ރައްޔިތުންގެ ހައްޤުގައި މިނިވަން މުއައްސަސާތަކުންނާއި ކޮމިޝަންތަކުން 2013 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރިނަމަ، މިއަދު ރާއްޖެއިން ފެނިގެންދާ މަންޒަރެއް ނުފެންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ޑިރެކްޓަރ ހަނީފާ ހާލިދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީޚީ ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ހަނީފާ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރަން ސްޕްރީމް ކޯޓުން ހުކުމް ކުރުމުން، އޭރު އިލެކްޝަން ކޮމިޝަންގައި ހުންނަވައިގެން ކޮމިޝަންތަކަށް މައްސަލަ ހުށަހަޅައިގެން އެހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާ، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ހުކުމް ކުރިކަން ފާހަގަކުރައްވާ ހަނީފާ ވިދާޅުވީ ބާރާއި ނުފޫޒު ބޭނުންކޮށްގެން އިންސާފުން ބޭރުން މި ހިނގާ ކަންކަން ސްޕްރީމް ކޯޓާއި ހަމައަށް ދާނީ ކޮން ދުވަހަކުންތޯ އޭރު ސުވާލު އުފެދުނު ކަމަށެވެ.
"2013 ގައި އިންތިހާބާއި ސްޕްރީމް ކޯޓުން ކުޅުނު ހިސާބުން އަޅުގަނޑުމެން އޭރުވެސް، ހިތަށް އެރި މިކަންކަން ސުޕްރީމް ކޯޓާ އަރާ ހަމަވާނީ ކޮން ދުވަހަކުންތޯ، މިއަދު މި އޮތީ އެދުވަސް އައިސްފަ، ރައްޔިތުންގެ ޙައްގުގައި ކޮމިޝަންތަކުން މަސައްކަތް ކުރި ނަމަ މިއަދު މި ހާލަތެއް ނާންނާނެ،" އިލެކްޝަން ކޮމިޝަންގެ ކުރީގެ ލީގަލް ޑިރެކްޓަރ ހަނީފާ ހާލިދު ވިދާޅުވިއެވެ.
ހަނީފާ ވިދާޅުވީ މި ސަރުކާރަކީ އެއްވެސް ގާނޫނެއް އަދި ގާނޫނު އަސާސީއެއް ބޭނުން ނުވާ ސަރުކާރެއްކަން މިހާރު މި ވަނީ ސާބިތު ކޮށްދީފަކަމަށެވެ. އަދި މިއަދު މިފެންނަނީ 2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން މުވައްސަސާތަކަށް ހުށަހެޅި މައްސަލަތަކަށް ހައްލެއް ނުހޯދުމުގެ ނަތީޖާ ކަމަށް ހަނީފާ ވިދާޅުވިއެވެ.
"މި ކަންތަށް ހިނގާއިރު ބަލަން ތިބޭ މުވައްސަސާތަކުން ވެސް އެ ބޭފުޅުންނާއި ގުޅުން ހުރި ގާނޫނުތަށް މިހާރު ބޭނުމެއް ނުވޭ، ގާނޫން ބޭނުންވާ ނަމަ އެ މުވައްސަސާތަކުން ފިޔަވަޅުތައް އަޅާނެ،" ހަނީފާ ވިދާޅުވިއެވެ.