ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 19:24
މަހާތީރު ހުވައި ކުރައްވަނީ
މަހާތީރު ހުވައި ކުރައްވަނީ
ސްޓްރެއިޓް ޓައިމްސް
މެލޭޝިއާގެ ސިޔާސީ މަސްރަހު
މަހާތީރު ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވައިފި
ނައިބަކަށް ވަޑައިގަންނަވާނީ ވަން އަޒީޒާ
މަހާތީރަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ދުވަސްވީ އިންތިޚާބީ ލީޑަރު
ނަޖީބު ރައްޒާޤް އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރެއްވި

މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައި ޑރ. މަހާތީރު މުހައްމަދު ކުރައްވައިފިއެވެ.

ރާއްޖެ ގަޑިން ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6:45 ގައި މަހާތީރު ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައި ކުރެއްވީ ޝާހީ ގަނޑުވަރު އިސްތާނާ ނެގާރާގައި ރަސްގެފާނު މުޙައްމަދު ފަސްވަނައިގެ ކުރިފުޅުމަތީގައެވެ. 

ބުދަ ދުވަހު މެލޭޝިއާގައި ބޭއްވި 14ވަަނަ އާއްމު އިންތިޚާބު މަހާތީރުގެ ޕަކަޓަން ހަރަޕަން އިން ކާމިޔާބުކުރީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 121 ގޮނޑި ނަގައިގެންނެވެ. 61 އަހަރު ވަންދެން މެލޭޝިއާގައި ވެރިކަންކުރި ބަރިސާން ނޭޝަނަލްގެ ވެރިކަން ބުރާސްފަތި ދުވަހު ނިމުމަކަށް އައި އިރު، އެޕާޓީއިން މި އިންތިޚާބުގައި ލިބުނީ 79 ގޮނޑިއެވެ. މިއީ ކުރިން މަޖިލީހުގައި ތިބި އެޕާޓީގެ މެމްބަރުންނަށްވުރެ 54 ގޮނޑި މަދު އަދަދެކެވެ. 

ބަރިސާން ނޭޝަނަލްގެ ވެރިކަން ނިމުމަކަށް އައުމާއިއެކު، މިހަފްތާގެ ތެރޭގައި މަހާތީރު އައު ސަރުކާރެއް އެކުލަވާލައްވާނެއެވެ. އެމަނިކުފާނުގެ ނައިބަކަށް ހުންނަވާނީ ޖަލުގައި ހުންނެވި މެލޭޝިއާގެ ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއީލްއެވެ.

ބަރިސާން ނޭޝަނަލް އުފެދިގެން އައި މެލޭޝިއާގެ ޖޮހޯރް ސްޓޭޓުންވެސް އެކޯލިޝަނަށް މިފަހަރު ލިބުނީ ނާކާމިޔާބީއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށްވެސް އިންތިޚާބުގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ. ބޮޑުވަޒީރުކަމުގައި ހުންނެވި ނަޖީބު ރައްޒާޤް ވަނީ އިންތިޚާބުގައި ރައްޔިތުން ދިން މެސެޖް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. ބަރިސަން ނޭޝަނަލްގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އަދި ބޮޑުވަޒީރު ނަޖީބު ރައްޒާޤްގެ ޕާޓީ އަމްނޯގެ ޒުވާނުންގެ ގޮފީގެ ރައީސް ޚައިރީ ޖަމާލުއްދީން ވިދާޅުވީ މެލޭޝިއާގެ ރައްޔިތުން އެމީހުންގެ ބަސް އިއްވައިފިކަމަށާއި، ރައްޔިތުންގެ ބަހަށް އިހްތިރާމްކުރައްވާކަމަށެވެ. އަދި ވޯޓުލާން ނިކުތް ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. މި އިންތިޚާބު ކާމިޔާބު ކުރެއްވި މަހާތީރަކީ އަމްނޯގެ ކުރީގެ ލީޑަރެވެ. 

އާއްމު އިންތިޚާބުގެ އިތުރުން މެލޭޝިއާގެ 12 ސްޓޭޓެއްގެ، ސްޓޭޓް އިންތިޚާބުވެސް ބުދަ ދުވަހު ބޭއްވިއެވެ. އެ އިންތިޚާބުތަކުގައިވެސް ޕަކަޓަން ހަރަޕަން އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޖޮހޯރް، މަލައްކާ އަދި ނެގެރި ސެމްބިލަންގައި ކުރިން ބަރިސަން ނޭޝަނަލްގެ ބާރު އޮތް ނަމަވެސް، އެސްޓޭޓްތައް މިހާރު ވަނީ ޕަކަޓަން ހަރަޕަން އަށް ލިބިފައެވެ. އަދި ޕަކަޓަން ހަރަޕަންގެ ބާރު އޮތް ޕިނަންގް އަދި ސެލެންގޯރްގައި ބާރު ދެމެހެއްޓިއެވެ. 

ބަރިސަން ނޭޝަނަލް އިން ވަނީ ޕަރލިސް އަދި ޕަހާންގް ގައި އެކޯލިޝަންގެ ބާރު ދަމަހައްޓާފައެވެ. އަދި މެލޭޝިއާގެ އިސްލާމިކް ޕާޓީއިން ވަނީ ކެލަންޓަން އާއި ޓެރެންގަނުގެ ސަރަހައްދީ ސަރުކާރުގެ ބާރު ނަގާފައެވެ. 

2013ވަނަ އަހަރު އާއްމު އިންތިޚާބުގައި ވޯޓުލުމަށް މެލޭޝިއާގެ ވޯޓުލެވޭ އާބާދީކަމަށްވާ 15 މިލިއަން މީހުންގެ ތެރެއިން 85 އިންސައްތަ ނިކުތް ނަމަވެސް، މިފަހަރު ނިކުތީ 76 އިންސައްތައެވެ. 

މަހާތީރަކީ މިވަގުތު ދުނިޔޭގައި ހުންނެވި އިންތިޚާބު ކުރެވިފައިވާ އުމުރުން އެންމެ ދުވަސްވީ ލީޑަރެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް