ކ. މާލެ
|
11 މެއި 2018 | ހުކުރު 13:58
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ މަނޫޗިން: އީރާނުގެ އިންޤިލާބީ ގާޑުންގެ ލަޝްކަރަށް ފައިސާ ލިބޭ ހުރިހާ ދޮރެއް ބަންދުކުރަން ވަނީ މަސައްކަތް ފަށާފައި
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ މަނޫޗިން: އީރާނުގެ އިންޤިލާބީ ގާޑުންގެ ލަޝްކަރަށް ފައިސާ ލިބޭ ހުރިހާ ދޮރެއް ބަންދުކުރަން ވަނީ މަސައްކަތް ފަށާފައި
އޭއެފްޕީ
އީރާނުގެ ނިއުކްލިއަރ މައްސަލަ
ނިއުކްލިއަރ އެއްބަސްވުމުން ވަކިވެ، އެމެރިކާއިން އީރާނާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅައިފި
އީރާންގެ ނިއުކްލިއަރ ޑީލުން އެމެރިކާ ވަކިވިތާ އަދިވީ 2 ދުވަސް

އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ވެވުނު ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އެމެރިކާއިން މިހާރު ވަނީ އީރާނުގެ އިންޤިލާބީ ގާޑުންގެ ލަޝްކަރާއި ގުޅުން އޮންނަ 6 މީހަކާއި 3 ކުންފުންޏަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ފިޔަވަޅު އެޅި 6 މީހުންނަކީވެސް އީރާން މީހުންކަމަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވް މަނޫޗިން ވިދާޅުވިއެވެ. ދަތިކުރުމުގެ މިފިޔަވަޅުތަކާއިއެކު އެފަރާތްތަކާއި އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުން އެމެރިކާގެ ރައްޔިތުންނާއި ކުންފުނިތަކަށް މަނާވާނެއެވެ.

އެމެރިކާއިން މިފަހަރު ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ މެދުއިރުމަތީގައިވާ އީރާނާއި އެންމެ ހަތުރުވެރި އެއް ޤައުމުކަމަށްވާ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އާއި ގުޅިގެންނެވެ. 

މަނޫޗިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އީރާނުގެ އިންޤިލާބީ ގާޑުން (ރިވޮލިއުޝަނަރީ ގާޑް ކޯ) ޤާނޫނާއި ޚިލާފަށް ހިންގާ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް އީރާން ސަރުކާރާއި އެޤައުމުގެ މަރުކަޒީ ބޭންކުން ނަހަމަގޮތުގައި ޔޫއޭއީގައި ޤާއިމްކޮށްފައިވާ މާލީ އިދާރާތަކެއްގެ ބޭނުން ހިފާފައިވާކަމަށެވެ. އެމެރިކާއިން މަސައްކަތްކުރަމުންދަނީ އިންޤިލާބީ ގާޑުންގެ ލަޝްކަރަށް އާމްދަނީ ލިބޭ ހުރިހާ ދޮރެއް ބަންދުކުރުމަށެވެ. 

އިންޤިލާބީ ގާޑުންގެ ލަޝްކަރަކީ 1979ވަނަ އަހަރު އީރާނަށް ގެނެވުނު އިންޤިލާބުގައި އީރާނުގެ ރަސްކަން ނިމުމަކަށް ގެނެސް، އެޤައުމުގައި އާޔަތުﷲ ޚާމަނާއީގެ ވެރިކަން ޤާއިމްކުރުމަށްފަހު، އިންޤިލާބު ހިމާޔަތްކުރަން ޚާމަނާއީ އުފެއްދެވި އަސްކަރީ ފައުޖެކެވެ. މިއަދު އެލަޝްކަރަކީ އީރާނުގައި އަސްކަރީ ގޮތުންނާއި، ސިޔާސީ ގޮތުން އަދި އިޤްތިޞާދީ ގޮތުން ވަރުގަދަ ބާރެކެވެ. 

އެމެރިކާއިން އިސްވެ އޮވެ އިންޤިލާބީ ގާޑުންގެ ލަޝްކަރާއި ގުޅުން އޮންނަ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއިރު، ފިޔަވަޅު އެޅީ ވަކިން ޚާއްސަކޮށް އެލަޝްކަރުގެ ޤުދުސް ފޯސްއާއި ގުޅުން އޮންނަ ފަރާތްތަކާއި ދެކޮޅަށެވެ. ޤުދުސް ފޯސްއަކީ އިންޤިލާބީ ލަޝްކަރުގެ ސްޕެޝަލް ފޯސަސްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ގޮތްޕެވެ. 

ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ހެނދުނު ޤުދުސް ފޯސްއިން އިސްރާއީލުން ސޫރިޔާގައި ހިފާފައިވާ ގޯލާންގެ އުސް ބިންތަކުގައި ޤާއިމްވެތިބި ޔަހޫދީ ސިފައިންނަށް އަމާޒުކޮށް 20 ރޮކެޓް ހަމަލާ ދީފައިވާކަމަށް އިސްރާއީލުން ވަނީ ތުހުމަތުކޮށްފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ޔަހޫދީ ސިފައިން އޭގެ ތެރެއިން 4 ރޮކެޓް ވައިގެ ތެރޭގައި ގޮއްވާލާފައިވާއިރު، 16 ރޮކެޓް އޭގެ މަންޒިލަށް ވާޞިލްވެފައެއް ނުވެއެވެ. 

އީރާނުން ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އައްސަދުގެ ފައުޖުތަކަށް މަދަދުވެރިވުމަށް އީރާން ސިފައިންވެސް ސޫރިޔާއަށް ފޮނުވާފައެވެ. އެއާއިއެކު ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތައް އިތުރުވެ، މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އަޅާފައި މިވަނީ އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވާ 2 ދުވަސް ތެރޭގައެވެ. 2015 ވަނަ އަހަރު އެކުލަވާލެވުނު މި އެއްބަސްވުމަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކޮންމެވެސް ވަރަކަށް މަޑު ޖައްސާލުމުން، އޭގެ ބަދަލުގެ ގޮތުގައި އެމެރިކާ، ވިލާތުގެ އިއްތިޙާދު އަދި އދ އިން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭ އެއްބަސްވުމެކެވެ. އެމެރިކާއިން އެއްބަސްވުމުން ވަކިވިނަމަވެސް އެއްބަސްވުން ދަމަހައްޓާނެކަމަށް އެ އެއްބަސްވުމުގައި ސޮއެކުރި އެހެން ޤައުމުތަކުން ދަނީ ބުނަމުންނެވެ. އަދި އެހެން ޤައުމުތަކުން އެއްބަސްވުން ދަމަހައްޓާނަމަ، އެއްބަސްވުމަށް އިހްތިރާމްކުރާނެކަމަށް އީރާނުންވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ހެދި ގޯހެއްކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައެވެ. 

- ކޮމެންޓް