ކ. މާލެ
|
11 މެއި 2018 | ހުކުރު 00:26
ޤާސިމް އިބްރާހީމް: މާޔޫސް ނުވެ ކުރިއަށް ދިއުމަށް ވަނީ ގޮވާލައްވާފައި
ޤާސިމް އިބްރާހީމް: މާޔޫސް ނުވެ ކުރިއަށް ދިއުމަށް ވަނީ ގޮވާލައްވާފައި
މުހައްމަދު ޝަރުހާން
ޤާސިމް އިބްރާހިމް
މިވަގުތަކީ ވަރަށް ސާބިތުކަމާއި އަޒުމާއެކީ މަސައްކަތް ކުރަންވީ ވަގުތު: ޤާސިމް
ގުޅިފައިވާ ޕާޓީތަކުން އިތުރަށް މަސައްކަތް ކުރަން ޖެހޭ
12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަކަށް ނުދެކެން
ރާއްޖޭގެ ހާލަތު އޮތީ ހިތާމަވެރި ހާލަތެއްގައި

މިވަގުތަކީ ވަރަށް ސާބިތުކަމާއެކު އަޒުމާއެކީ ދިވެހިރައްޔިތުން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެވެ.

މެންބަރުން އިތުރުކުރުމަށް ޖުމްހޫރީ ޕާޓީން ބުރާސްފަތިދުވަހުގެރޭ ފެށި "ހޭވައްލާ ޖޭޕީ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތައް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވީޑިއޯ މެދުވެރިކޮށް ޤާސިމް އިބްރާހީމް ދެއްކެވި ވާހަކައިގައި ޤާސިމް ވިދާޅުވީ ސިޔާސީ ދާއިރާއިން ކުރިއަށް ވަޑައިގެންނެވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަކަށްވެސް ޖޭޕީން ފުރުސަތު އޮންނާނެ ކަމަށާއި އެ ޕާޓީއަކީ ހުރިހާ ލެވެލްއެއްގެ ސިޔާސީ މަޤާމްތަކަށްވެސް އައުމުގެ ފުރުސަތު އޮތް ޕާޓީއެއް ކަމަށެވެ.

ވީހާވިސް ގިނަ މީހުން ޖޭޕީއާ ގުޅުމަށް ގޮވާލައްވަމުން ޤާސިމް ވިދާޅުވީ ކުރިއަށްއޮތް ރަމަޟާންމަހަށްފަހު ޖޭޕީގެ ކޮންގްރެސް އޮންނާނެ ކަމަށާއި އޭގެކުރިން ޖޭޕީއާ ގުޅުމަށް އެދޭކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ސިޔާސީ އިސްބޭފުޅަކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވާނަން އަދި އެއީ ކޮންބޭފުޅެއް ކަމެއް. މިމަހުގެ 20 ގެ ކުރިން އެބޭފުޅާ ގުޅިވަޑައިގަންނަވާނެ" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ވަރަށްގިނަ ކާމިޔާބީތައް ހޯދާފައިވާ ޕާޓީއެއް ކަމަށާއި ވީހާވެސް ގިނަ ބޭފުޅުން ޖޭޕީއާ ގުޅުމަށް ގޮވާލައްވަނީ ދިވެހިރައްޔިތުންގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން އެޕާޓީ މިހާރަށްވުރެ ބޮޑު ޕާޓީއަކަށް ހެއްދެވުމަށް ކަމަށެވެ.

ރާއްޖޭގެ މިވަގުތުގެ ހާލަތާ ގުޅޭގޮތުން ޤާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލާފައިވަނީ ޤާނޫން އަސާސީއާ ޚިލާފަށް ކަމަށާއި އެގޮނޑިތައް ގެއްލިފައިވާކަމަށް ޤަބޫލް ނުކުރައްވާކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ހާލަތު އޮތްގޮތުން މިވަނީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމަށާއި މާޔޫސްނުވެ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތްވެސް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށެވެ.

މެލޭޝިޔާގެ އިންތިޚާބު ޑރ މަހާތިރު މުހައްމަދު ކާމިޔާބު ކުރެއްވި ކުރުމަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ އެއީ ދިވެހިން ޢިބުރަތް ހާސިލް ކުރަންވީ ކަމެއްކަމަށާއި މިވަގުތަކީ ސާބިތުކަމާއެކު ހުރިހާ ދިވެހިން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް