ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ތަހުގީގަށް ދީފައިވާ ބަޔާންތަކަށް އިންކާރުކޮށް، ގާޒީންނަށް ނުފޫޒު ނުފޯރުވާ ކަމަށް ހެކިބަސް ދީފައި ވަނިކޮށް ކަމަށް ދެ ފަނޑިޔާރުންގެ ގާނުނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒް ފޯރުވުމުގެ ދައުވާ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ސާބިތުކޮށްފައި ވަނީ ދެ ގާޒީއަކު ސިއްރުން ޝަރީއަތަށް ދިން ހެކިބަހަށް ރިޔާއަތްކޮށެވެ. އާންމުވެފައިވާ ސިއްރު ބަޔާންތަކުން އެނގޭ ގޮތުގައި ހެކިބަސް ދިން ދެ ގާޒީންނަކީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ.
ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޝަރީއަތުގައި ހެކިބަސް ދިން ގާޒީއަކު މާތްﷲ ގަންދީ ހުވާކޮށް، ދެ ފަނޑިޔާރުން އޭނާއަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ތަހުގީގަށް އޭނާ ދީފައިވާ ބަޔާނަށް އިންކާރުކޮށްފައިވާ ކަމަށާއި އިންކާރު ކުރި ބަޔާނަކީ ޝަރީއަތަށް ހުށަޙަޅާފައި ވެސް ނުވާ ބަޔާނެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވިއެވެ.
"ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ ކުރެވުނު މައްސަލާގައި، ހެކިބަސް ސިއްރު ހެކިވެރިޔާގެ މައްޗަށް ދެ ފަނޑިޔާރުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށް، ސަރީހަ އިބާރާތުން މާތްﷲ ގަންދީ ހުވާކޮށް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ސިއްރު ހެކިވެރިޔާ ބުނެފައިވެއެވެ. ނަމަވެސް ރައްދުކޮށް، ތަހްގީގަށް ހެކިވެރިޔާ ދީފައިވާ އަދި ޝަރީއަތުގައި އެ ބަޔާނަކަށް ހެކިވެރިޔާ އިންކާރު ކޮށްފައިވާ ބަޔާނަކަށް ރިއާޔަތްކޮށް ހުކުމްކޮށްފައި ވަނީ، ތަހުގީގު ބަޔާން ޝަރީއަތަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވެސް ނުވާ ހާލަތެއްގައެވެ،" ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ ހެކިންގެ ހެކިބަހުގެ މައްޗަށް ބުރަވެ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ހެކީންގެ ނަޒާހަތްތެރިކަމާ ގުޅޭ ގޮތުން އިސްލާމީ ޝަރީއަތާއި ގާނޫނާއި ޝަރުއީ ކޯޓުތަކުގެ ނިންމުންތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި ނުފޫޒު ފޯރުވި މައްސަލާގައި ތުހުމަތު އުފެއްދި ފަރާތަކީ ހެކިބަސް ދިން ދެ ފަނޑިޔާރުން ކަމަށްވާއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހެކިބަސް ދިން ފެ ދަނޑިޔާރުން އުފެއްދި އެ ތުހުމަތަކަށް އެކަނި ރިޔާއަތްކޮށްގެން ކަމަށް އެ ބަޔާނުގައިވެއެވެ.
ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުކޮށްފައިވާއިރު، ހަމަ އެ އަމަލު ހިންގި ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާއެއް ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ އުފުލާފައެވެ.
އެކަމާ ގުޅިގެން ގާނޫނީ ވަކީލުންގެ ނެރުނު ބަޔާނުގައި ބުނެފައި ވަނި އެއް ކުށަކަށް ދެ ފަހަރަށް އަދަބު ދިނުމަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފު ކަމެއް ކަމަށެވެ.
ހަލުވިކަމާއެކު، އަވަހަށް ޝަރީއަތްތައް ކުރިއަށް ގެންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނުގައި ބުނެފައި ވަނީ ޝަރީއަތް ކުރިއަށް ގެންދަނީ ދައުވާ ލިބޭ ފަރާތްތަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފުރުސަތު ދިނުމެއް ނެތި ކަމަށެވެ. ދައުވާއިން ބަރީއަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި އެ ފުރުސަތު ދިނުމެއް ނެތި ޝަރީއަތަށް ކުރިއަށް ގެންދިއުމަކީ ގާނޫނޫއަސާސީން ލިބިދީފައިވާ އިންސާފުވެރި ޝަރީއަތެއްގެ ހައްގުން މަހްރޫމްވެގެންދާ ކަމެއް ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.