އިންޑިއާގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު އަންދާ ލައިފިއެވެ.
އަންހެން ކުއްޖާ ޕެޓްރޯލުން ފޯކޮށްލުމަށް ފަހު އަންދާލައިފައި ވަނީ ރޭޕްކުރި މީހާ ކައިރީ އާއިލާ ގާތު ބުނެފާނެ ކަމަށް އިންޒާރު ދިނުމުން ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގާފައި ވަނީ ސަގަރްގެ ޑިސްޓްރިކްޓެއް ކަމުގައިވާ މަދްޔާ ޕްރަދޭޝް ގައެވެ.
މިއީ އިންޑިއާގައި ހަފްތާއެއްގެ ތެރޭގައި އަނިޔާކޮށް އަންދާލައި ފައިވާ ތިންވަން ކުއްޖާއެވެ. ކުރީގެ ދެ ހާދިސާ ހިނގައިވަނީ ޖަރްކަންދް ކިޔުނު ސަރަހައްދެއްގައެވެ.
ޖަރްކަންދުގައި ގެއްލުން ލިބުނު ކުއްޖަކުގެ ހާލަތު މިހާރު ވެސް ވަރަށް ގޯސްވެފައިވާއިރު އެކުއްޖާ ތަހައްމަލް ކުރާ ވޭން ލިބިފައިވަނީ ހަމަލާ ދިން މީހާ އާއި ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ.
އޭގެ ކުރީގައި އަނިޔާ ލިބުނު ކުއްޖާއަށް އަނިޔާކޮށް އަންދާލައިފައި ވަނީ މައިންބަފައިން އެސަރަހައްދުގެ ހަރުމީހުން ކައިރީގައި އެ މީހުންގެ މައުސޫމް ދަރިފުޅު ރޭޕް ކޮށްލި ވާހަކަ ބުނުމުން އެ މީހުންތައް ނިކުމެ ރޭޕްކުރި މީހުން އަތުލައި އެމީހުންނަށް އަދަބު ދިނުމަށް ގޮވާލުމުންނެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި 23 އަހަރުގެ ދަރިވަރަކު ގޭންގަކުން ރޭޕް ކޮށް މަރާލި ހާދިސާއަށް ފަހު އިންޑިއާގައި ޖިންސީ ހާނީއްކަ އަންނަނީ އިތުރުވަމުންނެވެ.
އެ ޖަރީމާއަށް ފަހު އެތައް ދުވަސްތަކެއް ވަންދެން ކުރި މުޒާހަރާތަކާއިއެކު ސަރުކާރުން ވަނީ އެންޓި ރޭޕް ގާނޫނަށް ބަދަލު ގެނެސް މަރުގެ އަދަބުވެސް ހިމެނޭ ގޮތުން އަދަބުތައް ހަރުކަށި ކޮށްފައެވެ.
ނަމަވެސް އަންހެނުންނާއި ކުޑަކުދިންނާއިމެދު ހިންގޭ އަނިޔާވެރި ޖިންސީ އަމަލުތައް އެ ގައުމުގެ އެކި ކަންކޮޅުން ތަކުރާރުކޮށް އަންނަނީ ރިޕޯޓް ކުރެވެމުންނެވެ.
ވަރަށް ފަހުން އިންޑިއާގައި ރޭޕްކޮށް މަރާލި މުސްލިމް އަންހެން ކުއްޖެއްގެ ގާތިލުންގެ ދިފާއުގައި ހިންދޫ ދެ މިނިސްޓަރުން ނިކުތުމުން މުޅި ގައުމު އެމީހުންނާ ދިމާލަށް ވަނީ ފާޑު ކިޔާފައެވެ.