ކ. މާލެ
|
11 މެއި 2018 | ހުކުރު 17:47
ރައީސް މައުމޫން މިއަދު އޭޑީކޭއަށް ގެނެވިފައިވަނީ ޓެސްޓްތަކެއް ފުރިހަމަ ކުރުމަށް
ރައީސް މައުމޫން މިއަދު އޭޑީކޭއަށް ގެނެވިފައިވަނީ ޓެސްޓްތަކެއް ފުރިހަމަ ކުރުމަށް
ރާއްޖެއެމްވީ
ކުރީގެ ރައީސް މައުމޫން
ޓެސްޓްތަކެއް ހެދުމަށް ރައީސް މައުމޫން އޭޑިކޭއަށް ގެނެސްފި
އެމަނިކުފާނު އޭޑީކޭއަށް ގެނެސްފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި
އާއިލާއަށް ބައްދަލުކުރެވޭ ގޮތް ވެފައެއް ނުވޭ
މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެސް ވެފަވޭ

ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޓެސްޓްތަކެއް ހެދުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފިއެވެ.

އެމަނިކުފާނު އޭޑީކޭއަށް ގެނެސްފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު އޭޑިކޭއަށް ގެނެސްފައިވަނީ ޓެސްޓްތަކެއް ހެދުމަށެވެ. ހަމައެހެންމެ އެމަނިކުފާނު ކަރުންމަތީގެ ޑޮކްޓަރަކަށްވެސް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމަނިކުފާނު ހޮސްޕިޓަލަށް ގެނެވުމާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަދި ދަރިކަނބަލުން ޔުމްނާ މައުމޫން ހޮސްޕިޓަލަށް ވަޑައިގެން ނަމަވެސް އެމަނިކުފާނާއި ބައްދަލުވެވޭ ގޮތް ވެފައެއް ނުވެއެވެ.

ރައީސް މައުމޫން އޭޑީކޭއަށް ގެނެސްފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ އަނބިކަނބަލުން ނަސްރީނާ ވަނީ ދޫނިދޫއަށް ވެސް ވަޑައިގެންފައެވެ. އެގޮތުން ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސްވެފައިވަނީ އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލައެއް ކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ގެ ސަބަބުންނެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.

ޑޮކްޓަރު ވިދާޅުވީ ބަލީގެ ސަބަބުން ރައީސް މައުމޫން ވަރަށް ބޮޑަށް އަނބުރައިގަންނަ ކަމަށާއި، ކުއްލިއަކަށް ބިންމައްޗަށް ވެއްޓިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ބަލީގެ އުނދަގޫތައް ރައީސް މައުމޫނަށް ކުރިމަތިވާ މިންވަރުގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭނެކަމަށް ޑޮކްޓަރު ލަފާދެއްވިއެވެ.

ރައީސް މައުމޫން އޭޑީކޭއަށް ގެނުއުމާއި ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް