ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެއް ކެނޑިޑޭޓް ނެރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެ އިންތިހާބްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރެވޭނެ ކަމަށް އެމަނިކުފާން ވިދާޅުވާ ވާހަކަފުޅު ވަނީ ތަކުރާރުކުރައްވާފައެވެ.
JP ge Riyaasee Candidate Hon @qasimibrahim ah Marhabaa. Gulhifaivaa Party thakah eh candidate nereveyne, adhi iraadha kurehvihyaa 2018 alugadumen kaamiyaab kuraane.
— Mohamed Nasheed (@MohamedNasheed) May 10, 2018
މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އަށް ރައީސް ނަޝީދު ވަނީ މަރުޙަބާ ދަންނަވާފައެވެ. އެހެންނަމަވެސް ރައީސް ނަޝީދާއި ގާސިމް އިބްރާހިމް މިހާރު ހުންނެވި ޖަލު ހުކުމެއްގައިކަމުން، އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މި ހާލަތުގައި އެ ދެ ބޭފުޅުންނަން ވެސް ލިބެއެއް ނުލައްވާނެންއެވެ.
ޖުމްހޫރީ ޕާޓީއިން އަންނަނީ ގާސިމްއަށް އިންތހިބާގައި ވާދަކުރެވޭނެ ގޮތެއް ހޯދަމުންނެވެ. ހަމައެހެންމެ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕަރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.
ކަންމިހެން އޮތް ނަމަވެސް، ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި ދެއްވި ތަގުރީރަކަށް ފަހު ރައީސް ނަޝީދު ވަނީ، ފަހު ވަގުތު އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު ބާއްވާނެ ކަމާއި، ޖޫން މަހު ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެކަން އިލެކްޝަން ކޮމިޝަނުން އިޢުލާނު ކޮށްފައިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ރޫޙު ހުރީ ވެސް ރައީސް ޔާމީން އާއި ދެކޮޅަށް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށެވެ. ނަމަވެސް އެފަރާތްތަކުން ވަނީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނާއި އެކު އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފައްދާފައެވެ.