ކ. މާލެ
|
11 މެއި 2018 | ހުކުރު 17:14
އަންވަރު އަދި އަނބިކަނބަލުން ވަން އަޒީޒާ ވަން - އަންވަރު ޖަލުން މިނިވަންވެވަޑައިގަތުމާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ
އަންވަރު އަދި އަނބިކަނބަލުން ވަން އަޒީޒާ ވަން - އަންވަރު ޖަލުން މިނިވަންވެވަޑައިގަތުމާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ
އޭޕީ
މެލޭޝިއާގެ ސިޔާސީ މަސްރަހު
އަންވަރަށް މައާފް ދެއްވުމަށް މެލޭޝިއާގެ ރަސްގެފާނު ނިންމަވައިފި
ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި މަހާތީރު ކަނޑައެޅިގެންދިޔައީ އަންވަރަށް ރަސްގެފާނުގެ މައާފް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދިނުމުން
އަންވަރުގެ ޕާޓީއަށް ވަނީ 47 ގޮނޑި ލިބިފައި
މެލޭޝިއާގެ ބޮޑުވަޒީރުގެ މަގާމުގައި ޑރ. މަހާތީރު ބަރިސަން ނެޝެނަލް ކޯލިޝަނާއެކު ހުންނެވި ދުވަސްވަރު އަންވަރަކީ އެމަނިކުފާނުގެ ނައިބު

މެލޭޝިއާގެ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފައުންޑަރ އަދި ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްއަށް އެ ގައުމުގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަސްވަނަ މައާފް ދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގަތް ޑރ. މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ އާއްމު އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ މައްޗަށް މަހާތީރު ލީޑު ކުރައްވާ އިދިކޮޅު ކޯލިޝަން ކަމަށްވާ ޕަކަޓަން ހަރަޕަން ކުރިހޯދީ އިންތިހާބުވެވަޑައިގެންފިނަމަ އަންވަރު މިނިވަން ކުރައްވާނެ ކަމުގެ ވައުދާއެކުއެވެ. ޑރ. މަހާތީރުގެ ނައިބެއްގެ ގޮތުގައި އެމަނިކުފާނު ހަމަޖައްސަވާފައިވަނީ އަންވަރު އިބްރާހިމްގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލްއެވެ.

ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. މަހާތީރު ވިދާޅުވީ އަންވަރަށް ވަގުތުން މައާފް ދެއްވުމަށް ރަސްގެފާނު ނިންމަވާފައިވާ ކަމަށާއި އަދި މައާފް ދެއްވުމާއެކު އޭނާ ވަގުތުން ޖަލު ބަންދުން މިނިވަންވާނެ ކަމަށެވެ. މިނިވަންވުމަށްފަހު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަށް އަންވަރަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މަހާތީރު ވިދާޅުވެފައިވެއެވެ.

ޕަކަޓަން ހަރަޕަންގެ މި ތާރީހީ ކާމިޔާބާއެކު މެލޭޝިއާގައި ވޭތުވެދިޔަ 61 އަހަރު ވެރިކަން ކުރަމުން އައި ބަރިސަން ނެޝެނަލް ކޯލިޝަންގެ ވެރިކަމަށް ވަނީ ނިމުމެއް އައިސްފައެވެ. އަންވަރު އަދި ޑރ. މަހާތީރުއަކީ ވެސް ބަރިސަން ނެޝެނަލް ކޯލިޝަންގެ ތެރެއިން މެލޭޝިއާގައި ވެރިކަން ކުރެއްވި ދެ ބޭފުޅުންނެވެ. އެގޮތުން މެލޭޝިއާގެ ބޮޑުވަޒީރުގެ މަގާމުގައި ޑރ. މަހާތީރު ބަރިސަން ނެޝެނަލް ކޯލިޝަނާއެކު ހުންނެވި ދުވަސްވަރު އަންވަރު ވަނީ 1993 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރުގެ ނިޔަލަށް އެމަނިކުފާނުގެ ނައިބެއްގެ މަގާމު ފުރުއްވާފައެވެ.

ބަރިސަން ނެޝެނަލް ކޯލިޝަނުގެ ތެރޭގައި ޖެހުނު މައްސަލަތަކަކާއި ގުޅިގެން 1998 ވަނަ އަހަރު އަންވަރު ވަނީ ބޮޑުވަޒީރުގެ ނައިބުގެ މަގާމުން ވަކިކޮށްފައެވެ. މި މައްސަލައިގައި މަހާތީރުގެ ސަރުކާރާއި ދެކޮޅަށް އަންވަރު އިސްވެ ހުންނަވައި ވަރުގަދަ މުޒާހަރާތަކެއް ކުރެއްވިއިރު 1999 ވަނަ އަހަރު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވި ކަމަށް ބުނެ ޑރ. މަހާތީރު ވަނީ އަންވަރު ޖަލަށްލައްވާފައެވެ. ހަމައެހެންމެ 2000 ވަނަ އަހަރު އޭނާގެ މައްޗަށް އިތުރު ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ.

އެހެން ނަމަވެސް 2004 ވަނަ އަހަރު އަންވަރު ޖަލުން މިނިވަން ކުރެއްވުމާއެކު މަސައްކަތްކުރައްވަމުން ގެންދިޔައީ މެލޭޝިއާގެ އިދިކޮޅު ލީޑަރުގެ ގޮތުގައެވެ. އެ މަގާމުގައި ހުންނަވައިގެން އިދިކޮޅު ކޯލިޝަނުން ބޮޑު ކާމިޔާބުތަކެއް ހޯއްދެވި ނަމަވެސް ބޮޑުވަޒީރުގެ މަގާމަށް އާދެވޭ ވަރަށް ގާނޫން ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ސަރުކާރާ ދެކޮޅަށް އަންވަރު ހިންގަވަމުން ގެންދިޔަ ހަރަކާތައް އަނެއްކާ ވެސް ގޮންޖެހުންތަކަކާއި ކުރިމަތިވެގެންދިޔައީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ އަނެއްކާ ވެސް ޖަލަށް ލެވުމާއި ގުޅިގެންނެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އަންވަރަށް ވާދަނުކުރެވުމާއި ގުޅިގެން ޕަކަޓަން ހަރަޕަން ކޯލިޝަނުން ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅީ ޑރ. މަހާތީރުއެވެ. އޭރު ވެރިކަމުގައި ހުންނެވި ނަޖީބް ރައްޒާޤަކީ މަހާތީރުގެ ދަރިވަރަކަށްވާއިރު ނަޖީބާއި ދެކޮޅަށް މަހާތީރު ތެދުވެވަޑައިގަތީ ނަޖީބްގެ މައްޗަށް ކުރެވެމުންދިޔަ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި މަހާތީރު ކަނޑައެޅިގެންދިޔައީ އަންވަރަށް ރަސްގެފާނުގެ މައާފް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދިނުމާއެކުއެވެ. ހަމައެހެންމެ ޑރ. މަހާތީރު ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑުވަޒީރު ކަމުގެ މަގާމު އަންވަރާއި ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.  

ނަޖީބްގެ ސަރުކާރާއި ދެކޮޅަށް ޑރ. މަހާތީރު އުފެއްދި ޕާޓީ ކަމަށްވާ ބެރަސަޓޫއަށް ގާނޫނު ހަދާ މަޖިލީހުގެ 13 ގޮނޑި ލިބިފައިވާއިރު އަންވަރުގެ ޕާޓީއަށް ވަނީ 47 ގޮނޑި ލިބިފައެވެ. އެހެންކަމުގެ ބެލެވޭ ގޮތުގައި މިނިވަންވެވަޑައިގެން އަވަސް މުސްތަގުބަލެއްގައި ބޮޑުވަޒީރުގެ މަގާމާއި އަންވަރު ހަވާލުވެވަޑައިގަންނަވާނެއެވެ.

- ކޮމެންޓް