ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 13:24
ކުރީގެ ރައީސް ވަހީދާއި ރައީސް ޔާމީން
ކުރީގެ ރައީސް ވަހީދާއި ރައީސް ޔާމީން
ރައީސް އޮފީސް
ކުރީގެ ރައީސް ވަހީދު
އުމުރަކީ މައްސަލައެއް ނޫން، ރާއްޖެއިން ދަސްކުރަންޖެހޭ: ޑރ. ވަހީދު
މެލޭޝިއާގެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރުގެ އުމުރުފުޅަކީ 92 އަހަރު
ރާއްޖޭގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނީ 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށް އެކަނި

މެލޭޝިއާގައި ބޭއްވި އާއްމު އިންތިހާބު 92 އަހަރުގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދު ކާމިޔާބު ކުރެއްވުމަކީ އިންތިހާބުތަކުގައި ވަކި އުމުރަކުން ދޮށީ ފަރާތްތަކަށް ވާދަ ނުކުރެވެންވީ ސަބަބެއް ނޫންކަން ދައްކުވައިދެއްވައިފި ކަމަށާއި ދިވެހިރާއްޖެއިން މިކަންކަން ދަސްކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރައްވައި ވެރިކަމަށް އަރާވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ. 

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، ރާއްޖޭގެ ފުރަތަމަ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވުމަށްފަހު، ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި އިސްދައުރެއް އަދާކުރެއްވި ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ މެލޭޝިއާގެ އާއްމު އިންތިހާބު ކާމިޔާބު ކުރެއްވި މަހާތީރު މުހައްމަދަށާއި އިދިކޮޅު ކޯލިޝަނަށް މަރުހަބާ ދަންނަވާފަ އެވެ. 

ރައީސް ވަހީދު އެހެން ވިދާޅުވެފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ މިސަރުކާރުން ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެންނަވާފަ އެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެންނަވާފަ އެވެ. 

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު، ނާއިބު ރައީސް ކަމުގެ މަގާމަށް ގެންނެވުމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަކުރުކުގެ ފުރުސަތު ގެއްލޭގޮތަށް ގާނޫނުއަސާސީއަށް މިއިސްލާހު ގެނެސްފައިވަނީ އަދީބު އިސްކޮށް ހުންނަވައިގެން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް