ނަމަވެސް ކުރިޔަށް ހުރި ދުވަސްތަކުގައި އެ ބޭފުޅުންނަށް ވެސް އެ ތަޖުރިބާ ލިބިލައްވާނެ ކަމަށެވެ.
ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ ވެރިކަމުގައި ހިންގަވާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކުރުމަށް ޑރ. މަހާތީރު ވަނީ ހާއްސަ ކައުންސިލެއް ވެސް އުފައްދަވާފައެވެ.