އުތުރު ކޮރެއާއިން ނިކުލިއާރ ހަތިޔާރު ނަތްތާލައިފިނަމަ އެމެރިކާއިން އެ ގައުމުގެ އިގްތިސޯދު ކުރި އަރުވާނެ ކަމަށް ވައުދުވެއްޖެއެވެ.
ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އުތުރު ކޮރެއާއަށް ކުރެއްވި ދަތުރަށް ފަހު އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމެރިކާއާއި ދެކުނު ކޮރެއާއާ ގުޅިގެން އުތުރު ކޮރެއާގެ އިގްތިސާދު މެކުހަށް ޖެހުމަށް މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.
ޕޮމްޕޭއޯ ވިދާޅުވީ ކިމްއާއި ވަރަށް ފަސޭހައިން ވާހަކަ ދެކުނުކަމަށާއި ދެކެވުނު ވާހަކަތައް ގެންދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.
ކިމް އާއި ޓުރަމްޕް ސިންގަޕޫރުގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ޖޫން 12 ވަނަ ދުވަހުގައެވެ.
ޕޮމްޕޭއޯގެ ދަތުރު ނިންމަވާލުމަށްފަހު ހުކުރު ދުވަހު ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ކިމް ވައުދުވެވަޑައިގެންނެވި ގޮތަށް އަމަލުފުޅު ބަހައްޓައިފިނަމަ އެގައުމަށް ހަމަޖެހުމާއި ފާގަތިކަން ލިބިގެން ދާނޭކަމަށެވެ.
އުތުރު ކޮރެއާ ވީހާވެސް އަވަހަކަށް ނިއުކިލިއާގެ ހުރިހާ ބާވަތެއް ނައްތާލުމަށް ޕޮމްޕޭއޯ ވަނީ ވަރަށް ބޮޑަށް އިލްތިމާސް ކޮށްފައެވެ. އަދި ނައްތާލިކަން ޔަގީން ކުރުމަށް އެމެރިކާއާއި ދުނިޔޭގެ އެހެން ގައުމުތަކަށް ފުރުސަތު ދިނުމަށްވެސް ވަނީ އެދިވަޑައިގެންފަ އެވެ.
އެމެރިކާއިން ވަނީ އުތުރު ކޮރެއާގެ ތިން ގައިދީއަކުން ވެސް މިނިވަންކޮށްފަ އެވެ.