ރިޔާސީ ނިޒާމަކީ ދިވެހިންނާއި ގުޅޭ ނިޒާމެއް ނޫންކަން ކަށަވަރުވެފައިވާކަމަށާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކޮށް، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ޖަޒީރާ ރައީސް"ގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާއަށް ވީޑިއޯ މެދުވެރިކޮށް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ވާދަވެރި ސިޔާސީ ނިޒާމް ދިވެހިން ހިޔާރުކުރީ އަދާވަތްތެރި ސިޔާސީ ނިޒާމެއް ދުށުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ދިވެހިން އިހުތިޔާރުކުރީ، އެއްބާރު އަނެއް ބާރަށް ނުފޫޒު ނުފޯރުވޭ ނިޒާމެއް ބޭނުންވާތީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އައު ޤާނޫނު އަސާސީގެ ދަށުން 7 އިންތިހާބެއް ބޭއްވިފައިވާކަން ފާހަގަކޮށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ 7 އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން ވޯޓު ދެއްވިގޮތަށް ރިއާޔަތްކުރާއިރު، ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ. އަދި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރަންޖެހޭކަމަށާއި، އަދި އެ ސަރުކާރަކީ އެ ސަރުކާރުގެ މުއްދަތުގެ ތެރޭގައި ވަގުތީ ސަރުކާރެއް ހިންގާނެ އިންތިޒާމްތަކަކާއެކު ޤާއިމްކުރެވޭ ސަރުކާރަކަށްވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި އުފައްދާ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މުއްދަތަކީ 6 އަހަރު ކަމަށެވެ.
"މި ހަ އަހަރުގެ ފުރަތަމަ ދޮޅު އަހަރު ދިވެހިންގެ ތެރޭން، ގެއްލުމާއި، ހިތާމައާއި، އަނިޔާ ލިބި ތިބި މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭންޖެހޭ. ބަދަލުވުމަށް ބޭނުންވާ ހިތްހަލާސްކަން ހޯދައިދޭނެ އަދާލަތު ނުވަތަ ޓްރޭޝިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގާ ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ލިއްބައިދޭނެ ބަދަލުތައް ގެނެސް ޖިނާއީ އަދުލުގެ ނިޒަމާއި، ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، މުސްތަޤީލް މުއައްސަސާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނެ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރަންޖެހޭ."
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި މި ރިޔާސީ ނިޒާމް ނުގުޅޭކަން ކަށަވަރުވެއްޖެކަމަށާއި، ބާރުގަދަ ރައީސުލްޖުމްހޫރިއްޔާއަށް މުޅި ނިޒާމް ގަނޑުބަނޑުކުރެވޭކަމީ ފެންނަން އޮތް ހަޤީޤަތެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ތާއީދަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާނީ މިހާރު އޮތް ޤާނޫނު އަސާސީގެ ދަށުން ކަމަށެވެ. އަދި ހުވާކުރެއްވުމަށްފަހު ޤައުމީ އެއްބައިވަންތަކަމުގެ ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ މަސައްކަތަކަށްވާނީ ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތައް އެއް އަހަރު ދުވަސް އިތުރުކުރުމަށް މަސައްކަތްކުރެއްވުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އިތުރުކުރެވުނު އެ އަހަރުގައި ދިވެހިރާއްޖޭގައި ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގުމަށާއި، ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ލިއްބައިދޭނެ ބަދަލުތައް ގެނައުމަށާއި، ޖިނާއީ އަދުލުގެ ނިޒާމާއި، ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކުރުމަށާއި، މުސްތަޤީލް މުއައްސަސާތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ހިފޭނޭ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރުމަށް ބޭނުންވާ ޤާނޫނީ އިސްލާހްތައް ގެނައުމުގެ އިތުރުން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒަމަކަސް ބަދަލުކުރުމުގެ އިސްލާހް ހުށައެޅުމަށް އަޅުގަނޑު ހުށައަޅަން."