މިސަރުކާރުން ޖުމްހޫރީ ޕާޓީ ނައްތާލުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
މެންބަރުން އިތުރުކުރުމަށް ޖުމްހޫރީ ޕާޓީން ބުރާސްފަތި ދުވަހުގެ ރޭ ފެށި "ހޭވައްލާ ޖޭޕީ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވުން ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީ ނައްތާލުމަށް ފާއިތުވެގެން ދިޔަ ހަތަރު އަހަރު ގިނަގުނަ މަސައްކަތްތަކެއް ބަޔަކު މީހުން ކޮށްފައިވާ ކަމަށެވެ.
ސަމީރު ވިދާޚުވީ ޖުމްހޫރީ ޕާޓީއަށް މެންބަރަކު އިތުރުކުރުމަކީ ކުރެވޭވަރަށް ވުރެ ބުރަ ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ހަދާފައިވާ ކަމަށާއި އެއީ ދަތި އުނދަގޫ ކަމެއް ކަމަށެވެ. ސަމީރު ވިދާޅުވީ 32.000 އަށްވުރެ ގިނަ މީހުންނާއެކު ޖުމްހޫރީ ޕާޓީ ވުޖޫދުވެގެން އައި ނަމަވެސް އިލެކްޝަން ކޮމިޝަނުން މެމްބަރުން މަދުކުރަމުން ގޮސް މިހާރު 10200 މެމްބަރުންނަށް ހަދާފައިވާ ކަމަށެވެ.
"އަޅުނޑުމެންނަށް މެންބަރަކު އިތުރު ކުރެވެނީ ހަތަރެސްފައިގައި ހިފައިގެން އެ މެންބަރަކު ގޮވައިގެން ގޮސް އިލެކްޝަން ކޮމިޝަންގައި ބައިންދާގެން، އެމީހާގެ ހުރިހާ އިނގިލިތަކެއްގެ ފިންގާރ ޕްރިންޓް ޖަހައިދިނީމަ އެވަރު ވެސް ގަބޫލު ނުކުރޭ. އަނެއްކާ ޖެހިގެން އަންނަ ދުވަހު އޮންނަނީ ކޮންމެވެސް ސަބަބަކާހުރެ އެމީހާ މިޕާޓީން ވަކިކޮށްފައި،" ސަމީރު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ސަމީރު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 2008 ވަނަ އަހަރާޢި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެފަރާތްތަކަށް ޖުމްހޫރީ ތިން ޕާޓީން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި، މިފަހަރުގެ ފުރުސަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދެއްވުމަށް ސަމީރު ވަނީ އެދިވަޑައިގެންފައެވެ.
ސަމީރު ވިދާޅުވީ ގާސިމަކީ އޯގާތެރި ބޭފުޅެއްކަމަށާއި، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނަށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދެވޭނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.