ކ. މާލެ
|
11 މެއި 2018 | ހުކުރު 13:54
އިންތިޚާބުގެ ނަތީޖާއަށްފަހު ކޯލިޝަން ޕާޓްނަރުންނާއިއެކު މަހާތީރު އުފާފާޅުކުރައްވަނީ
އިންތިޚާބުގެ ނަތީޖާއަށްފަހު ކޯލިޝަން ޕާޓްނަރުންނާއިއެކު މަހާތީރު އުފާފާޅުކުރައްވަނީ
ރޮއިޓަރސް
މެލޭޝިއާގެ ސިޔާސީ މަސްރަހު
ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދާނަން: މަހާތީރު
1އެމްޑީބީ ގެ މައްސަލައަކީ މިފަހަރުގެ އާއްމު އިންތިޚާބުގައި ނިކުތް ނަތީޖާގެ އަސްލު
ނަޖީބު ރައްޒާޤްގެ އަމިއްލަފުޅު އެކައުންޓަށް 700 މިލިއަން ޑޮލަރު ވަތްކަމަށް ތުހުމަތުކުރެވޭ
އެމެރިކާއިން މިހާރުވެސް 1އެމްޑީބީ އާއި ގުޅޭ 1.7 ބިލިއަން ޑޮލަރުގެ މައްސަލަ ބަލަމުންދޭ

މެލޭޝިއާ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި 1 މެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދް (ވަން އެމް.ޑީ.ބީ) އިން ގެއްލުނު ފައިސާ އަނބުރާ ހޯއްދަވާނެކަމަށް އެޤައުމުގެ ބޮޑުވަޒީރުކަމާއި ބުރާސްފަތި ދުވަހުގެރޭ ހަވާލުވެވަޑައިގެންނެވި ޑރ. މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ވަން އެމްޑީބީ ގެ މައްސަލައަކީ އާއްމު އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި، އޭނާގެ އަމްނޯ ޕާޓީގެ އިތުރުން އަމްނޯ ޕާޓީ ހިމެނޭ ބަރިސާން ނޭޝަނަލް ކޯލިޝަނަށް ލިބުނު ނާކާމިޔާބީގެ އަސްލެވެ. އަދި މަހާތީރު މުހައްމަދުވެސް ކުރިން އަމްނޯގައި ހުންނެވުމަށްފަހު، އެޕާޓީ ދޫކުރެއްވީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވަން އެމްޑީބީގެ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.

2009ވަނަ އަހަރު އުފެއްދި ވަން އެމްޑީބީއަކީ މެލޭޝިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް ކުއާލަލަމްޕޫރަކީ މާލީ ވިޔަފާރީގެ މަރުކަޒަކަށް ހެދުމަށާއި، ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކެއްގެ ތެރެއިން މެލޭޝިއާގެ އިޤްތިޞާދު ކުރިއެރުވުމުގެ މަޤްޞަދުގައި އުފެއްދި ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުންޏެކެވެ. 

ވަން އެމްޑީބީގެ މައްސަލަ މީޑިއާއަށް ފެންމަތިވެގެން އައީ 2015 ވަނަ އަހަރު އެކުންފުނިން ބޭންކްތަކަށް ދައްކަން ޖެހޭ ފައިސާއާއި ބޮންޑް ގަތް ފަރާތަކަށް ދައްކަން ޖެހޭ 11 ބިލިއަން ޑޮލަރު ނުދެއްކުމާއި ގުޅިގެންނެވެ. އެމެރިކާގެ ވޯލް ސްޓްރީޓް ނޫހުން ކުރި ތަހުޤީގަކުން އެނގުނު ގޮތުގައި ވަން އެމްޑީބީ ފަންޑްގައި ހިމެނޭ ފައިސާގެ ތެރެއިން 700 މިލިއަން އެމެރިކާ ޑޮލަރު އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤްގެ އަމިއްލަފުޅު އެކައުންޓްތަކަށް ވަނެވެ. އަދި އެއާއިއެކު ބައިނަލްއަޤްވާމީ ސަމާލުކަން މިމައްސަލައަށް ލިބި، ބޮޑުވަޒީރާއި ދެކޮޅަށް ސިޔާސީ ބޭފުޅުން ނިކުންނަވަން ފެއްޓެވިއެވެ. 

އެމެރިކާއިންވެސް ވަން އެމްޑީބީގެ މައްސަލަ ބަލަމުންދާއިރު، އެފަންޑުން ވަގަށް ނަގާފައިވާކަމަށް ބުނާ 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ މައްސަލަ އެމެރިކާއިންވެސް ދަނީ ތަހުޤީގުކުރަމުންނެވެ. އެހެން ނަމަވެސް ނަޖީބު ރައްޒާޤްގެ ސަރުކާރުގައި މެލޭޝިއާގެ އިދާރާތަކުން އެމައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ނަޖީބު ރައްޒާޤް އެތުހުމަތުތަކުން ބަރީޢަވެގެން ވާކަމަށެވެ. ނަޖީބު ރައްޒާޤްގެ ވެރިކަމުގައި މެލޭޝިއާގެ މިނިވަން މުއައްސަސާތަކަށް އޭނާ އިންތިހާއަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެއެވެ. 

ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މަހާތީރު ވިދާޅުވީ ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިން ބަދަލުވާން ޖެހޭކަމަށެވެ. އަދި މިސަރުކާރުގައި އިންވެސްޓަރުންގެ އިތުބާރު ހޯދަން ޖެހޭކަމަށް އުމުރުފުޅުން މިހާރު 92 އަހަރު ވެފައިވާ މަހާތީރު ވިދާޅުވިއެވެ. 

ވަން އެމްޑީބީ މައްސަލައިގެ އިތުރުން މެލޭޝިއާގެ ދިރިއުޅުމުގެ އަގުތައް އަތް ނުފޯރާ ފަށަށް މައްޗަށް ދިޔުމަކީވެސް ނަޖީބު ރައްޒާޤްގެ ވެރިކަން ނިމެން މެދުވެރިވި އެއް ސަބަބެވެ.

މި ހަފްތާގެ ތެރޭގައި ބޮޑުވަޒީރު މަހާތީރު މުހައްމަދު އޭނާގެ ސަރުކާރު އެކުލަވާލައްވާނެއެވެ. 

 

- ކޮމެންޓް