ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 03:53
\'ހެސްކިޔާފަ\' ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވަނީ
'ހެސްކިޔާފަ' ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން
ޖަލުގައި މީހުން ތިބެން ޖެހެނީ ޖަލު ހެދިފައި ހުރީމަ: ރައީސް ޔާމީން
އެމަނިކުފާނާއި މީހުން ކުރިމަތިކުރުވާ ސުވާލުތަކަކީ މީހަކު ޖަލުގައި އިންނަނީ ކީއްވެގެންތޯ ފަދަ ސުވާލުތައް
އެމިނިކުފާނު ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކަށް ހޫނު ރައްދެއް ދެއްވާފައި
ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ފަހު ތެޅުންގަނޑު އޮންނަނީ ބޭރުގެ ކަރަކަރައިގައި ކަމަށް

ޖަލުތަކުގައި މީހުން ތިބެން ޖެހެނީ ޖަލުތައް ހެދިފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕީއެމްއިން 'ހެސްކިޔާފަ' ނަމުގައި އަލިމަސް ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދެރަފުޅުވަނީ އެމަނިކުފާނާއި މީހުން ކުރިމަތިކުރުވާ ސުވާލުތަކަކީ މީހަކު ޖަލުގައި އިންނަނީ ކީއްވެގެންތޯ ފަދަ ސުވާލުތަކަށް ވުމުން ކަމަށެއެވެ. ސަމާސާ ރާގަކަށް އެ ސުވާލުގެ ޖަވާބު އަރުވަމުން ރައީސް ޔާމީން ވިދާޅުވީ މީހަކު ޖަލުގައި އިންނަންޖެހޭ ސަބަބަކީ ޖަލު ހެދިފައި ހުރުމުން ކަމަށެވެ.

"މީހަކު ޖަލުގައި އިންނަން ޖެހޭ ސަބަބަކީ. ސަމާސާ މިސާލެއް ދަންނަވަނީނަމަ، އެ ޖަލު ހެދިފަ ހުރީމަ. އެ ނޫންތޯ މީހަކު ޖަލުގައި އިންނަން ޖެހޭ ސަބަބަކީ"  ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެހެންމެ މި ޖަލްސާގައި އެމިނިކުފާނު ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކަށް ހޫނު ރައްދެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ އެއްވެސް ސިޔާސީ ލީޑަރަކު ރާއްޖޭގައި ނެތް ކަމަށާއި ކޮރަޕްޝަންގެ ވާހަކަ ދައްކަވާނަމަ ރާއްޖޭގައި ދިމާވި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަތައް މިހާރު ހުންނަންވާނީ ބެލިފައި ކަމަށެވެ.

"އަޅުގަނޑަށް ދައްކަވާ ސިޔާސީ އިދިކޮޅު ލީޑަރަކު ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ މީހަކު. ނުހުންނާނެ. ސިޔާސީ ލީޑަރެއް ނުހުންނާނެ ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ މީހަކު. ސިޔާސީ ލީޑަރަކަށް ކޮރަޕްޝަންގެ ވާހަކަ ދެއްކޭނަމަ ރާއްޖޭގައި ދިމާވެފައި ހުރި އެންމެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް އޮންނަން ވާނީ ބެލިފަ. އަދި އެ މައްސަލަތަކާ ދޭތެރޭ އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އިތުރު ކޮރަޕްޝަނެއް ނުހިނގާ ވަރަށް ކަންކަން ކުރެވިފަ ހުންނަން ވާނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ފަހު ތެޅުންގަނޑު އޮންނަނީ ބޭރުގެ ކަރަކަރައިގައި ކަމަށެވެ. އެގޮތުން ފަހު ތެޅުންގަނޑަށް ހުރިހާ ބޭފުޅުން ވެސް އަންނަން ޖެހޭނީ ރާއްޖެއަށް ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅުން ތިއްބެވީ އެކި މުއްދަތަށް ޖަލަށް ލެވިފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަކީ ކޮރަޕްޝަންގެ އެންމެ ބޮޑު އަމަލުތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ކަމުގައި ތުހުމަތު ކުރައްވާފައެވެ.

"ދިވެހި ކުރު ވާހަކައިގެ ބަތަލުންނަކީ ކޮބައިތޯ، ކޮރޮޕްޝަންއާއި ޑިމޮކްރަސީ ނެތިގެން ރިފޯމް ނެތިގެން އުޅޭ އިރު މީގެ ބަތަލުން ގޮތުގައި ފަހު ތެޅުންގަނޑު ތަޅާލަން ތިއްބެވި ބޭފުޅުންނަކީ މިއަދު އެ ވިދާޅުވާ ޑިމޮކްރަސީ ގެންނަން ތިބި ބޭފުޅުން، އެ ބޭފުޅުން ކިހިނެތްތޯ ފަހު ތެޅުންގަނޑު ތަޅާނީ، ފަހު ތެޅުންގަނޑު ތަޅަން އެބަ ޖެހޭ ރައްޔިތުންގެ ކުރި މައްޗައް އަންނަން. ތިން އަހަރުގައި ތިއްބެވި ބޭފުޅުން. އެއަށްވުރެ ގިނަ މުއްދަތުގައި ތިއްބެވި ބޭފުޅުން މިތިއްބެވީ. އެ ބޭފުޅުންގެ ތެޅުންގަނޑު އޮންނާނީ މިތަނަކު ނޫން، އެ ބޭފުޅުން ތިއްބެވި ކަރަކަރައިގައި ތެޅުއްވީމަ ރަނގަޅުވާނެ. އަޅުގަނޑުމެން މިތިބީ އެ ތެޅުންގަނޑު ބަލާލަންް." ރައީސް ޔާމީން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. 

ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި އެމަނިކުފާނުގެ ޒައާމަތުގައި ނުކުރާ އާ ކަމެއް ހިމެނެއްވުމަށްފަހު އެމަނިކުފާނަށް ދެއްކެވެމުށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހާސިލް ނުކުރައްވާ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި ނުހިމެނުއްވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް